ބެޑްމިންޓަންގެ އާ ގައުމީ ޗެމްޕިއަނަކީ ތޯއިފް!

ރޭގެ ފައިނަލަށް ފަހު ތޯއިފް އުފާފާޅުކުރަނީ: މިއީ އޭނާ ގައުމީ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރު.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ރޭގެ ފައިނަލަށް ފަހު ތޯއިފް އުފާފާޅުކުރަނީ: މިއީ އޭނާ ގައުމީ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރު.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ޖެހިޖެހިގެން ތިން ވަނަ ފަަހަރަށް ގައުމީ ބެޑްމިންޓަން ފިރިހެން ސިންގަލްސް ފައިނަލުގައި ކުޅުނު ނިބާލް އަހުމަދު ބަލިކޮށް އަހުމަދު ތޯއިފް މުހައްމަދު ގައުމީ ޗެމްޕިއަންކަން ރޭ ހޯދައިފި އެވެ.

މިއީ ތޯއިފް ގައުމީ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ. އޭނާ އެންމެ ފުރަތަމަ ގައުމީ ފައިނަލުގައި ކުޅުނީ 2015 ވަނަ އަހަރު އެވެ. އެ ފަަހަރު ފައިނަލުގައި މުހައްމަދު އަޖުފާން އަތުން ވީ ބައްޔެވެ. ތޯއިފް ވަނީ ސެމީ ފައިނަލުގައި ޒަޔާން ޒަކީ ބަލިކޮށްފަ އެވެ. ރޭ ފައިނަލުގައި ނިބާލް އަތުން ތޯއިފް މޮޅުވީ ފަހަތުން އަރައި 2-1 ސެޓުންނެވެ.

ފުރަތަމަ ސެޓުން ނިބާލް މޮޅުވީ 11-21 އިންނެވެ. ދެ ވަނަ ސެޓުގެ ތެރެއިން ނިބާލަށް ކޮންމެ ވެސް ވަރަކަށް އަނިޔާގެ މައްސަލަ ކުރިމަތިވިއިރު، ތޯއިފް ވަނީ ވަރަށް އާދަޔާހިލާފު ހިތްވަރެއް ދައްކައި ފަހު ދެ ސެޓުން މޮޅުވެ މެޗު ކާމިޔާބުކޮށްފަ އެވެ. އެއީ 23-21 އާއި 21-18 އިންނެވެ.

ފިރިހެން ސިންގަލްސްގެ ސެމީ ފައިނަލްގައި ކުޅުނު ހަތަރު ކުޅުންތެރިންނާއި ޝަރަފްވެރި މެެހްމާން.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ފައިނަލް މެޗާ ބެހޭގޮތުން ތޯއިފް، 25، "އަދަދު" އަށް ބުނީ ތައްޔާރުވެގެން ދިޔަ ގޭމް ނިބާލާ ދެކޮޅަށް ނުކުޅެވުނު ކަމަށެވެ. ފުރަތަމަ ސެޓު ގެއްލުނަސް ހިތްވަރު އެލުވާނުލައި ކުރި މަސައްކަތުން ދެ ވަނަ ސެޓު ލިބި އެ ހިސާބުން ކޮންފިޑެންސާ އެކު ކުޅެލަން ހިތްވަރު ލިބުނު ކަމަށް ތޯއިފް ވަނީ ބުނެފަ އެވެ.

"އަލްހަމްދުލިއްލާހި، ދެ ވަނަ ސެޓު ލިބުނީމަ، އިތުރަށް ފޯކަސް ރަނގަޅުކޮށް، ތިން ވަަނަ ސެޓުގެ ތެރެއަށް ވަދެވި ކާމިޔާބުވީ،" ތޯއިފް ބުންޏެވެ.

"ނިބާލް ފެންނަނީ އަހަރަަކަށް ވުރެ އަހަރެއް ވަރުގަދަވަމުން އަންނަތަން، އޭނަ ބަލިކުރުން އެއީ ފަސޭހަކަމެއް ނޫން"

މިއީ އަޖުފާން ނޫން ކުޅުންތެރިއަކު އަތުން ނިބާލް ގައުމީ ސިންގަލްސްގެ ސެމީ ނޫނީ ފައިނަލުގައި ބަލިވި ފުރަތަމަ ފަހަރެވެ.

ތޯއިފް ކުރި ބުރަ މަސައްކަތުގެ ފޮނި ނަތީޖާ އަކީ "ގައުމީ ތަށި"

އެންމެޒުވާން އުމުރުގައި ތޯއިފަކީ ބެޑްމިންޓަން ކުޅުންތެރިއެއް ނޫނެވެ. އޭނާ އަކީ ފުޓްބޯޅައިގެ ގޯލްކީޕަރެކެވެ. އެކަމަކު، އެންމެ ޝައުގުވެރިކަމާ އެކު ނުކުޅެވޭތީ ފުޓްބޯޅަ އަށް އޭނާގެ ހިތެއް ނުޖެހެ އެވެ. އެހެން ދުވަސް ގުނަމުން ދަނިކޮށް ގޭތެރޭގައި ބައްޕަ ބެޑްމިންޓަން ކުޅެންދާ ރެކެޓް އޮންނާތީ އޭގެން ފެށީ ބެޑްމިންޓަން ކުޅޭށެވެ. ރޭ ގައުމީ ޗެމްޕިއަންކަން ހޯދުމަށް ފަހު އުފާފާޅުކުރުމުގެ ތެރޭގައި ތޯއިފަށް އެންމެ ސަޕޯޓް ދޭން ހުރި އެކަކަކީ އޭނާގެ ބައްޕަ އެވެ.

ތޯއިފްގެ ބެޑްމިންޓަން ދަތުރު ސީރިއަސްކޮށް ފެށުނީ 2007 ވަނަ އަހަރު ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމް، ބެޑްމިންޓަންގެ ވައިޑީޕީ އާ ގުޅުނު ހިސާބުންނެވެ.

ތޯއިފްގެ ބެޑްމިންޓަން ކެރިއަރުގައި މިހާ ހިސާބަށް ވަނީ ތަފާތު ކަންތައްތަކެއް ތަޖުރިބާކޮށްފަ އެވެ. ރިޔޫނިއަންގައި 2015 ވަނަ އަހަރު އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ދިޔަ ގައުމީ ބެޑްމިންޓަން ޓީމުގެ ސިލެކްޝަނުން އޭނާ އަށް ފުރުސަތު ގެއްލުނީ ފަހު ވަގުތު އެވެ. އެ އަހަރުގެ ގައުމީ މުބާރާތުގެ ފިރިހެން ސިންގަލްސް ފައިނަލުގައި އަޖުފާން އަތުންވީ ބައްޔެވެ.

ފައިނަލް މެޗަށް ފަހު ބޭއްވި އުފާފާޅުކުރުމުގެ ތެރެއިން ތޯއިފްގެ ބައްޕަ އޭނާ އުރާލައިގެން.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

އިންޑިއާގެ ގުވަހާޓީ އާއި ޝިލޯންގައި 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހު އޮތް ސައުތު އޭޝިއަން ގޭމްސް އަށް ފަހު ތޯއިފް ޖެހުނީ ދިރިއުޅުމުގެ ކަންތައްތައް ހުރި ގޮތުން ބެޑްމިންޓަނާ ދުރަށް ދާށެވެ. ޕޮލިހުގައި އަދާކުރަމުން އައި ވަޒީފާ އާއި ޓްރެއިނިން އަށް ދާން ޖެހުމާ އެކު އެ ވަގުތު ބެޑްމިންޓަނާ ވަކިވާން ޖެހުނެވެ.

ޓްރެއިނިން އަށް ފަހު ބެޑްމިންޓަނަށް އެނބުރި އަންނަން ތޯއިފަށް މަގުކޮށައިދިނީ ޕޮލިސް ކްލަބުންނެވެ. އެ ގޮތުން 2017 ވަނަ އަހަރު ޕޮލިސް ކްލަބަށް ދެއްކި ކުޅުމާ އެކު ތޯއިފް އަލުން ގައުމީ ޓީމުން ޖާގަ ހޯދި އެވެ. އެކަަމަކު، ގައުމީ ޓީމުން ހަމަހަމަ ފުރުސަތު ނުލިބޭ ކަމަށް ބުނެ، 2019 ވަނަ އަހަރު މެއި މަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލި އެވެ.

އޭގެ ފަހުން ރިވައިވަލް ސްޕޯޓްސްއާ ގުޅި ތޯއިފް އަންނަނީ ރަނގަޅު ކާމިޔާބީތަކެއް ހޯދަމުންނެވެ. ގައުމީ އަދި އިންޓަނޭޝަނަލް ލެވަލްގައި ވެސް ކާމިޔާބު ހޯދައިފި އެވެ. މި ފަހަރުގެ ގައުމީ ޗެމްޕިއަންކަން ލިބުމުގައި ވެސް ތޯއިފް ވަނީ ރިވައިވަލް އިން ދިން ސަޕޯޓް ފާހަގަކޮށްފަ އެވެ.

ތޯއިފް ބުނީ ކޮވިޑް-19 ގެ ސަބަބުން މި އައި މެދުކެނޑުންތަކުގެ ތެރޭގައި ކުޅުންތެރިންގެ ލެވަލް ހިފަހައްޓަން ރިވައިވަލް އިން ކުރި މަސައްކަތް ބަލައިގަންނަ ކަމަށެވެ. އަދި މި ފަހަރުގެ ގައުމީ މުބާރާތަށް ރިވައިވަލްގެ ހުރިހާ ކުޅުންތެރިން އެކުގައި މަސައްކަތް ކުރެވިފައިވާތީ އެއީ ވެސް މުބާރާތަށް ވީ އެންމެ ފުރިހަމަ އަށް ތައްޔާރުވާން ލިބުނު ފަސޭހައެއް ކަމަށް ތޯއިފް ގަބޫލުކުރެ އެވެ.

"އިންޑިވިޖުއަލް ސްޕޯޓެއް (ކުޅިވަރެއް) ވިޔަސް ޕްރެކްޓިސްގައި ޓީމް އެފޯޓެއް ލައިގެން އެންމެން އެކުގައި ކުރިއަރަން މަސައްކަތްކުރީ. އެއީ ނެޝަނަލްސްގައި (ގައުމީ މުބާރާތުގައި) ރަނގަޅު ޕާފޯމެންސް އެއް ދައްކަން،" ތޯއިފް ބުންޏެވެ.

މި ފަހަރުގެ ގައުމީ މުބާރާތް ބޭއްވީ ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ. މިިދިޔަ އަހަރުގެ ގައުމީ މުބާރާތް ނުބޭއްވުނީ ކޮވިޑް-19އާ ހެދި ކުޅިވަރު ހަރަކާތްތައް ބާއްވަން ހުއްދަނެތުމުންނެވެ. ތޯއިފް ވަނީ މި އަހަރު ގައުމީ މުބާރާތް ބާއްވަން ނިންމީތީވެ، ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އަށް ޝުކުރު އަދާކޮށްފަ އެވެ.

މުބާރާތުގެ ފުރަތަމަ ޑިވިޝަންގެ ފިިރިހެން ޑަބަލްސް ފައިނަލުގައި ވެސް ތޯއިފް ވަނީ ވާދަކޮށްފަ އެވެ. ތޯއިފާއި މުހައްމަދު ވަސީމްގެ ޕެއާ ވަނީ ހަސަން އަފްޝީން އާއި ހިޝާމް ލަތީފްގެ ޕެއާ އަތުން ބަލިވެފަ އެވެ. އަފްޝީން އާއި ހިޝާމްގެ ޕެއާ މޮޅުވީ 21-17، 19-21، 21-12 އިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox