ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނަގާފައިވާ ދަރަންޏަށް ވުރެ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނެގި ދަރަނި އިތުރުކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވި ވާހަކައަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު ރައްދު ދީފި އެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓު ބަހުސްގައި މެމްބަރުންގެ ވާހަކަތަކަށް ޖަވާބުދާރީވާން މިދިޔަ ބުދަ ދުވަހުގެ ޖަލްސާގައި ލިބުނު ވަގުތުގައި ވާހަކަ ދައްކަވަމުން އަމީރު ވިދާޅުވީ މި ސަރުކާރުގައި ދައުލަތުގެ ދަރަނި އިތުރުވަމުންދާކަމުގެ ކަންބޮޑުވުންފާޅު ކުރަމުންދާއިރު، ކުރީގެ ސަރުކާރުތަކުން ނަގާފައިވާ ދަރަންޏަށް ވިސްނާލަންޖެހޭ ކަމަށެވެ.
އެކަމުގެ ތަފްސީލަށް ވަޑައިގަންނަވަމުން، މިނިސްޓަރު ވަނީ ކުރީގެ ސަރުކާރުތަކުން ސީދާ ނެގި ދަރަންޏާއި އެ ދަރަނި އަދާކުރަން ހޭދަކުރި މިންވަރުގެ އަދަދުތައް ހާމަކޮށްދެއްވައިފަ އެވެ.
އަމީރު ވިދާޅުވި ގޮތުގައި އެ އަދަދުތަކުގެ ތެރޭގައި ހިމެނެނީ ސީދާ ދައުލަތުން ނަގާފައިވާ ދަރަނީގެ އިތުރުން ދައުލަތުން ޒިންމާވާ ގޮތަށް ސޮވެރިން ގެރެންޓީ ދީގެން ނަގާފައިވާ ދަރަންޏެވެ.

އަމީރު ދެއްވި ދަރަނީގެ ތަފްސީލް
- ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރު - 6.2 ބިލިއަން ރުފިޔާ
- ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރު - 11.3 ބިލިއަން ރުފިޔާ
- ރައީސް މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރު - 6.2 ބިލިއަން ރުފިޔާ
- ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރު - 39.6 ބިލިއަން ރުފިޔާ
- ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު - 34 ބިލިއަން ރުފިޔާ
ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ދަރަނި ނަގާފައިވަނީ ރާއްޖޭގެ އިގުތިސޯދު ވަރަށް ރަނގަޅަށް އޮތް ދުވަސްވަރެއްގައި ކަމަށާއި އެއާ ހިލާފަށް ރައީސް ސޯލިހުގެ ސަރުކާރަށް ދަރަނި ނަގަންޖެހުނީ ފަހުގެ ތާރީހެއްގައި މުޅި ދުނިޔެ ވެސް ނުދެކޭފަދަ އިގުތިސޯދީ ކާރިސާއެއްގައި ދައުލަތުގެ މާލިއްޔަތު ހަމަޖެއްސުމަށްކަން އަމީރު ފާހަގަކުރެއްވި އެވެ.
"އަޅުގަނޑު ހިތުން ވަރަށް ބޮޑަށް ކްލިޔާ. ރައީސް ޔާމީންގެ ސަރުކާރުގެ އެ ފަސް އަހަރަކީ މުޅި ދުނިޔޭގެ ވެސް އަދި ރާއްޖޭގެ ތާރިހުގައި ވެސް އެންމެ ރަނގަޅަށް އަދި އެންމެ ނޯމަލްކޮށް އިގުތިސޯދު ކުރިއަރަމުންދިޔަ އެއް ދައުރު،" ދުނިޔޭގެ ތެލުގެ އަގަށާއި އިގުތިސޯދީ އެއްވެސް ކާރިސާއެއް ނާންނައިރު އެ ދަރަނި ނަގައިގެން ވީ ކޮންކަމެއްތޯ އަމީރު އެ ދުވަހު ސުވާލު ކުރެއްވި އެވެ.
ނަމަވެސް، އަންނަ އަހަރުގެ ބަޖެޓާ ގުޅޭގޮތުން އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ޕާލިމަންޓްރީ ގުރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ގުރޫޕުގެ ލީޑަރު އަދި އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވަނީ އަމީރުގެ ހިސާބުތަކަށް ނުސީދާކޮށް ރައްދު ދެއްވައިފަ އެވެ.
ސަލީމް ވިދާޅުވީ މި ސަރުކާރުގައި ކޮންމެ އަހަރަކު 13 ބިލިއަނެއްހާ ރުފިޔާގެ ދަރަނި އިތުރުވަމުން އައިސް، އެ އަދަދު އަންނަ އަހަރު 48 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށެވެ.
އެކަމުގެ އިތުރު ތަފްސީލް ދެއްވަމުން ސަލީމް ވިދާޅުވި ގޮތުގައި ރާއްޖެއަށް މިނިވަންކަން ލިބުނު ފަހުން ޔާމީންގެ ސަރުކާރު ނިމުމާ ހަމައަށް ހުރީ ޖުމްލަ 42 ބިލިއަން ރުފިޔާގައި އެވެ.
މި ސަރުކާރުގެ އެންމެ ތިން އަހަރުގެ ތެރޭގައި [ދަރަނި] 48 ބިލިއަން ރުފިޔާއަށް އަރައިފި،" ސަލީމް ވިދާޅުވި އެވެ.
ދަރަނީގެ މިވަގުތުގެ ހާލަތު
ކޮވިޑާއެކު ދައުލަތުގެ ހަރަދުތައް ފޫބެއްދުމަށް ނަގަން ޖެހުނު ދަރަނީގެ ބޮޑުކަމާއެކު، މި އަހަރު ނިމޭއިރު ދައުލަތުން ދީފައިވާ ގެރެންޓީ ހިމަނައިގެން ދަރަނީގެ ޖުމުލަ އަދަދު ހުންނާނެކަމަށް ބެލެވެނީ 94 ބިލިއަން ރުފިޔާގައި ކަމަށް ފިނޭންސް މިނިސްޓްރީން ލަފާކުރެ އެވެ.
މިއީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާއިރު، 122 ޕަސަންޓެވެ.
ނަމަވެސް، ދަރަނި ކުޑަކުރުމުގެ ހާއްސަ ފިޔަވަޅުތަކަކާއެކު ދައުލަތުގެ ސީދާ ދަރަނި އަންނަ އަހަރު ނިމޭއިރު، ޖީޑީޕީގެ 104 ޕަސަންޓަށް އަދި 2023 ވަނަ އަހަރު ނިމޭ އިރު 101 ޕަސަންޓަށް ދަށްކުރަން ސަރުކާރުން ވަނީ އަމާޒުހިފައިފަ އެވެ.
ބަޖެޓު 2022 ގެ ހުލާސާ
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވަނީ 36.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓްގެ 24.8 ބިލިއަން ރުފިޔާ ރިކަރަންޓް ހަރަދުގެ ގޮތުގައި ހިމަނާފައިވާއިރު، ކެޕިޓަލް ހަރަދަށް ލަފާކޮށްފައިވަނީ 12.1 ބިލިއަން ރުފިޔާ އެވެ.
ފިނޭންސް މިނިސްޓްރީން ލަފާކުރާ ގޮތުގައި އަންނަ އަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 24.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރެ އެވެ.
އަންނަ އަހަރަށް ހުށަހަޅާފައިވަނީ 9.7 ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓެކެވެ.
ނަމަވެސް، އޭގެ ތެރޭގައި ލޯނު އަނބުރާ ދެއްކުމުގެ ބައި ނުހިމެނޭތީ، ލޯނު އަނބުރާ ދެއްކުމަށް 2.9 ބިލިއަން ރުފިޔާގެ އިތުރުން އެހެނިހެން ކަންކަމަށް އިތުރު 805 މިލިއަން ރުފިޔާ ބޭނުންވާކަމަށް ވަނީ ލަފާކޮށްފަ އެވެ.
އެއާއެކު އަންނަ އަހަރުގެ ބަޖެޓު ފިނޭންސް ކުރުމަށްޓަކައި ޖުމްލަ 13.4 ބިލިއަން ރުފިޔާ ހޯދަންޖެހެ އެވެ. އެކަމަށް ބޭނުންވާ އަދަދުގެ 7.5 ބިލިއަން ރުފިޔާ ބޭރުގެ އެކި ފަރާތްތަކުން ހޯދަން ހިމަނާފައި ވާއިރު، ބާކީ ހަމަޖައްސަނީ އެތެރޭގެ ފަރާތްތަކަށް ބޮންޑާއި ޓީ ބިލު ފަދަ ސެކިއުރިޓީޒް ވިއްކައިގެންނެވެ.













