ސައޮ ޕައޮލޯ، ބްރެޒިލް (ނޮވެމްބަރު 16) - ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި މިރޭ އާޖެންޓީނާއާ ދެކޮޅަށް ބްރެޒިލް ކުޅޭ މެޗުގައި ބްރެޒިލްގެ ތަރި ނޭމާ އަށް އަނިޔާގެ ސަބަބުން ނުކުޅެވޭނެ ކަމަށް ބްރެޒިލްގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނެފި އެވެ.
ބްރެޒިލާއި އާޖެންޓީނާ މިރޭ ކުޅޭ މެޗަކީ ހަގީގަތުގައި މިދިިޔަ ސެޕްޓެމްބަރު މަހު ފަސް ވަނަ ދުވަހު ކުޅެން ތާވަލުކުރި މެޗެކެވެ. އެ ރޭ ބްރެޒިލާއި އާޖެންޓީނާ ބައްދަލުކުރި މެޗު ފެށިތާ ފަސް މިނިޓް ތެރޭ ބްރެޒިލްގެ ސިއްހީ އޮފިޝަލުންނާއި ފުލުހުން ދަނޑަށް އެރުމުން މެޗު ހުއްޓާލަން ޖެހުނީ އެވެ.
ބްރެޒިލްގެ ސިއްހީ އޮފިޝަލުން ފުލުހުންނާ އެކު ދަނޑަށް އެރީ މެޗަށް ނުކުތް އާޖެންޓީނާ ޓީމުގައި ބްރެޒިލްގެ ކަރަންޓީނު އުސޫލާ ހިލާފުވެފައިވާ ކުޅުންތެރިންތަކެއް ހިމެނޭ ކަމަށް ބުނެ އެވެ. އެ ކުޅުންތެރިންނަކީ އިނގިރޭސި ޕްރިމިއާ ލީގު ކްލަބްތަކުގައި ކުޅޭ އާޖެންޓީނާގެ ކުޅުންތެރިންނެވެ. އިންގްލެންޑް އޮތީ އޭރު ބްރެޒިލުން ކަނޑައަޅާފައިވާ ރެޑް ލިސްޓްގަ އެވެ.
ގިނަ ގޮންޖެހުންތަކާ އެކު މެޗު މިރެ އަށް ތާވަލު ކުރެވުނުއިރު، ބްރެޒިލް ޓީމުގައި ނޭމާ ނުހިމެނެ އެވެ. މިދިޔަ ބުރާސްފަތި ދުވަހު ކޮލަމްބިއާ ބަލިކޮށް ބްރެޒިލުން ވޯލްޑް ކަޕްގެ ޖާގަ ކަށަވަރުކުރިއިރު، އެ ދުވަހު ބްރެޒިލްގެ ހަމައެކަނި ގޯލު ޖެހީ ނޭމާ ތަނަވަސްކޮށްދިން ފުރުސަތަކުން ލޫކަސް ޕަކޭޓާ އެވެ.
އާޖެންޓީނާ މެޗަށް ތައްޔާރުވާން ބްރެޒިލުން ބޭއްވި ފަރިތަކުރުމަށް ފަހު ނޭމާ ވަނީ އޭނާގެ ފަލަމަސްގަނޑަށް އަނިޔާވެފައިކަން ޓީމު ޑޮކްޓަރުންގެ ސަމާލުކަމަށް ގެނެސްފަ އެވެ.
ކުރު މުއްދަތެއްގެ ތެރޭގައި ނޭމާގެ ގިނަ ޓެސްޓްތަކެއް ހަދައިގެން އޭނާ ފިޓްވި ނަމަވެސް މެޗު ކުޅުވުމަކީ ރިސްކެއް ކަމަށް ފެންނާތީ ބްރެޒިލުން ނިންމީ ނޭމާ މި މެޗުގައި ބޭނުންނުކޮށް އޭނާގެ ކްލަބް ޕީއެސްޖީއާ ހަވާލުކުރުމަށެވެ.
ނޭމާއާ އެކު ޕީއެސްޖީ އަށް ކުޅޭ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ މިރޭގެ މެޗު ކުޅޭނެ އެވެ. އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ ވަނީ މީޑިއާ އަށް އެކަން ޔަގީންކޮށްދީފަ އެވެ. ބުރާސްފަތި ދުވަހުގެރޭ އުރުގުއޭ އަތުން އާޖެންޓީނާ މޮޅުވި މެޗުގައި މެސީ ބަދަލެއްގެ ގޮތުގައި ކުޅެން އަރައި ކުޅުނީ 15 މިނިޓެވެ. މެސީ ވެސް އަންނަނީ އަނިޔާ އަކުން ރިކަވާވަމުންނެވެ.












