ދުބާއީ (14 ނޮވެމްބަރު) - ޓީ20 ވޯލްޑް ކަޕްގެ ފައިނަލްގައި މިރޭ ނިއު ޒިލޭންޑް އަތުން 8 ވިކެޓުން މޮޅުވެ، އޮސްޓްރޭލިއާ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ. މިއީ ޓީ20 ވޯލްޑް ކަޕްގެ ޗެމްޕިއަންކަން އޮސްޓްރޭލިއާ ހޯދި ފުރަތަމަ ފަހަރެވެ.
ދެވަނަ އިނިންސްގައި ކުޅެންއެރި އޮސްޓްރޭލިއާ އަށް ޗެމްޕިއަންކަން ހޯދައިދިނުމުގައި އެންމެ މުހިންމު ރޯލެއް އަދާކުރީ މިޗެލް މާޝް އަދި ޑޭވިޑް ވޯނާ އެވެ.
މެޗުގައި ފުރަތަމަ ކުޅެންއަރައި، ނިއު ޒިލޭންޑުން 20 އޯވަރުގެ ތެރޭގައި ހަތަރު ވިކެޓަށް، 172 ލަނޑު ހެދި އެވެ. ނިއު ޒިލޭންޑްގެ ކޭން ވިލިއަމްސަން 48 ބޯޅައިން 85 ލަނޑު ހެދި އެވެ.
ޖަވާބުގައި ކުޅެންއަރައި، އޮސްޓްރޭލިއާ އިން 18.5 އޯވަރުގެ ތެރޭގައި ދެ ވިކެޓަށް 173 ލަނޑު ހެދިއިރު، މާޝް ވަނީ ނުބައިނުވެ، 50 ބޯޅައިން 77 ލަނޑު ހަދައިފަ އެވެ. އޯޕެނިން ބެޓްސްމަން ވޯނާ އާއި މާޝްގެ ޕާޓްނަޝިޕްގައި، 92 ލަނޑު ހެދި އެވެ. ވޯނާ ނުބައިވިއިރު، އޭނާ ވަނީ 38 ބޯޅައިން 53 ލަނޑު ހަދައިފަ އެވެ.
މި މޮޅާއެކު، އައިސީސީ މުބާރާތްތަކުގެ ނޮކްއައުޓް މެޗުތަކުގައި ނިއު ޒިލޭންޑްގެ މައްޗަށް ހޯދާފައިވާ ސައްތައިން ސައްތަ ރެކޯޑް އޮސްޓްރޭލިއާ އިން ވަނީ ދަމަހައްޓައިފަ އެވެ. އައިސީސީ މުބާރާތްތަކުގައި ނޮކްއައުޓް މެޗެއްގައި މި ދެ ޓީމު ފަސް ފަހަރު ބައްދަލުކުރިއިރު، ހުރިހާ މެޗެއް ވެސް ކާމިޔާބުކުރީ އޮސްޓްރޭލިއާ އިންނެވެ.
މި މުބާރާތަށް ކުރިމަތިލިއިރު، އޮސްޓްރޭލިއާ އެންމެ ފަހުން ކުޅުނު ޓީ20ގެ ފަސް ސިލްސިލާ އިން ވެސް ބަލިވެފައި އޮތުމުން، އެ ޓީމު އޮތީ ފޭވަރިޓެއްގެ ގޮތުގައެއް ނޫނެވެ. އެކަމަކު މުބާރާތުގެ ތެރެއިން ނަތީޖާތައް ރަނގަޅުކޮށް، އަންނަ އަހަރު އަމިއްލަ ގަައުމުގައި އޮންނަ ޓީ20 ވޯލްޑް ކަޕަށް އޮސްޓްރޭލިއާ ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަންކަންގެ ގޮތުގަ އެވެ.
މިއީ ލިމިޓަޑް އޯވަރ މުބާރާތެއްގެ ފައިނަލުން ނިއު ޒިލޭންޑް ޖެހިޖެހިގެން ބަލިވި ތިން ވަނަ ފަހަރެވެ. ނިއު ޒިލޭންޑް ވަނީ 2015 ވަނަ އަހަރުގެ އައިސީސީ ވޯލްޑް ކަޕްގެ ފައިނަލާއި 2019 ވަނަ އަހަރުގެ ފައިނަލްގައި ވެސް ބަލިވެފަ އެވެ. -- އޭއެފްޕީ












