ގައުމީ ބެޑްމިންޓަން މުބާރާތުގެ ފިރިހެން ސިންގަލްސް ފައިނަލުން ނިބާލް އަހުމަދާއި އަހުމަދު ތޯއިފް ޖާގަ ހޯދައިފި އެވެ.
ފުރަތަމަ ޑިވިޝަންގެ ފިރިހެން ސިންގަލްސް ފައިނަލުން ނިބާލް ފުރުސަތު ހޯދި ކުޅިވަރު އެކުވެނި ބެޑްމިންޓަން ކޯޓުގައި އިއްޔެ ކުުޅުނު ސެމީ ފައިނަލް މެޗުގައި މުހައްމަދު އާކިފްގެ މައްޗަށް ކުރިހޯދައިގެންނެވެ. އާކިފާ ވާދަކޮށް ނިބާލް މޮޅުވީ، ސީދާ ދެ ސެޓުންނެވެ. ސެޓުތައް ގެންދިޔައީ 21-16، 21-08 އިންނެވެ.
މިއީ ނިބާލް ޖެހިޖެހިގެން ގައުމީ މުބާރާތުގެ ފައިނަލުގައި ކުޅޭ ތިން ވަނަ ފަހަރެވެ. އެންމެ ފަހުން ދެ ފަހަރު ފައިނަލުގައި ނިބާލް ވަނީ ބަލިވެފަ އެވެ. އެއީ ގައުމީ މުބާރާތް ނުވަ ފަހަރު ކާމިޔާބުކޮށްފައިވާ މުހައްމަދު އަޖުފާން ރަޝީދު އަތުންނެވެ. ތިން ވަނަ ފަހަރަށް ފައިނަލުގައި ވާދަކޮށް ނިބާލް ހުރީ ކާމިޔާބު ހޯދުމުގެ އުއްމީދުގަ އެވެ.
ކުއާޓާ ފައިނަލުގައި އަޖުފާން ކަޓުވާލީ ޒަޔާން ޒަކީ އެވެ. އެކަމަކު، ޒަޔާނަށް ސިންގަލްސްގެ ބައި ނިމުނީ ސެމީގައި ތޯއިފް އަތުން ބަލިވުމުންނެވެ. ޒަޔާން އަތުން ތޯއިފް ދެ ސެޓުން މޮޅުވިއިރު، ސެޓުތައް ގެންދިޔައީ 21-19 އާއި 21-18 އިންނެވެ.
ތޯއިފް ފުރަތަމަ ފަހަަރަށް ގައުމީ ފައިނަލުގައި ކުޅޭއިރު، މި ފަހަރުގެ ގައުމީ ފިރިހެން ސިންގަލްސް ބައިން ފެންނާނީ މުޅިން އާ ޗެމްޕިއަނެެކެވެ.
އަންހެން ސިންގަލްސް ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން ފާތިމަތު ނަބާހާ ކުޅޭނީ ނަބާހާގެ އެއްމާބަނޑު އައިމިނަތު ނަބީހާއާ ދެކޮޅަށެވެ. އެންމެ ފަހުން 2019 ވަނަ އަހަރު ނަބާހާ ގައުމީ ތަށި އުފުލާލީ ފައިނަލުގައި ނަބީހާ ބަލިކޮށްފަ އެވެ.
ނަބާހާ ފައިނަލުން ފުރުސަތު ހޯދީ ރޭ ކުޅުނު ސެމީގައި އައިޝަތު އަފްނާން ރަޝީދު އަތުން 21-10، 21-08 އިން މޮޅުވެގެންނެވެ. އަދި ނަބީހާ ވަނީ ސެމީގައި ނީލާ ނަޖީބު އަތުން 21-10، 21-11 އިން މޮޅުވެފަ އެވެ.
ފުރަތަމަ ޑިވިޝަންގެ ފިރިހެން ޑަބަލްސް ބައިގެ ފައިނަލުގައި ހަސަން އަފްޝީން އާއި ހިޝާމް ލަތީފްގެ ޕެއާ ބައްދަލުކުރާނީ މުހައްމަދު ވަސީމާއި ތޯއިފްގެ ޕެއާއާ އެވެ. އަންހެން ޑަބަލްސްގައި އެންމެ ފަހުން ރަން މެޑަލް ހޯދި ނަބާހާ އާއި ނަބީހާގެ ޕެއާ ކުޅޭނީ ސެމީ ފައިނަލުގައި އަފްނާން އާއި ނީލާގެ ޕެއާ އަތުން މޮޅުވި އައިމިނަތު ޝަހުރުނާޒް އާއި މައިސާ ފަތުުހުﷲގެ ޕެއާއާ އެވެ.
ފުރަތަމަ ޑިވިޝަންގެ މިކްސް ޑަބަލްސް ފައިނަލުގައި ނަބާހާ އާއި ޒަޔާންގެ ޕެއާ ކުޅޭނީ ހިޝާމް އާއި މައިސާގެ ޕެއާއާ އެވެ. ހިސާމް އާއި މައިސާގެ ޕެއާ އިން ވަނީ ސެމީ ފައިނަލުގައި އަފްޝީން އާއި ޝަހުރުނާޒްގެ ޕެއާ ބަލިކޮށްފަ އެވެ.
ފުރަތަމަ ޑިވިޝަނާއި ދެ ވަނަ ޑިވިޝަނުގެ ފައިނަލް މެޗުތައް އޮންނާނީ މިއަދު އެވެ.












