ކުށުގެ މާހައުލުގައި ކުޑަކުދިން ހަރަކާތްތެރިވާ އެއް ސަބަބަކީ ދަރިން ތަރުބިއްޔަތު ކުރުމުގެ ހުނަރު މައިންބަފައިންގެ ނެތުން ކަމަށް ޑިޕާޓްމެންޓް އޮފް ޖުވެނައިލް ޖަސްޓިސް އިން ބުނެފި އެވެ.
ޑީޖޭޖޭއިން އާންމުކުރި މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު އެ ޑިޕާޓްމެންޓަށް ހުށަހެޅުނު މައްސަލަތަކާއި ގުޅޭ ރިޕޯޓުގައި ކުދިން ކުށުގެ ވެއްޓަށް ހުށަހެޅުމަށް އަދި ކުށް ކުރުމަށް ދިމާވާ ސަބަބުތަކުގެ ގޮތުގައި ގިނަ ކަންކަން ވަނީ ފާހަގަކޮށްފަ އެވެ.
އެގޮތުން، ދަރިން ތަރުބިއްޔަތު ކުރުމުގެ ހުރިހާ މަރުހަލާއެއްގައި ވެސް މައްސަލަތަކެއް ހުރިކަން އެ ޑިޕާޓްމަންޓުން ފާހަގަ ކުރެ އެވެ. ކުދިން ތަރުބިއްޔަތުކުރުމުގެ ހުނަރު މައިންބަފައިންގެ ކިބައިގައި ނެތުމުގެ އިތުރުން މައިންބަފައިންނާއި އާއިލާ މެންބަރުން ވެސް ކުށުގެ ވެށީގައި ހަރަކާތްތެރިވެ، ދަރިންނަށް އިހުމާލުވުމަކީ ވެސް ކުށުގެ ވެއްޓެއް ކުޑަކުދިން ވެއްޓޭ ސަބަބެއް ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
އޭގެ އިތުރުން ވެސް ގޭންގު ކުށްކުރުމާއި މާރާމާރީތައް ގިނައިން ހިނގާ ސަރަޙައްދުތަކުގައި ކުދިން ދިރިއުޅުން، އާއިލާ ރޫޅިގެން ދެން ކުރިމަތިވާ ހަޟާނާތުގެ މައްސަލަތަކާއި ގެވެށި އަނިޔާގެ މައްސަލަތައް އަދި ކުއްޖާ ދިރިއުޅޭނެ ރައްކާތެރި ވެއްޓެއް ހޯދައިނުދެވުމާއި ނަފްސާނީ އެހީތެރިކަން ފޯރުކޮށް ނުދެވުން ވެސް އެ ރިޕޯޓުގައި ވަނީ ކުދިން ކުށުގެ ވެއްޓަށް ހުށަހެޅޭ ސަބަބުތަކުގެ ގޮތުގައި ފާހަގަކޮށްފަ އެވެ. އަދި އެކި ސަބަބުތަކާއި ހުރެ ކުދިން ރަށުން ބޭރަށް ދާއިރު އެކުދިން ބެލެހެއްޓޭނެ ރަނގަޅު އިންތިޒާމެއް ނެތުން ވެސް އެފަދަ ސަބަބެއްގެ ގޮތުގައި އެ ރިޕޯޓުގައި ފާހަގަކޮށްފަ އެވެ.
އެ ރިޕޯޓުގައި ވަނީ ހެދިބޮޑުވަމުން އަންނަ ކުދިންގެ ދީނީ އަގީދާ ބަލިކަށިކަމާއި އަހުލާގީ އަދި ތައުލީމީ ތަފާތު ސަބަބުތަކާ ހުރެ ސްކޫލުން މައްސަލަ ދިމާވާ ކުދިންގެ ފެންވަރާއި އުމުރާ ގުޅޭ ތައުލީމު ނުލިބުން ވެސް އެއީ އިތުރު ސަބަބުތަކުގެ ގޮތުގައި ފާހަގަކޮށްފަ އެވެ. އަދި އެފަދަ ކަންކަމާއި ދުރުހެލިކުރަން ބޭނުންވާ ތައުލިމާއި ހުނަރު ވަކިން ހާއްސަކޮށް އަތޮޅު ތެރެއިން ލިބޭނެ ތަނަވަސް ނިޒާމެއް ނެތް ކަމަށް ވެސް އެ ރިޕޯޓުގައި ބުނެ އެވެ.

ކުށުގެ ވެށީގައި ހިމެނޭ ބޮޑެތި މީހުން ކުދިންގެ މައްޗަށް ނާޖާއިޒު ނުފޫޒު ފޯރުވައިގެން ކުދިން ލައްވާ ކުށްކުރުވުމާއި ކުއްޖާއަށް މައްސަލަ ދިމާވާ ފުރަތަމަ ކޮޅުގައި ކަމާބެހޭ ފަންނީ އެހީތެރިކަން ނުލިބުން ކުށުގެ ވެއްޓަށް ދާ ކުދިން އިސްލާހުކުރާނެ ޕްރޮގްރާމް ހިންގާނެ މަރުކަޒެއް ނެތުމާއި މުޖުތަމައުގައި ބައިތިއްބައިގެން އެ ކުދިން ރިހެބިލިޓޭޓްކުރާނެ އެކަށީގެންވާ ޕްރޮގްރާމްތަކެއް ވެސް ނެތް ކަމަށް އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ޑީޖޭޖޭއަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތަފްސީލު.
ޑީޖޭޖޭއިން ވަނީ ހަމަ މި ރިޕޯޓުގައި މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަސް ތެރޭ ކުޑަކުދިންނާ ގުޅޭ ޖުމްލަ 88 މައްސަަލައެއް އެ ޑިޕާޓްމެންޓަށް ހުށަހަޅާފައިވާކަމަށް ވެސް ބުނެފަ އެވެ. އެ ރިޕޯޓުގައި ފިރިހެން ކުދިން ކުރާ މައިގަނޑު ކުށްތަކުގެ ގޮތުގައި ފާހަގަކޮށްފައިވަނީ މާރާމާރީ، ވައްކަން ފޭރުން އަދި މަސްތުވާތަކެެތީގެ ކުށެވެ. އަންހެން ކުދިންނާ ގުޅޭ މައްސަލަތަކުގެ ތެރޭގައި ޝަރުއީ ކައިވެންޏަކާއި ނުލާ ބަލިވެއިނުން، އަމިއްލަ ނަފްސަށްގެއްލުން ދިނުމާ އަދި ބޭއަދަބީ ގޮތުގައި އައުރަ ހާމަކުރުން ފަދަ މައްސަލަތައް ވަނީ ފާހަގަކޮށްފަ އެވެ.
ރިޕޯޓުގައި ފާހަގަކުރި ގޮތުގައި ކުށްކުރާ ގިނަ ކުދިންނަކީ ރޫޅިފައިވާ އާއިލާތަކާއި ޝަރުއީ ގޮތުން ބައްޕަ ނެތް ކުދިންކަމާއި ސްކޫލަށް ނުދާ ކުދިންކަން ވެސް ފާހަގަކޮށްފަ އެވެ. އަދި ގިނަ މައްސަލަތައް ރިޕޯޓުކޮށްފައި ވަނީ އަތޮޅު ތެރެއިން ކަމަށް ވެސް އެ ރިޕޯޓުގައި ފާހަގަކުރެ އެވެ. ރިޕޯޓުގައި ފާހަގަކުރި ގޮތުގައި އެންމެ ގިނައިން ކުދިން ކުއްކުރާ ސަރަހައްދުތަކަކީ ފުވައްމުލައް ސިޓީ، ށ. އަދި ފ. އަތޮޅެވެ.












