ކޮޕް26: ކޯލް މަދުކުރަން ރާވައި އެއްބަސްވުމަކާ ހަމައަށް ގޮސްފި

ކޮޕް26 ސަމިޓުގައި އެއްބަސްވުން އިއުލާނު ކުރުމުން އެކަން ފާހަގަކުރަނީ.

ކޮޕް26 ސަމިޓުގައި އެއްބަސްވުން އިއުލާނު ކުރުމުން އެކަން ފާހަގަކުރަނީ.

މޫސުމީ ބަދަލުގެ ނުރައްކާތެރި އަސަރުތައް ކުޑަ ކުރުމަށް އަޅާނެ ފިޔަވަޅުތައް ހިމަނައިގެން ގްލާސްގޯގައި ކުރިއަށް ދިޔަ ކޮޕް26 ސަމިޓުގައި ގައުމުތަކުން އެއްބަސްވުމަކާ ހަމައަށް ހިނގައްޖެ އެވެ.

"ގްލާސްގޯ ކްލައިމެޓް ޕެކްޓް" އަކީ އެންމެ ގިނައިން ނުރައްކާތެރި ގްރީންހައުސް ގޭސް ބޭރުކުރަން މެދުވެރިވާ ފޮސިލް ފިޔުލް، ކޯލް، މަދުކުރަން ތަފްސީލުކޮށް ރާވައި އެކުލަވައިލި ފުރަތަމަ އެއްބަސްވުމެވެ.

އެއްބަސްވުމުގައި ވަނީ ކާބަން މަދުކުރަން އަޅާނެ ފިޔަވަޅުތައް ހަރުދަނާ ކުރުމަށް ބާރު އަޅައި، ތަރައްގީވަމުންދާ ގައުމުތަކަށް މޫސުމީ ބަދަލާ ގުޅޭ މަޝްރޫއުތައް ހިންގަން އިތުރު ފައިސާ ދޭން ވައުދުވެފަ އެވެ.

ނަމަވެސް އެއްބަސްވުމުގައި ހިމެނޭ ކަންކަމާ އެކު ދުނިޔެ ހޫނުވުން 1.5 ޑިގްރީ ސެލްސިއަސްގައި ނުހިފެހެއްޓޭނެ އެވެ.

ކޯލް ބޭނުންކުރުން ހުއްޓާލަން ޑްރާފްޓް އެއްބަސްވުމުގައި ހިމަނާފައި އޮތް ނަމަވެސް، އެންމެ ފަހު ވަގުތު އިންޑިއާ އިން އެކަމާ ދެކޮޅު ހެދުމުން ފައިނަލް އެއްބަސްވުމުން ވަނީ އެބައި އުނިކޮށްފަ އެވެ.

އިންޑިއާގެ މޫސުމީ ބަދަލާ ބެހޭ މިނިސްޓަރު ބުޕެންދަރް ޔާދަވް ވިދާޅުވީ ތަރައްގީވަމުންދާ ގައުމުތަކުގެ އިގްތިސާދީ ކުރިއެރުމަށް ހާއްސަ އެޖެންޑާތަކާ އެކު ފަގީރުކަން ނައްތާލަން މަސައްކަތް ކުރަން ޖެހޭ އިރު، ކޯލް އާއި އެހެން ފޮސިލް ފިޔުލް ބޭނުން ކުރުން ހުއްޓާލަން ވައުދުނުވާނެ ކަމަށެވެ.

އެހެންކަމުން ކޯލް ބޭނުން ކުރުން ހުއްޓާލުމުގެ ބަދަލުގައި ގައުމުތަކުން އެއްބަސްވީ ކޯލް ބޭނުން ކުރުން މަދު ކުރަމުން ދިޔުމަށެވެ. އެކަމާ މެދު ބައެއް ގައުމުތަކުން ހިތްހަމަނުޖެހުން ފާޅުކުރި އިރު، ކޮޕް26 ގެ ރިޔާސަތުގައި އިންނަވާ އަލޮކް ޝަރުމާ ވިދާޅުވީ އެކަން ނިމުނު ގޮތާ މެދު ހިތާމަކުރާ ކަމަށެވެ.

ލޮލުން ކަރުނަ ހިލިފައި އިންނެވި ޝަރުމާ ސަމިޓުގައި ވާހަކަދައްކަވަމުން ވިދާޅުވީ މުޅި އެއްބަސްވުން ރައްކާތެރި ކުރުން މުހިއްމު ކަމަށެވެ.

ކޮޕް26 ސަމިޓުގެ ރިޔާސަތު ބެލެހެއްޓެވި އަލޮކް ޝަރުމާ. -- ފޮޓޯ: އޭއެފްޕީ
ކޮޕް26 ސަމިޓުގެ ރިޔާސަތު ބެލެހެއްޓެވި އަލޮކް ޝަރުމާ. -- ފޮޓޯ: އޭއެފްޕީ

ކޮޕް26 ސަމިޓުގެ ރިޔާސަތު ބެލެހެއްޓެވި އަލޮކް ޝަރުމާ. -- ފޮޓޯ: އޭއެފްޕީ

އިނގިރޭސި ބޮޑު ވަޒީރު ބޮރިސް ޖޯންސަން ވިދާޅުވީ ގްލާސްގޯގައި ކުރިއަށް ދިޔަ ކޮޕް26 ސަމިޓަކީ މޫސުމީ ބަދަލުގެ އަސަރުތަކަށް ނިމުމެއް ގެނައުމުގެ ފެށުން ކަމަށް ގައުމުތަކުން ވިސްނަން ޖެހޭ ކަމަށެވެ.

"ކުރިއަށް އޮތް އަހަރުތަކުގައި އަދިވެސް ކުރަން ހުރީ ގިނަ މަސައްކަތްތަކެއް. ނަމަވެސް މިއަދުގެ އެއްބަސްވުމަކީ ކުރިއަށް އެޅުނު ފިޔަވަޅެއް. އެންމެ މުހިއްމު ކަމަކީ ކޯލް މަދު ކުރަން ނިންމައި ފުރަތަމަ ފަހަރަށް ބައިނަލްއަގްވާމީ އެއްބަސްވުމަކަށް އާދެވުނުކަން. އަދި ދުނިޔެ ހޫނުވުން 1.5 ޑިގްރީ ސެލްސިއަސްގައި ހިފެހެއްޓުމަށް މަގުޗާޓެއް ހެދިއްޖެ," އޭނާ ވިދާޅުވި އެވެ.

އެމެރިކާގެ މޫސުމީ ބަދަލާ ބެހޭ މަންދޫބު ޖޯން ކެރީ ވިދާޅުވީ މޫސުމީ ބަދަލުގެ ސަބަބުން ދުނިޔެ ކާރިސާއެއްގެ ތެރެއަށް ވެއްޓުމާ ދުރަށް ޖެހެވިފައިވާ ކަމަށެވެ.

ނަމަވެސް އދ. ގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ވިދާޅުވީ "ދުނިޔެ ސަލާމަތުން އޮންނަނީ ހިމަ ރޮއްޖެއްގެ އެހީގައި" ކަމަށާއި އަދިވެސް މިސްރާބު ހުރީ މޫސުމީ ބަދަލާ ގުޅޭ ކާރިސާއަކާ ދިމާލަށް ކަމަށެވެ.

"އެމެޖެންސީ ހާލަތަށް ދާންވީ ވަގުތު އައިސް ޖެހިއްޖެ. އެހެން ނޫން ނަމަ ނެޓް ޒީރޯ ހާސިލްކުރަން އަޅުގަނޑުމެންނަށް ލިބިފައި އޮތް ފުރުސަތު ދާނީ ސުމަކަށް," އޭނާ ވިދާޅުވި އެވެ.

titledesc

އެއްބަސްވުމުގެ ދަށުން ގައުމުތަކުން ވަނީ އަންނަ އަހަރު ބައްދަލުކޮށް، ދުނިޔެ ހޫނުވުން 1.5 ޑިގްރީ އަށް ވުރެ މަތިވިޔަ ނުދީ ހިފެހެއްޓުމަށް އިތުރު ވައުދުތައް ވާނެ ކަމަށް ނިންމާފަ އެވެ. މިހާރު ވެފައިވާ ވައުދުތައް ފުއްދި ނަމަވެސް ދުނިޔެ 2.4 ޑިގްރީ ސެލްސިއަސް އިން ހޫނުވާނެ އެވެ.

ސައިންޓިސްޓުން ބުނެފައި ވަނީ 1.5 ޑިގްރީ ސެލްސިއަސް އަށް ވުރެ ދުނިޔެ ހޫނުވެއްޖެ ނަމަ މޫސުމީ ބަދަލާ ގުޅޭ ނުރައްކާތެރި އަސަރުތަކުގެ ސަބަބުން އެތައް މިލިއަން ބަޔަކަށް ގޮންޖެހުމާ ކުރިމަތިވާނެ ކަމަށެވެ.

ސްވިޓްޒަލޭންޑުގެ އެންވާރަމަންޓް މިނިސްޓަރު ސިމޮނެއްޓާ ސޮމަރުގާ ވަނީ އެއްބަސްވުމާ މެދު ހިތްހަމަނުޖެހުން ފާޅުކުރައްވާފަ އެވެ. އެކަމަނާ ވިދާޅުވީ ކޯލް ބޭނުން ކުރުން ހުއްޓާލަން އެއްބަސްވުމުގައި ނުހިމެނުމުން ޓާގެޓަށް ވާސިލްވާން އުނދަގޫވާނެ ކަމަށެވެ.

ނަމަވެސް އެ އެއްބަސްވިމަކީ ކާމިޔާބެއް ކަމަށް ބައެއް ފަރާތްތަކުން ދެކެ އެވެ. އެއީ އދ. ގެ މިފަދަ އެއްބަސްވުމެއްގައި މީގެ ކުރިން ކޯލް މަދު ކުރަން ދުވަހަކު ވެސް ސާފުކޮށް ބަޔާންކޮށްފައި ނުވާތީ އެވެ.

ކޮންމެ އަހަރަކު ވެސް ބޭރު ކުރާ ކާބަންގެ 40 ޕަސެންޓު އުފެދެނީ ކޯލް އަންދައިގެންނެވެ. އެހެންކަމުން ދުނިޔެ ހޫނުވުން 1.5 ޑިގްރީގައި ހިފެހެއްޓުމަށް ކޯލް ބޭނުން ކުރުން މަދުކުރުން މުހިއްމެވެ. މީގެ ކުރިން 2015 ގައި ސޮއިކުރި ޕެރިސް އެއްބަސްވުމުގައި ގައުމުތަކުން ނިންމީ ދުނިޔެ ހޫނުވުން އެ މިންވަރުގައި ހިފެހެއްޓުމަށް ފިޔަވަޅު އަޅާނެ ކަމަށެވެ.

ނަމަވެސް އެ ލަނޑުދަނޑި އަށް ވާސިލްވެވޭނީ 2030 ވަނަ އަހަރު އަންނަން ވާ އިރަށް ކާބަން ބޭރު ކުރުން 45 ޕަސެންޓު މަދުކޮށްގެންނެވެ. އަދި މި ގަރުނުގެ މެދާ ހަމައަށް ދާއިރު ކާބަން ނިޔުޓްރަލް ވާން ޖެހެ އެވެ.

ކޮޕް26 ސަމިޓުގެ އެންމެ ހޫނު އެއް ބަހުސަކަށްވީ މުއްސަނދި ގައުމުތަކުން ފޯރުކޮށްދޭން ޖެހޭ ފައިސާގެ ވާހަކަ އެވެ. ކުރިން އެއްބަސްވީ 2020 ވަނަ އަހަރުގެ ކުރިން އަހަރަކު ފޯރުކޮށްދޭ އަދަދު 100 ބިލިއަން ޑޮލަރަށް މަތިކުރާނެ ކަމަށެވެ. ނަމަވެސް އެ ވައުދު ފުއްދާފައެއް ނުވެ އެވެ.

އެއްބަސްވުން އިއުލާނު ކުރައްވަމުން ޝަރުމާ ވިދާޅުވީ 2025 ވަނަ އަހަރުގެ ކުރިން 500 ބިލިއަނެއްހާ ޑޮލަރު ފަގީރު ގައުމުތަކަށް ދޭނެ ކަމަށެވެ. އެކަމަކު ސަމިޓު ތެރޭގައި ފަގީރު ގައުމުތަކުން ޑިމާންޑު ކުރީ "ލޮސް އެންޑް ޑެމޭޖް" ނުވަތަ މޫސުމީ ބަދަލާ ގުޅިގެން ލިބޭ ގެއްލުމުގެ ބަދަލު ލިބޭނެ ފަދަ އިންތިޒާމަކަށެވެ.

އެހެންކަމުން މި ސަމިޓުގައި އެންމެ ގިނަ ބަޔަކު ހިތްހަމަނުޖެހުނު އެއް ކަމަކަށްވީ "ލޮސް އެންޑް ޑެމޭޖް" ގެ ވާހަކަ އެއްބަސްވުމުގައި ނުހިމެނުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަޝިއާއިން ޖަޕާނުގެ ނޫސްވެރިއަކު ހައްޔަރުކޮށްފި

ރަޝިއާގެ ދިފާއީ މައުލޫމާތުތަކެއް ޖަޕާނަށް ހޯދައިދީ ޖާސޫސްކުރި ކަމުގެ ތުހުމަތުގައި، ޖަޕާނުގެ ނޫސްވެރިއަކު ރަޝިއާގެ ސަކާލިންއިން ހައްޔަރުކޮށްފިއެވެ. މި ހާދިސާ ހިނގާފައިވަނީ ކޫރިލް ޖަޒީރާގެ މިލްކުވެރިކަމާ ގުޅޭގޮތުން ދެ ގައުމުގެ ގުޅުން ގޯސްވެފައިވާ ދަނޑިވަޅެއްގައި ކަމަށްވާއިރު، ޖަޕާނު ސަރުކާރުން ދަނީ މިކަމުގެ އިތުރު ތަފުސީލު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ސައުދީގައި ލަންކާ މީހަކަށް އިއްވި މަރުގެ ހުކުމް ބާތިލްކޮށްފި

ފޭސްބުކްގައި ކީރިތި ރަސޫލާއަށް ފުރައްސާރަކުރި މައްސަލައެއްގައި ސައުދީ އަރަބިއްޔާގައި ލަންކާ މީހަކަށް އިއްވި މަރުގެ ހުކުމް އެ ގައުމުގެ ސުޕްރީމް ކޯޓުން ބާތިލްކޮށްފިއެވެ. މި ހުކުމް ބާތިލްކޮށްފައިވަނީ ލަންކާ ސަރުކާރުން ޑިޕްލޮމެޓިކް ފެންވަރުގައި ކުރި ގިނަ މަސައްކަތްތަކަކަށް ފަހުގައެވެ. އުމުރުން 27 އަހަރުގެ މި ޒުވާނާ ހައްޔަރުކުރީ ސޯޝަލް މީޑިއާގައި ކުރި ކޮމެންޓަކާ ގުޅިގެން މިދިޔަ ޖުލައި މަހުގެ ތެރޭގައެވެ.

ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ސައުދީ މީހަކަށް ދައުވާ

އޯޕަންއޭއައިގެ އޮފީހެއްގައި ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި އެ ކުންފުނީގެ ކުރީގެ އިންޖިނިއަރެއް ކަމަށްވާ ސައުދީ ރައްޔިތެއްގެ މައްޗަށް އެމެރިކާގައި ދައުވާ އުފުލައިފިއެވެ. ކުންފުނީގެ އޭއައި މޮޑެލްތައް ބޭނުންކޮށްގެން މި އަމަލު ހިންގި މީހާ ދެނެގަނެފައިވާއިރު، މި ހާދިސާގައި ކުންފުނީގެ އެއްވެސް މުހިންމު މައުލޫމާތެއް ވަގަށް ނަގާފައިވާކަމުގެ ހެއްކެއް ފެނިފައެއް ނުވެއެވެ.

އޭއައި ސިރީއާއެކު އެޕަލްގެ އާ "ހޯމްވިއު" ބާޒާރަށް

އެޕަލް ކުންފުނިން ސްމާޓް ހޯމް މާކެޓަށް ވަނުމަށްޓަކައި، އޭއައި ސިރީ ހިމެނޭ "ހޯމްވިއު" ނަމަކަށް ކިޔާ އާ އުފެއްދުމެއް 299 ޑޮލަރަށް ތައާރަފުކޮށްފި. ހަތް އިންޗީގެ ސްކްރީނެއް ހިމެނޭ މި އާލާތަކީ އަޑުން އަމުރުކޮށްގެން ގޭތެރޭގެ ކަންކަން ބެލެހެއްޓުމަށާއި މައުލޫމާތު ހޯދުމަށް ފަސޭހަވާނެހެން ފަރުމާކޮށްފައިވާ އުފެއްދުމެއް.

އެއާޕޯޓަށް ހަމަލާދިނީ އިންޒާރުގެ މެސެޖު ހުއްޓާލާފައި އޮއްވާ

ރިޔާދު އެއާޕޯޓަށް ދިން ނުރައްކާތެރި ހަމަލާތަކެއްގައި ގިނަ ބަޔަކު މަރުވެ ޒަހަމްވިއިރު، މި ހަމަލާތަކުގެ ކުރިން ސައުދީ ސަރުކާރުން އާންމުންނަށް ދެމުންދިޔަ އިންޒާރުގެ މެސެޖުތައް ފޮނުވުން ހުއްޓާލާފައިވާކަން ވަނީ ހާމަވެފައެވެ. އިންޒާރު ނުދީ ހަމަލާތައް ކުރިމަތިވުމުން ސައުދީގެ ސަލާމަތީ ގާބިލުކަމާ މެދު ސުވާލު އުފެދިފައިވާއިރު، މިއީ ގައުމުގެ ހާލަތު އާންމުކޮށް އޮތްކަން ދެއްކުމަށް ކުރި ކަމެއް ކަމަށް މަސްދަރުތަކުން ބުނެއެވެ.

ސައުދީ އަރަބިއްޔާއަށް ހޫތީންގެ މިސައިލް ހަމަލާތަކެއް

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާގެ އެކި ސިޓީތަކަށް އަމާޒުކޮށް ވަރުގަދަ މިސައިލް ހަމަލާތަކެއް ދީފައިވާއިރު، ސައުދީގެ ދިފާއީ ނިޒާމުން ވަނީ މި ހަމަލާތައް ހުއްޓުވާފައެވެ. ނަމަވެސް މިސައިލްތަކުގެ ބައިތައް ވެއްޓުމުގެ ސަބަބުން ރިޔާޒުން ހަތަރު މީހަކު ޒަހަމްވެ، ބައެއް ގޭބިސީތަކަށާއި އަރަމްކޯގެ އިމާރާތަކަށް ވަނީ ގެއްލުން ލިބިފައެވެ. މި ހަމަލާތަކަކީ ސައުދީ ކޯލިޝަނުން ޔަމަނުގެ ތެޔޮ ގުދަންތަކަކަށް ދިން ހަމަލާތަކުގެ ރައްދުގައި ދީފައިވާ ހަމަލާތަކެކެވެ.

އަޒަރުބައިޖާންގެ ސްކޫލްތަކުގައި ބުރުގާ އެޅުން މަނާކޮށްފި

އަޒަރުބައިޖާންގެ ސްކޫލްތަކުގައި "ސެކިއުލާ އުސޫލުތަކަށް" ފެތޭ ޔުނިފޯމް މިންގަނޑެއް ކަނޑައަޅައި، ނުސީދާ ގޮތެއްގައި ބުރުގާ އެޅުން މަނާކުރުމާ ގުޅިގެން އެ ގައުމުގައި ބޮޑެތި އިހުތިޖާޖުތަކެއް ވަނީ ފެށިފަ އެވެ. މި ނިންމުމުގެ ސަބަބުން ގިނަ ބަޔަކު ދަނީ މިއީ ދީނީ މިނިވަންކަމަށް އަރައިގަތުން ކަމަށް ބުނެ ނުރުހުން ފާޅުކުރަމުން.

Newsletter

Get the latest news delivered straight to your inbox