ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގާއިމްކޮށްފައިވާ ހުޅުލޭ އިރުއުތުރު ފަރާތުގައި އަޅާފައި ހުރި އުޅަނދުތައް ޑިސެމްބަރު 15ގެ ކުރިން ނަގަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމެޓެޑް (އެމްއޭސީއެލް) އިން މިއަދު އަންގައިފި އެވެ.
ހުޅުމާލެއަށް ވަންނަ ނެރާ ދިމާލުގައި އޮންނަ މި ސަރަހައްދު ހުސްކުރަން އެމްއޭސީއެލްއިން އެންގީ ހުޅުލޭ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން އެ ސަރަހައްދުގައި ތޮށިލުމުގެ މަސައްކަތްތައް ފެށުމަށެވެ.
މިއީ މިހާރު ވެސް އެއާޕޯޓުގެ ސެކިޔުރިޓީ ބޭނުމަށްޓަކައި އެމްްއޭސީއެލްގެ ހުއްދަ ނެތި އުޅަނދުތައް އެޅުން މަނާ ސަރަހައްދެކެވެ. އެ ކުންފުނިން ވަނީ އުޅަނދުތައް ނަގަން ބުނީ އިއުލާނުގައި ވެސް އެކަން ފާހަގަކޮށްފަ އެވެ.
އަދި މި ސަރަހައްދުގައި އަޅާފައިވާ ގިނަ އުޅަނދުތަކަކީ ހުއްދަ ނެތި ގަވާއިދާ ހިލާފަށް އަޅާފައި ހުރި އުޅަނދުތަކެއް ކަމަށް އެމްއޭސީއެލްއިން ފާހަގަކުރެ އެވެ.
ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްކުރާ ހުޅުލޭގެ މި ސަރަހައްދަކީ ވީއައިއޭގެ އެކްސްޕޭންޝަން އަދި ޑިވެލޮޕްމަންޓް ޕްރޮޖެެކްޓުގެ ދަށުން އަޅާފައިވާ އާ ރަންވޭގެ ކްރިޓިކަލް ޒޯނުގެ ބަޔެއް ވެސް ހިމެނެ އެވެ.














