ސްރީ ލަންކާގައި މިއަދު ފަށަން ހަމަޖެހިފައި އޮތް މަހިންދަ ރާޖަޕަކްސަ ފޯ ނޭޝަންސް ފުޓްބޯޅަ މުބާރާތުގައި ދިވެހިރާއްޖެ އާއި ސްރީ ލަންކާ މިރޭ ބައްދަލުކުރަން އޮތް މެޗު، މޫސުން ގޯސްވުމުގެ ސަބަބުން ފަސްކުރިއިރު، މާދަމާ ހަވީރު އެ މެޗު ކުޅޭ ގޮތަށް ޝެޑިއުލްކޮށްފި އެވެ.
ފޯ ނޭޝަންސް ކަޕްގައި ކުޅެނީ ރާއްޖެ އާއި ލަންކާގެ އިތުރުން ސީޝެލްސް އާއި ބަންގްލަދޭޝް އެވެ.
މިހާރު ހަމަޖެހިފައި އޮތްގޮތުން ފޯ ނޭޝަންސް ކަޕްގައި މާދަމާ ހަވީރު ރާއްޖެ ގަޑިން 15:30 ގައި ކުޅޭނީ ރާއްޖެ އާއި ލަންކާ އެވެ. އެ މެޗުގެ ކުރިން މުބާރާތުގެ ހުޅުމުގެ ރަސްމިއްޔާތު ބާއްވާނެ އެވެ. އެ އިވެންޓްތައް ފަށާނީ ރާއްޖެ ގަޑިން 14:30 ގަ އެވެ.
ބަންގްލަދޭޝް އާއި ސީޝެލްސް މެޗު ކުޅޭނެ ވަގުތެއް އަދި ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އިއުލާން ނުކުރެ އެވެ. އެ މެޗު ކުޅެން ކުރިން ހަމަޖައްސާފައި އޮތީ މިއަދު ހަވީރު އެވެ.
ލަންކާ އަށް މިދިޔަ ދެ ދުވަހު މޫސުން ވަރަށް ބޮޑަށް ގޯސްވެ ބައެއް ސަރަހައްދުތަކުގައި ފެން ބޮޑުވެފައި ވާއިރު, މުބާރާތުގެ މެޗުތައް ފަސްކުރަން ނިންމީ ވަރަށް ފަހުންނެވެ. ކުރިން ނެރެފައި އޮތް ޝެޑިއުލަށް ބަލާއިރު، މި މުބާރާތުގައި ރާއްޖެ ކުޅޭ ދެ ވަނަ މެޗުގައި މި މަހުގެ 11 ވަނަ ދުވަހު ބަންގްލަދޭޝްއާ ބައްދަލުކުރާނެ އެވެ. އަދި ތިން ވަނަ މެޗުގައި ސީޝެލްސްއާ ކުޅޭނީ މި މަހު 14 ވަނަ ދުވަހު އެވެ. ފައިނަލަށް ގޮސްފިނަމަ އެ މެޗު އޮންނާނީ މި މަހު 19 ވަނަ ދުވަހު އެވެ.
ފައިނަލް މެޗު އޮންނަ ދުވަހަށް ބަދަލު ގެނައީ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯގެ ޝެޑިއުލަށް ބެލުމަށް ފަހު އެވެ. ފައިނަލް މެޗުގެ ޝަރަފްވެރި މެހެމާނަކީ ވެސް އިންފަންޓީނޯ އެވެ.
ލަންކާ މުބާރާތް މި ފަހަރު ކުރިއަށް ދަނީ ފީފާ ކަލަންޑަރުގެ ދުވަސްތަކުގަ އެވެ. އެހެންކަމުން މި މުބާރާތުގެ މެޗުތަކުން ފީފާ ރޭންކިން އަށް ޕޮއިންޓު ގުނާނެ އެވެ. މި ވަގުތަށް ބަލާއިރު، މި މުބާރާތުގައި ވާދަކުރާ ހަތަރު ޓީމުގެ ތެރެއިން އެންމެ ރޭންކިން ރަނގަޅީ ރާއްޖެ އެވެ. ރާއްޖެ އޮތީ 156 ވަނައިގަ އެވެ. ބަންގްލަދޭޝް އޮތީ 187 ވަނައިގަ އެވެ. ސީޝެލްސް ދުނިޔޭގެ 199 ވަނައިގައި އޮތްއިރު، މުބާރާތުގެ ހޯސްޓް ލަންކާ އޮތީ 204 ވަނައިގަ އެވެ.
ރާއްޖޭން ވަނީ 2012 ވަނަ އަހަރު ލަންކާގައި ބޭއްވި މަހިންދުރަ ރާޖަޕަކްސަ މުބާރާތް ކާމިޔާބު ކޮށްފަ އެވެ. އެ ފަހަރުގެ މުބާރާތް ބޭއްވީ 23 އަހަރުން ދަށަށް ހާއްސަ ކޮށްގެންނެވެ. އެ ފަހަރު ފައިނަލުގައި ރާއްޖެ މޮޅުވީ ޕާކިސްތާނާ ވާދަކޮށް 2-1 އިންނެވެ.













