މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ފެކަލްޓީ އޮފް އިންޖިނިއަރިން، ސައިންސް އެންޑް ޓެކްނޮލޮޖީ (އެފްއީއެސްޓީ) ގެ ޑީން ކަމުގެ މަގާމަށް އާދަމް ހާލިދު އައްޔަނުކޮށްފި އެވެ.
އާދަމް ހާލިދަކީ ދިގު މުއްދަތަކަށް ޑިޕާޓްމަންޓް ހެޑެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ އަދި ޔުނިވާސިޓީގެ އެކަޑަމިކް ސެނެޓްގައި ބައިވެރިވެ ފެކަލްޓީ ތަމްސީލުކުރުމުގެ ގިނަ މަސައްކަތްތަކެއް ކޮށްފައިވާ މީހެކެވެ.
އޭނާ ވަނީ 2005 އިން 2009 އަށް ފެކަލްޓީ އޮފް މެނޭޖްމަންޓް އެންޑް ކޮމްޕިއުޓިންގެ އެސިސްޓަންޓް ލެކްޗަރާއެއްގެ ގޮތުގައި މަސައްކަތްކުރައްވައިފަ އެވެ.
ޑީން ކަމުގެ މަގާމު ހަވާލުކުރަންދެން 2011 ވަނަ އަހަރުން ފެށިގެން އާދަމް ހާލިދު ދިޔައީ އެފްއީއެސްޓީގެ ލެކްޗަރާއެއްގެ މަގާމު އަދާކުރައްވަމުންނެވެ.
ހާލިދަށް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ އެމްއެންޔޫގެ ވައިސް ޗެއާޕާސަން ޑރ. މުހައްމަދު ޝަރީފު އެވެ.

މަގާމުގެ ލިޔުމާ ހަވާލުވެ ހާލިދު ވަނީ ގައުމެއް ތަރައްގީވުމަށް ޓެކްނޮލޮޖީ އަށް އަހުލުވެރި، ސައިންސްގެ އަލީގައި ވިސްނަން ދަންނަ، އިލްމީ އަދި ފަންނީ މީހުން ބިނާކުރުމަކީ މުހިންމުކަމެއްކަން ފާހަގަކުރައްވައިފަ އެވެ.













