ލަންޑަން (ނޮވެމްބަރު 9) - ފަަހަކަށް އައިސް އާސެނަލް ޓީމުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ޒުވާން މިޑްފީލްޑަރު އެމީލް ސްމިތު ރޯވް އަށް އިންގްލެންޑްގެ ސީނިއާ ޓީމުން ފުރަތަމަ ފަހަރަށް ފުރުސަތު ދީފި އެވެ.
އުމުރުން 21 އަހަރުގެ ސްމިތު ރޯވް ވަނީ މީގެ ކުރިން އިންގްލެންޑްގެ ހަ އުމުރުފުރައެއްގެ ގައުމީ ޓީމަށް ކުޅެފަ އެވެ. އެއީ 16، 17، 18، 19، 20 އަދި 21 އަހަރުން ދަށުގެ ޓީމަށެވެ. މި ފަހަރު އިންގްލެންޑް ސީނިއާ ޓީމުގައި ސްމިތު ރޯވް ހިމެނުނީ މި މަހުގެ ވޯލްޑް ކަޕް ކޮލިފައިން މެޗުތަކަށް ނެގި ސްކޮޑުގަ އެވެ.
އިންގްލެންޑުން ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަސްތެރޭ ވޯލްޑް ކަޕް ކޮލިފައިންގައި ކުޅެން ހަމަޖެހިފައިވަނީ ފަހު ދެ މެޗެވެ. އެއީ ސެން މެރީނޯ އާއި އަލްބޭނިއާއާ ދެކޮޅަށެެވެ. އަންނަ އަހަރު ގަތަރުގައި ބާއްވާ ވޯލްޑް ކަޕަށް ކޮލިފައިވާން އެ މެޗުތަކުން އިންގްލެންޑަށް ބޭނުންވަނީ ހަަތަރު ޕޮއިންޓެވެ.
ސްމިތު ރޯވް އަށް އިންގްލެންޑް ޓީމުން ފުރުސަތު ދިން އެންމެ ބޮޑު ސަބަބަކީ މި ވަގުތު އޭނާ ހުރި ރަނގަޅު ފޯމުގައި ގައުމީ ޓީމުގައި ކުރިއަށް ޖެހިލަން ފުރުސަތު ދިނުމުގެ ބޭނުމުގަ އެވެ.
ސްމިތު ރޯވް ވަނީ އާސެނަލުން އެންމެ ފަހުން ކުޅުނު ތިން މެޗުގައި ވެސް ގޯލު ޖަހައިފަ އެވެ. މި ސީޒަނުގެ ރެކޯޑަށް ބަލާއިރު، ސްމިތު ރޯވް ވަނީ 13 މެޗުން ފަސް ގޯލު ޖަހައި ދެ ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.
އާސެނަލްގެ ޔޫތު ޓީމުން ކެރިއަރު ފެށި ސްމިތު ރޯވް ވަނީ މީގެ ކުރިން ތަޖުރިބާ ހޯދަން ޖަރުމަނުގެ އާރްބީ ލައިޕްޒިގާއި އިނގިރޭސި ކްލަބް ހަޑްސްފީލްޑް ޓައުން އަށް ކުޅެފަ އެވެ.
އިނގިރޭސި ކޯޗު ގަރެތު ސައުތުގޭޓް ޓީމުގައި ހިމެނި ބައެއް ކުޅުންތެރިން އަދި ޓީމާ ނުގުޅެ އެވެ. އޭގެ ތެރޭގައި ހިމެނެނީ މެންޗެސްޓާ ޔުނައިޓެޑްގެ މާކަސް ރެޝްފޯޑާއި ލޫކް ޝޯ، ޗެލްސީގެ މޭސަން މައުންޓް އަދި ސައުތެމްޓަންގެ ކެޕްޓަން ޖޭމްސް ވޯޑް-ޕްރައުސް އެވެ.
ރެޝްފޯޑްގެ ކޮނޑަށް ލިބުނު އަނިޔާއިން ރިކަވާވެ، މިހާރު އޭނާ މަސައްކަތް ކުރަމުން އަންނަނީ ފިޓްނަސް އެންމެ މައްޗަށް ޖައްސާލުމަށެވެ. އެންމެ ފަހުން ކުޅުނު މެޗުގައި ޝޯ ބޮލަށް ލިބުނު އަނިޔާގެ ސަަބަބުން އުސޫލެއްގެ ތެރެއިން އޭނާ ހުރީ މޮނިޓަރިންގަ އެވެ. މައުންޓް ވަނީ ޑެންޓަލް ސާޖަރީއެއް ހަދަން ބްރޭކެއް ނަގައިފަ އެވެ.












