ފޯ ނޭޝަންސް ކަޕްގެ ފުރަތަމަ މެޗުގައި ސްރީ ލަންކާ ދެކޮޅަަ ދިމާވި ކަންތައްތަކުން ފިލާވަޅުނަގައި، ޒިންމާނަގައިގެން މާދަމާ ބަންގްލަދޭޝް އަތުން މޮޅުވާން މަސައްކަތް ކުރާނެ ކަމަށް ގައުމީ ޓީމުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ބުނެފި އެވެ.
ފުރަތަމަ މެޗުގައި ރާއްޖޭން ލަންކާއާ ދެކޮޅަށް ވަނީ 4-4 އިން އެއްވަރުވެފަ އެވެ. އެ މެޗުގެ 62 ވަނަ މިނިޓާ ހަމައަށް ރާއްޖޭން ހަތަރު ގޯލުގެ ލީޑެއްގައި އޮތެވެ. އެކަމަކު، ފަހު 25 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި ލަންކާ އިން އެއްވަރުކުރި އެވެ.
މާދަމާ ހަވީރު ބަންގްލަދޭޝާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން މިއަދު ހިލްޓަން ހޮޓަލުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން މޮރިއޭރޯ ބުނީ ލަންކާ މެޗަށް ފަހު ޓްރެއިނިންތަކުގައި ފެންނަ މަންޒަރަށް ބަލާއިރު ކުޅުންތެރިން ފެންނަނީ ކުރިއަށް ވުރެ ފޯކަސްކޮށް ކަމަށެވެ.
"އަަހަރެމެން ކޮންމެ ދުވަހަކު ވެސް އިމްޕްރޫވް އެބަވޭ ފިޒިކަލީ ކޮންމެ ވެސް ވަރަކަށް ކުޅުންތެރިންނަށް އުނދަގޫތަކެއް ހުރި ނަމަވެސް ރަނގަޅަށް ދަނީ. އަހަންނަށް ފެންނަނީ މި ކުޅުންތެރިން ވަރަށް ޗާޖްވެފައި ހުރި މަންޒަރު. އަހަންނަށް ރަނގަޅަށް ހުރެވޭނީ މި ޓީމު މޮޅަށް ކުޅެގެން،" މޮރިއޭރޯ ބުންޏެވެ.
މުބާރާތުގައި ކުޅޭ ހަތަރު ޓީމުން ވެސް ވަނީ މެޗުތައް ކުޅޭ ރޭސްކޯސް ސްޓޭޑިއަމްގެ ވިނަގަނޑު އުނދަގޫކަން ފާހަގަކޮށްފަ އެވެ.
މޮރިއޭރޯ ބުނީ ދަނޑުގެ ހާލަތަށް ބަލާއިރު، މިއީ ހިނގާފައި ނޫނީ ދުވެގެން ކުޅެވޭނެ ވަރުގެ ދަނޑެއް ނޫން ކަމަށާއި އޭނާގެ ނަޒަރުގައި ކުޅެން ޖެހޭނީ "އުދުހިފައި" ކަމަށެވެ. އެކަމަކު، ދަނޑުގެ ޝަކުވާނުކޮށް މޮޅުވާން ކުރަން ޖެހޭ މަސައްކަތް ކުރާނެ ކަމަށް މޮރިއޭރޯ ވަނީ ބުނެފަ އެވެ.
"އަހަރެމެން ޓްރެއިނިން މި ކުރަނީ ވަރަށް އަވަސް ހައި އިންޓެންސިޓީ ފުޓްބޯޅަ އަކަށް. ފުޓްބޯޅައިގައި ޝަކުވާ ކުރުން އެއީ އަހަރެން ގަބޫލުުކުރާ ވިސްނުމެއް ނޫން. ދަނޑުގެ ޝަކުވާ ވެސް ދޫކޮށްލާފައި އަހަރެމެން މޮޅުވާން ޖެހޭނީ. ނަތީޖާ ނުނިކުމެގެން މައްސަލަ ހޯދަންޏާ އެކަން ކުރަންވީ ކޯޗުގެ ފަރާތުން،" މޮރިއޭރޯ ބުންޏެވެ.
"އަހަރެމެންގެ ކުޅުންތެރިންނަށް 100 ޕަސެންޓް ބޭނުންވާ ނަތީޖާ ނުނެރެވިއްޖިއްޔާ، އަހަންނެއް އެ މީހުން ގޯސްކޮށްފައި ވާހަކަ ނުދައްކާނަން. މީގެ ޒިންމާ ނަގާނީ އަހަރެން. ޒިންމާ ނަގާނީ މީޑިއާ ކުރިމަތީގައި ހުރި ކޯޗު،"

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މޮރިއޭރޯ (ކ) އާއި އަކޫ ފޮޓޯ އަކަށް ހުއްޓިގެން.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް
ފޯ ނޭޝަންސް ކަޕްގައި ފުރަތަމަ ކުޅުނު ދެ މެޗު ވެސް ނިމުނީ އެއްވަރުވެގެންނެވެ. ރާއްޖެ އާއި ލަންކާއާ އެއްވަރުވިއިރު، ދެން ކުޅުނު ސީޝެލްސް އާއި ބަންގްލަދޭޝް މެޗު ނިމުނީ 1-1 އިންނެވެ. އެހެންވެ، މުބާރާތުގައި ފައިނަަލަށް ދާން ބޭނުންނަމަ މާދަމާ ހަވީރު ބަންގްލަދޭޝް އަތުން ރާއްޖެ މޮޅުވާން ޖެހޭނެ އެވެ.
މޮރިއޭރޯ ބުނީ އިދިކޮޅަށް ނުކުންނަ ޓީމަށް އިހުތިރާމްކުރި ނަމަވެސް އެ ޓީމަށް ސަމާލުކަން ދޭން ނުޖެހޭ ވަރަށް ނުކުރާނެ ކަމަށެވެ.
"އަހަރެމެން ބަލަން ޖެހޭނީ އަމިއްލަ ޓީމަށް. އިދިކޮޅަށް އޮންނަ ޓީމަށް ބަލަން ނުޖެހޭ. އަހަރެމެން އެބަޖެހޭ ދެން އޮތް ދެ މެޗުން މޮޅުވާން އަހަރެމެން މި މަސައްކަތްކުރަނީ އެކަމަށް. އަހަރެމެން ގަބޫލުކުރަންޖެހޭ ހަގީގަތަކީ މެޗު މި ކުޅެނީ 11 ކުޅުންތެރިންނާ 11 ކުޅުންތެރިންކަން. ކޮންމެ ގޮތެއް ވެސް ވެދާނެ. އަހަރެމެންގެ ޓާގެޓަށް ވާސިލްވާން މެޗަކަށް ފަހު މެޗެއް ކުރިއަށްދާންވީ،" މޮރިއޭރޯ ބުންޏެވެ.
މި ފަހަރުގެ ފޯ ނޭޝަންސް ކަޕަކީ މޮރިއޭރޯ އަށް ގައުމީ ޓީމާ އެކު ފުރަތަމަ މުބާރާތެވެ. ލަންކާ މެޗަކީ އޭނާގެ ރަސްމީ ފުރަތަމަ މެޗެވެ. އިޓަލީ ގައުމީ ޓީމަށް ކުރިން ކުޅުނު މޮރިއޭރޯ ބުނީ އޭނާ ރާއްޖެ ލައްވައި ކުޅެން ބޭނުންވާ ގޭމަށް ބަލާއިރު އިދިކޮޅު ޓީމުގެ ސްޓައިލަށް ބެލުން އެހާ މުހިއްމެއް ނޫން ކަމަށެވެ.
މިދިޔަ މަހު މާލޭގައި ކުޅުނު ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ވަނީ ބަންގްލަދޭޝް އަތުން 2-0 އިން މޮޅުވެފަ އެވެ.
ބަންގްލަދޭޝް އެންމެ ފަހުން ކުޅުނު މެޗުތައް ބަލާފައިވާ ކަމަށް މޮރިއޭރޯ ވަނީ ބުނެފަ އެވެ. ސާފް ޗެމްޕިއަންޝިޕްގައި ސްޕެއިނުގެ އޮސްކާ ބްރުޒޮންގެ ކޯޗުކަމުގައި ބަންގްލަދޭޝް ކުޅުނު ގޮތާއި މިހާރު ހުރި ކޯޗު ޕޯޗުގަލްގެ މާރިއޯ ލެމޯސްގެ އިރުޝާދުގެ ދަށުން ކުޅޭ ގޮތުގައި ތަފާތުތަކެއް ހުރި ކަމަށް މޮރިއޭރޯ ވަނީ ބުނެފަ އެވެ.
ހުރިހާ ކަމަކަށް ވިސްނައި ބަންގްލަދޭޝް އަތުން މޮޅުވާން ކުރަން ޖެހޭ ކަންކަމަށް ވީ އެންމެ ރަނގަޅަށް ތައްޔާރުވާނެ ކަމަށް މޮރިއޭރޯ ވަނީ ބުނެފަ އެވެ.
"އަހަރެމެން ފުރަތަމަ މެޗު އެއްވަރުވީމަ އަހަރެމެން މި މެޗަށް ރަނގަޅަށް ރިސެޓް ކޮށްލައިގެން ކުޅެން އެބަޖެހޭ. ރަނގަޅަށް ފަށަން އެބަޖެހޭ. މިހާރު މޮޅުވާން ބޭނުންވާ މެންޓަލިޓީ އެބަފެނޭ،"
ބަންގްލަދޭޝާއި ރާއްޖެ ކުޅޭ މެޗު ފަށާނީ މާދަމާ ހަވީރު ލަންކާ ގަޑިން 16:00 އެވެ. އެއީ ރާއްޖެ ގަޑިން 15:30 ގަ އެެވެ.













