އަންމަޓީ މައްސަލަ: ފިޔަވަޅު އަޅާނެކަމުގެ އިންޒާރަކާ އެކު ޕީޖީ ހިތްހަމަޖެހޭ ހުކުމެއް

ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް. --ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް. --ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

އިއްޔެ ހަވީރު ހައިކޯޓުން އެ އިއްވީ ޕްރޮސެކިއުޓާ ޖެނެރަލް އަލްއުސްތާޒް ހުސެއިމް ޝަމީމް ހިތްހަމަޖެހިވަޑައިގަންނަވާނެ ހުކުމެކެވެ؛ ސީލައިފް ފްލެޓްތަކުގެ މައްސަލައިގައި އެތައް ދައުވާ އުފުލާފައިވާ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އަންމަޓީ) ކަފާލާތުގެ ދަށުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި ހުކުމް، ބާތިލްކުރީ އެވެ. އަންމަޓީ ދޫކޮށްލުމުން އެ ހުކުމަށް ޝަމީމް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. އެކަމަކު އިއްޔެ ހުކުމް އިއްވަވަމުން ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒް ވަނީ ޝަމީމަށް އަމާޒުކުރައްވައި ވަރަށް ބޮޑަށް ފާޑުވިދާޅުވެ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ވެސް ދެއްވައިފަ އެވެ.

ފަނޑިޔާރު ނިޔާޒް ހިތްހަމަނުޖެހިވަޑައިގަތީ، އަންމަޓީ ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމުމުން އެކަމާ ދެކޮޅަށް ޝަމީމް މީޑިއާގައި ދެއްކެވި ވާހަކަތަކާ އެވެ. އެ މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދަށް އިޝާރާތްކުރައްވައި ޝަމީމް އެ ދުވަހު ވިދާޅުވީ "ދަށުކޯޓުގެ ހަމަ އެންމެ ފަނޑިޔާރަކަށް، ޖާމިނުކުރެވޭގޮތް ސާފުވެވަޑައިގެންފައި ނެތުމަކީ އެންމެންގެ ވަގުތު ގެއްލޭކަމަކަށްވެއްޖެ" ކަމަށެވެ.

ޝަމީމް ވިދާޅުވީ "ޖާމިނުވުމުގެ މަފްހޫމް ފަނޑިޔާރަށް ކިޔައިދެވޭތޯ، ތަފާތު ދެ މައްސަލައެއްގައި ލައްކަ މަސައްކަތް ކުރެވިއްޖެ" ކަމަށާއި، އެކަން ކާމިޔާބު ނުވި ކަމަށެވެ. އަދި އެ އުސޫލު ގާނޫނުގައި އެކަން ވަރަށް ސާފުކޮށް އޮތްކަން ފާހަގަކުރައްވާ އެ ގާޒީގެ ނިންމެވުމާއި ގުޅިގެން ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރެއްވި އެވެ.

އެ ވާހަކަތަކަށް އިޝާރާތްކުރައްވައި ހައިކޯޓުގެ ފަނޑިޔާރު ނިޔާޒް އިއްޔެ ހުކުމް އިއްވަވަމުން ވިދާޅުވީ އެއީ ފިޔަވަޅު އަޅަން ޖެހިދާނެ އަމަލެއް ކަމަށެވެ. ނިޔާޒް ވިދާޅުވީ ޕްރޮސިކިއުޝަންގެ ފަރާތުން މީޑިއާގައި އާއްމުކޮށް ކޮށްފައިވާ ކޮމެންޓްތަކެއް ކަމަށް ބުނެ ހުށަހެޅި ލިޔުންތަކެއް ހިމެނިފައި ހުރި ކަމަށާއި، އެއީ ތަރުހީބު ދޭ ކަމެއް ނޫން ކަމަށެވެ. އަދި އެއީ ޑިމޮކްރަޓިކް މުޖްތަމައަކުން ގަބޫލު ކުރާ އުސޫލަކަށް ވާނެ ކަމުގައިވެސް ބަލައި ނުގަނެވޭނެ ކަމަށް ވިދާޅު އެވެ.

މީގެ އިތުރުން "ވަކިވަކި ފަނޑިޔާރުންގެ ޒާތަށް ނިސްބަތްވާ ގޮތަށް ސޯޝަލް މީޑިއާގެ ވަސީލަތްތައް ބޭނުންކޮށްގެން، ފުރައްސާރައަކަށް ވެދާނެ ގޮތަކަށް ކަންކަން ކުރުމާއި މައްސަލައިގެ މައުލޫ ކޯޓުގައި ހިނގަހިނގާ އޮއްވައި، އެ މައުލޫގައި ކޯޓުން ބޭރުގައި ވަކިގޮތަކަށް އާންމުކޮށް ވާހަކަ ދެއްކުމާއި މި ކަންކަމަކީ ގާނޫނު ދައްކާފައިވާ މަގެއް ކަމަށް ނުދެކޭ”ކަމުގައި ވެސް ނިޔާޒް ވިދާޅުވި އެވެ.

"ކޯޓަކަށް ނުވަތަ ފަނޑިޔާރެއްގެ ކުރިމައްޗަށް އެކަމާމެދު ގޮތެއް ނިންމުމަށް ހުށަހެޅިފައިވާ ކަންކަމާ މެދު ޕަބްލިކްގައި ކޮމެންޓް ކުރުމަކީ ކޯޓު ކޮންޓެމްޕްޓްގެ ތެރެއިން ފިޔަވަޅު އަޅަންޖެހިދާނެފަދަ ކަމެއްކަން ދަންނަން ޖެހެ އެވެ،" ނިޔާޒުގެ ރައުޔުގައިވެ އެވެ. ނިޔާޒް ވަނީ ކޯޓުގައި ހިނގަމުންދާ މައްސަލައަކާ ގުޅިގެން ދައުލަތުގެ ފަރާތުން އެކަންކަމުގައި، އާއްމުންނަށް ފެންނާނެހެން ވާހަކަނުދެއްކެވުމަށް އިލްތިމާސްކުރައްވައިފަ އެވެ.

titledesc

ހައިކޯޓުން އިއްޔެ ހުކުމްކުރީ އެއްބަނޑު އެއްބަފާ ދައްތަ އާއި ކޮއްކޮ ޖާމިނު ކުރުމަށްފަހު ކަފާލާތުގެ ދަށުން އަހުމަދު މޫސާ ދޫކޮށްލަން އެ މައްސަލަ ބެއްލެވި ގާޒީ ހަސަން ސައީދު ނިންމެވުމުން ގުޅިގެން، އެ ހުކުމް ޕީޖީ އޮފީހުން ހައިކޯޓުގައި އިސްތިއުނާފުކުރުމުންނެވެ.

އަންމަޓީ
އަންމަޓީ

އަންމަޓީ

އެ މައްސަލަ ހައިކޯޓުގައި ބެއްލެވީ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ ރިޔާސަތުގައި އިންނަވައިގެން ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު ނިޔާޒްއާ އެކު އެވެ. އެހެން ނަމަވެސް ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ޝުއައިބުގެ ރައުޔާއި، ބެންޗުގައި ހިމެނިވަޑައިގަންނަވާ އަނެއް ދެ ފަނޑިޔާރުންގެ ރައުޔު ތަފާތުވުމުން އަންމަޓީ ވަނީ އަލުން ބަންދުކޮށްފަ އެވެ.

އަންމަޓީ އަލުން ބަންދުކުރުމަށް އެންގުމުގައި ހައިކޯޓުން ރިޔާއަތް ކޮށްފައިވާ ކަންކަން

އިސްތިއުނާފް ކުރެވުނު ފުރަތަމަ ނުކުތާ

ކްރިމިނަލް ކޯޓުގެ ނިންމުން ގޯސް ކަމަށް ބުނެ، ދައުލަތުން އިސްތިއުނާފްކޮށްފައިވާ ފުރަތަމަ ނުކުތާގައި ވަނީ އަންމަޓީ ކަފާލާތުގެ ދަށުން މިނިވަންވުމަށް ހަރުދަނާ އަސާސެއް ދެއްކިފައި ނުވާ ކަމަށާއި، އެ ނިންމުން ޝަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދާއި ހިލާފު ކަމަށެވެ.

އަދި އަންމަޓީއަކީ މީގެ ކުރިން ތަހުގީގަށް ފިލައިގެން އުޅުނު މީހެއް ކަމަށްވުމުން، ކަފާލާތުގެ ދަށުން އޭނާ ދޫވެފައި ހުންނަ މުއްދަތުގައި ފިލައިފާނެ ކަމުގެ އިހްތިމާލު އޮތް ކަމަށް ވެސް ބުނެފައިވެ އެވެ.

ފަނޑިޔާރު ޝުއައިބުގެ ރައުޔު

އަންމަޓީ ފިލައިގެން ދިއުމުގެ އިހުތިމާލު ނައްތައިލެވޭނެ ނުވަތަ ކުޑަކުރެވޭނެ އިތުރު ހަރުދަނާ ފިޔަވަޅުތަކާއެކު ބަންދަށް ލުޔެއް ދިނުމަށް މައްސަލަ މައުލޫއީ ގޮތުން ބައްލަވާ ގާޒީއަށް ހުރަހެއް އޮތްކަމުގައި ނުދެކޭކަމަށް ފަނޑިޔާރު ޝުއައިބުގެ ރައުޔުގައިވެ އެވެ. އަދި އޭނާ ބަންދުން ދޫކޮށްލާފައިވަނީ، ކޯޓަށް ހާޒިރުރުވާނެކަން ކަށަވަރުކުރުމަށް ފިޔަވަޅުތަކެއް އަޅައި، ގާޒީއަށް ލިބިފައިވާ ތަގްދީރީ ބާރުގެ ދަށުން ޖިނާއީ އިޖުރާތާއި ޝަރީއަތް ކުރުމާއި ބެހޭ ގަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ވެސް އެ ރައުޔުގައި ބުނެފައި ވެއެވެ.

ފަނޑިޔާރު ޝުއައިބުގެ ރައުޔުގައިވާ ގޮތުން މިއީ ކަފާލާތުގެ ދަށުން ދޫކުރެވިދާނެ ބާވަތުގެ މައްސަލައެކެވެ. އަދި ދައުލަތުން ވެސް އެކަމަށް އިންކާރު ނުކުރާ ކަން ފަނޑިޔާރު ފާހަގަކުރެއްވި އެވެ.

ފަނޑިޔާރު ނިޔާޒުގެ ރައުޔު

ފަނޑިޔާރު އަބްދުﷲ ހަމީދުވެސް ތާއީދު ކޮށްފައިވާ މި ރައުޔުގައިވާ ގޮތުން އަންމަޓީ ކަފާލާތުގެ ދަށުން ދޫކޮށްލާފައި ވަނީ ފިލާފާނެ ކަމުގެ އިހުތިމާލްތައް ނައްތާނުލަ އެވެ. އެގޮތުން މިއީ ކަފާލާތުގެ ދަށުން ދޫކުރެވޭނެ ބާވަތުގެ މައްސަލައެއް ނޫންކަން ފާހަގަކުރައްވަމުން ފަނޑިޔާރު ނިޔާޒް ވިދާޅުވީ މި މައްސަލައަކީ އަންމަޓީގެ މައްޗަށް ތުހުމަތު ކުރެވޭ ހިޔާނާތަކީ އެތައް މީހެއްގެ ހައްގަށް ގެއްލުންވެފައިވާ މައްސަލައެއް ކަމަށެވެ.

އެގޮތުން އޭނާ ފިލައިގެން ދާނެ އިހްތިމާލު ނައްތާލެވިފައި ނުވާ ކަމަށް ފަނޑިޔާރު ދެކިވަޑައިގަނެ އެވެ. އެއީ އޭނާގެ ޕާސްޕޯޓެއް އޮތްކަން ނުވަތަ ނެތްކަން، ނުވަތަ މުއްދަތު ހަމަވެފައިވޭތޯ ވެސް ޕްރޮސިކިއުޝަނުން ޝަރީއަތުގައި ސާފުކޮށްދީފައި ނުވާތީ އެވެ. އަދި އޭނާގެ ނަމުގައި ކިތައް ޕާސްޕޯޓު އޮތްތޯ އާއި އޭނާ ދަތުރު ކުރުމަށް ރަސްމީ އެނޫން އެހެން ލިޔުމެއް ބޭނުންކުރޭތޯ އިމިގްރޭޝަނަށް ލިޔެގެން ދައުލަތުން ސާފުކޮށްފައި ނުވާތީ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

މީގެ އިތުރުން މީގެ ކުރިން ތަހުގީގަކަށް ފިލައިގެން އޭނާ އުޅެފައިވާތީ އާއި، ތަހުގީގަށް ހާޒިރު ނުވެވޭނެކަން ފުލުހަށް އަންގާފައި ވާތީ ފިލާފާނެ ކަމުގެ އިހްތިމާލު އޮތް ކަމަށް ބޮޑަށް ބުރެވެވޭކަން ފަނޑިޔާރު ފާހަގަކުރެއްވި އެވެ. އަދި ފިލައިގެން ގޮސްފި ނަމަ އަނބުރާ މި ރާއްޖެ ނުގެނެވިދާނެ ކަމުގެ އިހްތިމާލު ވެސް ބޮޑުކަން ފާހަގަކުރައްވަމުން ވިދާޅުވީ، އެފަދަ ހާލަތެއް ތަސައްވަރުކުރާއިރު، ފައިސާގެ ގޮތުން ގެއްލުން ލިބުނު ފަރާތްތަކުގެ ހައްގަށް އުނިކަމެއް ލިބޭތީ އަންމަޓީގެ ހައްގަށް އެކަނި ރިޔާއަތްކޮށް ކަފާލާތުގެ ދަށުން ދޫކުރުމުގައި އަމަލުކޮށްފައިވާ ގޮތް ގާނޫނީ ގޮތުން ބަލައިނުގަނެވޭ ކަމަށެވެ.

އިސްތިއުނާފް ކުރެވުނު ދެވަނަ ނުކުތާ

މި ނުކުތާގައި ފާހަގަކޮށްފައި ވަނީ އަންމަޓީ ޖާމިނުކުރި އޭނާގެ ކޮއްކޮއާއި ދައްތަގެ ކިބައިގައި ފުރިހަމަވާން ޖެހޭ ޝަރުތުތައް ފުރިހަމަވޭތޯ ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު ކަށަވަރުކުރައްވާފައި ނުވާ ކަމަށެވެ. އަދި ޖާމިނުވި ދެމީހުން ކްރިމިނަލް ކޯޓަށް ހާޒިކޮށް ސުވާލުކޮށްފައި ވީނަމަވެސް، ހަމައެކަނި ސުވާލު ކުރުމަކުން އެމީހާގެ ކިބާގައި ޝަރުތުތައް ފުރިހަމަ ވާކަން ކަށަވަރު ނުކުރެވޭ ކަމަށާއި، ލިޔުމުން އެ ހޯދާފައި ނުވާ ކަމަށް ދައުލަތުގެ އިސްތިއުނާފީ މި ނުކުތާގައިވެ އެވެ.

ފަނޑިޔާރު ޝުއައިބުގެ ރައުޔު

ޖާމިނުވާ ފަރާތުގެ ޝަރުތުތައް ފުރިހަމަ ނުވާކަން ދަށުކޯޓަށް ސާބިތުނުކޮށްދެވޭ ހިނދު އެ ޝަރުތުތައް ފުރިހަމަވާނެ ކަމަށް ބެލެވޭނެ ކަމަށް ޝުއައިބު ވިދާޅުވި އެވެ. އަދި ކުށުގެ ތުހުމަތުގައި ބަންދުކުރެވޭ މީހާގެ ބަންދާއި މެދު ފަނޑިޔާރު ގޮތެއް ކަނޑައަޅުއްވާއިރު، ތުހުމަތުގައިވާ މީހާގެ ފަރުދީ މަސްލަހަތާއި އެމީހާގެ ހައްގުތައް ރައްކާތެރިކުރެވޭނެ ގޮތް ތަކެއްގެ މައްޗަށް ވެސް ރިއާޔަތްކޮށް މި ދެ މަސްލަހަތު ބެލެންސް ކުރެވޭނެގޮތެއްގެ މައްޗަށް ބައްލަވަން ޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ފަނޑިޔާރު ނިޔާޒުގެ ރައުޔު

ފަނޑިޔާރު އަބްދުﷲ ހަމީދު ވެސް ތާއީދު ކޮށްފައިވާ މި ރައުޔުގައި ވާގޮތުން ޖާމިނުވާ ދެމީހުންގެ ޝަރުތުތައް ކަށަވަރު ކުރަންޖެހެނީ ވަސީލަތްތައް ގާއިމްވެފައި ހުރިނަމަ އެ ވަސީލަތެއް މެދުވެރިކޮށެވެ. އެފަދަ ވަސީލަތެއް ނެތްނަމަ ޖާމިނުވާ މީހާގެ ބަސް ލިޔުމުން ހޯދައިގެން ކަމަށް އެ ދެ ފަނޑިޔާރުން ވެސް ދެކެވަޑައިގަތެވެ. އަދި އެމީހާގެ ބަސް ލިޔުމުން ހޯދުމުގެ ކުރިން އެކަން ކަށަވަރު ކުރެވޭނެ ވަސީ ލަތްތަކުގެ ބޭނުން ކުރަންޖެހޭނެ ކަމަށްވެސް ގަބޫލުކުރައްވަ އެވެ.

އައްމަޓީގެ މައްޗަށް ދައުލަތުން ހިޔާނާތުގެ 42 ދައުވާއެއް ކުރެ އެވެ. އެ ހުރިހާ ދައުވާތަކެއް ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 65 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ. މި ހުރިހާ ދައުވާއަކަށްވެސް އޭނާ ވަނީ އިންކާރު ކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox