ސްރީ ލަންކާގައި މިއަދު ފެށި މަހިންދަ ރާޖަޕަކްސަ ފޯ ނޭޝަންސް ކަޕްގެ ފުރަތަމަ މެޗުގައި ރާއްޖޭން ހަތަރު ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް ލަންކާ އަށް 4-4 އިން މެޗު އެއްވަރު ކުރެވުނީ ރާއްޖޭގެ ބަލިފައި އެނގިގެން ކުރި މަސައްކަތުގައި ނަސީބު އެހީވެގެން ކަމަށް ލަންކާ ޓީމުގެ ކޯޗު ބޮސްނިއާގެ އާމިރް އަލަގިޗް ބުނެފި އެވެ.
ލަންކާގެ ރޭސް ކޯސް ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗުގައި ރާއްޖޭން ވަނީ 58 މިނިޓް ތެރޭ ހަތަރު ގޯލުގެ ލީޑެއް ނަގައިފަ އެވެ. އެއީ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ)، އަލީ ފާސިރު (ސެންޓޭ)، އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އަދި އަލީ އަޝްފާގު (ދަގަނޑޭ) ޖެހި ގޯލުތަކުންނެވެ.
ލަންކާ އިން އެއްވަރުކުރީ ފަހު 25 ވަރަކަށް މިނިޓް ތެރޭ އެ ޓީމުގެ ފޯވާޑް ވަސީމް ރަޒީކް ޖެހި ހަތަރު ގޯލުންނެވެ. ލަންކާ ދަރިކޮޅަށް ނިސްބަތްވާ ޖަރުމަނަށް އުފަން ވަސީމަކީ މިދިޔަ އަހަރު ލަންކާ ޕާސްޕޯޓް ދީގެން އެ ޓީމަށް ކުޅުވަން ފެށި ކުޅުންތެރިއެކެވެ. އޭނާ ކުރިން އުޅުނީ ޖަރުމަނުގަ އެވެ. އޭރު އޭނާ ވަނީ ޖަރުމަނުގެ ދަށް ޑިިވިޝަނުގެ ޓީމުތަކަށް ކުޅެފަ އެވެ.
މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އަލަގިޗް ބުނީ ފުރަތަމަ ހާފު 3-0 އިން ބަލިވެފައި އޮންނައިރު، ކޯޗެއްގެ ގޮތަކަށް ދެއްކޭނެ ވާހަކައެއް ނޯންނާނެ ކަމަށެވެ. އެ ހިސާބުން ދެން ކޯޗު ބަދަލުވާން ޖެހޭނީ ސައިކޮލޮޖިސްޓަކަށް ކަމަށް އަލަގިޗް ބުންޏެވެ. ސަބަބަކީ ކޯޗެއްގެ ވިސްނުމުން މެޗުގައި އެހާތަނަށް ގޯސްކޮށް ދިޔަ ކަންތައްތައް ވީ ގޮތް ކުޅުންތެރިންނަށް އޮޅުންފިލުވައިދޭން މަސައްކަތް ކޮށްފިނަމަ ކުޅުންތެރިން އިތުރަށް ޖަޒުބާތުގައި ޖެހިގެން ޓީމުގެ ހާލަތު ދެން އިތުރަށް ގޯސްވެދާނެތީ އެވެ.
"އަހަރެން ބުނީ ހަމަޖެހެން. ހަގީގަތަކީ މި ނަތީޖާ (4-4 އަށް) އަށް އަހަރެން އުއްމީދެއް ނުކުރަން. އެކަމަކު، ޔަގީނުން ވެސް ފަހު ވަގުތު ރާއްޖެ ޓީމުގެ ކުޅުންތެރިން ފިޒިކަލީ ވަރުބަލިވާނެކަން އެނގޭ. އެއީ އެ މީހުންގެ ވީކްނަސް. އެހެންވެ، އެ ކަމަށް އަހަރެން ފަހު ވަގުތު ފޯކަސްކުރީ އަދި މި ދަނޑުގެ ހާލަތު އޮތްގޮތުން ވެސް ކުޅުންތެރިން އިތުރު 30 ޕަސެންޓް މަސައްކަތް ކޮށްގެން ނޫނީ އެންމެ ބޭނުން ލެވަލަށް ނުކުޅެވޭނެ،" އަލަގިޗް ބުންޏެވެ.
ކުރިން ނިއު ރޭޑިއަންޓަށް ކޯޗުކޮށްދިން އަލަގިޗް ބުނީ ރާއްޖެ ކުޅުންތެރިން ކޮންމެ ގޮތެއް ވިޔަސް ލަންކާ އަށް ވުރެ މޮޅުކަން ގަބޫލުކުރަން ޖެހޭ ކަމަށެވެ. އެކަމަކު، ރާއްޖެ ޓީމުގައި ހިމެނޭ އަލީ އަަޝްފާގު (ދަގަނޑޭ) ފަދަ ސީނިއާ ގިނަ ކުޅުންތެރިންނަކީ 30 އަހަރުން މަތީގެ ދުވަސްވިީ ކުޅުންތެރިންނަށް ވުމުން މެޗުގެ ފަހުކޮޅުގައި އެ ކުޅުންތެރިން ވަރުބަލިވާނެކަން އެނގޭތީ އެ ގަޑިއަށް ތައްޔާރުވި ކަމަށެވެ.

ލަންކާ ޓީމުން މިއަދުގެ މެޗަށް ނެރުނު ފުރަތަމަ އެގާރަ ކުޅުންތެރިން.-- ފޮޓޯ: ލަންކާ ފުޓްބޯޅަ ފެޑެރޭޝަން.
"އެ ގޮތަށް (ފަހު ގަނޑިއަށް) ވިސްނައި އަހަރެމެން ފިޒިކަލީ ވަރުގަދަ އަށް ކުޅުނީ. އޭގެ ނަތީޖާ ވަރަށް ރަނގަޅަށް މި ފެނުނީ. ނަސީބު އެހީވިއިރު ބޭނުންވާ ގޮތަށް ކުޅެވުނީ ރާއްޖޭގެ ފިޓްނަސް ވެސް ގޯސްވީމަ. މިއީ އަހަރެމެންނަށް މި ނަތީޖާ ނެރެވުނު ސަބަބުތައް،" އަލަގިޗް ބުންޏެވެ.
ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމު ވެސް ފުރަމުން އަންނަ އަލަގިޗް ބުނީ އޭނާ އަކީ އަބަދުވެސް ކަން އޮތްގޮތަށް ހަގީގަތަށް ވާހަކަ ދައްކާ މީހެއް ކަމަށެވެ. އަދި މި މެޗުން މިސާލަކަށް ރާއްޖެ އަތުން 5-4 އިން ލަންކާ މޮޅުވިޔަސް ހަގީގަތަކީ އަދިވެސް ލަންކާ ފުޓްބޯޅައިގެ ޖުމްލަ މައްސަލަތަކަށް ހައްލެއް އަންނާނެކަން ކަމުގެ ޔަގީންކަން ނެތުން ކަމަށް އަލަގިޗް ގަބޫލުކުރެ އެވެ.
ލަންކާ އަށް ކުޅެވޭ ބިދޭސީ ކުޅުންތެރިންނަށް އަދިވެސް ފުރުސަތު އިތުރުކުރަން ޖެހޭ
އަލަގިޗް ލަންކާ ޓީމަށް ގެންނަން ބޭނުންވާ އެންމެ ބޮޑު ބަދަލަކީ އެ ޓީމަށް ކުޅެވޭ ގޮތަށް ހުރި އެހެން ގައުމުތަކުުގައި ތިބި ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުންތެރިންނަށް ޕާސްޕޯޓް ދީގެން އެ ޓީމަށް ކުޅުވުމެވެ. އެ ގޮތުން ރާއްޖެ ކޮޅަށް ހަތަރު ގޯލު ޖެހި ވަސީމާއި ދާދި ފަހުން ލަންކާ ޓީމުގައި ހިމެނިގެން މެޗުތައް ކުޅެމުން އަންނަ އިނގިރޭސި ސްޓޭޓް ޑިވިޝަނުގައި ކުޅޭ މާވިން ހަމިލްޓަން އާއި ފޯވާޑް ޑިލޯން ޑަ ސިލްވާ އަކީ ލަންކާ ޕާސްޕޯޓް ދީގެން ލަންކާ ޓީމުގައި ހިމަނާފައިވާ ކުޅުންތެރިންނެވެ.
"ފުރިހަމަ ޓީމެއް ނޫން މި އޮތީ. އަހަރެން ގެންނަން ބޭނުންވާ ބައެއް ކުޅުންތެރިންނަށް އަދިވެސް ނާދެވޭ. އެއީ އެ މީހުންނަށް ޕާސްޕޯޓެއް ނުދޭ. އާދައިގެ ކޯޗަކަށް ޕްރޮފެޝަނަލް ލެވަލްގައި އައިސް މަސައްކަތެއް ނުކުރެވޭނެ. ހަމައެ ގޮތަށް ޕްރޮފެޝަނަލް ނޫން ކުޅުންތެރިންނަށް އިންޓަނޭޝަނަލް މެޗުތަކުގައި ތަފާތެއް ނުދެއްކޭނެ. ނަތީޖާ ނެރެން ޒިދާން ލެވަލްގެ ކުޅުންތެރިން ބޭނުންވާއިރު ލަންކާގެ ސްޓޭޓް ކުޅުންތެރިއަކު ލައިގެން ބޭނުންވާ ހިސާބަށް ނުދެވޭނެ،" އަލަގިޗް ބުންޏެވެ.
"އަހަރެން އުފާކުރަން މިއަދު އަހަރެން ގާތުގައި މި ބިދޭސީ ކުޅުންތެރިން ލަންކާ ޓީމަށް ގެނެސްގެން ލާރި ހޯދާ ކަމަށް ހަގީގަތާ ހިލާފު ވާހަކައެއް އަހާނެ މީހަކު ނެތީމަ،"
ޖަރުމަނުގައި ފުޓްބޯޅައިގެ މަސައްކަތްތަކެއް ކޮސްފައިވާ އަލަގިޗް ބުނީ ޕްރޮފެޝަނަލް ކުޅުންތެރިން ލަންކާ އަށް ގެންނަނީ ލަންކާ ފުޓްބޯޅަ އަށް ފައިދާ އަށް ކަމަށެވެ.
"މި ގެންނަނީ ލަންކާ އަށް ކުޅެވޭ މި ގައުމާ ގުޅުމެއް އޮތް ކުޅުންތެރިން. މިއީ ކުށްވެރިންނެއް ނޫން. އާޖެންޓީނާ ކުޅުންތެރިންނެއް ވެސް ނޫން. މިސާލަކަށް އަހަރެމެން ބަލަމާ ގަތަރު. އެ މީހުން ވެސް ގަތަރަށް ކުޅެވޭ އެހެން ކުޅުންތެރިން ހޯދައިގެން ކުރިއަށް އެ ދަނީ. ފުޓްބޯޅައިގައި ކަން ހިނގަނީ ޕްރޮފެޝަނަލްކޮށް ކުރިއަށްދެވޭ މިސްރާބެއް އޮތް ގޮތަކަށް،" އަލަގިޗް ބުންޏެވެ.
ފޯ ނޭޝަންސް ކަޕްގައި މާދަމާ ހަވީރު ކުޅޭނީ ބަންގްލަދޭޝާއި ސީޝެލްސް މެޗެވެ. މި މެޗަކީ އިއްޔެ ހަވީރު ކުޅެން އޮތް މެޗެކެވެ. އެކަމަކު، ވިއްސާރަވުމުގެ ސަބަބުން ޖެހުނީ ފަސްކުރާށެވެ. ޝެޑިއުލް އޮތްގޮތުން ހޮނިހިރު ދުވަހު ހަވީރު ރާއްޖެ ކުޅޭނީ ބަންގްލަދޭޝްއާ އެވެ. އެރޭ ލަންކާ އާއި ސީޝެލްސް ބައްދަލުކުރާނެ އެވެ. އަންގާރަ ދުވަހު ހަވީރު ރާއްޖެ އާއި ސީޝެލްސް ކުޅޭއިރު، އެރޭ ލީގު ބުރުގެ ފަހު މެޗުގައި ބަންގްލަދޭޝް ބައްދަލުކުރާނީ ލަންކާއާ އެވެ. އެ އަށް ފަހު ލީގު ބުރުގެ ކުޅުން ނިމޭއިރު، އެންމެ ކުރީގައި އޮތް ދެ ޓީމެއް ފައިނަލް ކުޅޭނީ މި މަހު 19 ވަނަ ދުވަހު އެވެ.












