ދ. ކުޑަހުވަދޫއިން ހޯމް މިނިސްޓްރީއަށް ދީފައި އޮތް ބިމަކުން ނެގި 79 ރުއް މިލިއަނެއްހާ ރުފިޔާއަށް ވިއްކާލައިފި އެވެ.
ރުއްތައް ވިއްކިކަމުގެ މައުލޫމާތު އިނގޭ އަދި އިތުބާރު ހިފޭ މަސްދަރަކުން "އަދަދު" އާ ވާހަކަ ދައްކަމުން ބުނީ ކުޑަހުވަދޫއިން ބޭރުކުރި 79 ރުއް ވިއްކާފައި ވަނީ ކޮންމެ ރުކެއް 800 ޑޮލަރު ނުވަތަ 12،336ރ. އަށް ކަމަށެވެ. އެމަގުން ހިސާބު ކުރުމުން 79 ރުކަށް ޖުމްލަ 974،544ރ. ޖެހެ އެވެ.
މި ރުއްތައް ވިއްކީ ކޮން ބަޔަކަށް ކަން އަދި ކަށަވަރެއް ނުވެ އެވެ.
ކުޑަހުވަދޫއިން 129 ރުއް ނަގާފައި ވަނީ ޖުވެނައިލް ރެޒިޑެންޝަލް ޓްރީޓްމަންޓް ސެންޓަރު އެޅުމަށް ހޯމް މިނިސްޓްރީއަށް ދޫކޮށްފައިވާ 15،000 އަކަފޫޓުގެ ރުއްގަސް ބޯ ބިމަކުންނެވެ. އެ ބިމުގައި ހުރި ރައްޔިތުންގެ ރުއްގަހަށް ހޯމް މިނިސްޓްރީން އޮތީ ކައުންސިލަށް ބަދަލު ދީފަ އެވެ. އެހެން ކަމުން އެއީ ހޯމް މިނިސްޓްރީގެ މިލްކިއްޔާތުގައި ހުރި ރުއްތަކެކެވެ.
އެ މައްސަލައިގައި ހޯމް މިނިސްޓްރީން ބުނީ އެ ރުއްތަކަށް ވަކި ގޮތަކަށް އަމަލު ކުރުމަށް އެ މިނިސްޓްރީން އަންގާފައިނުވާނެ ކަމަށާއި ރުއްތައް ވިއްކާފައިވާކަން އެ އޮފީހަށް ނޭނގޭ ކަމަށެވެ. އަދި މަސައްކަތް ކުރާ ސައިޓު ކޮންޓްރެކްޓަރާ ހަވާލު ކުރުމަށްފަހު، އެތަނުގައި ހުރި ރުއްގަހާމެދު އަމަލު ކުރި ގޮތް މޮނީޓާކޮށްފައިނުވާނެ ކަމަށް ވެސް ހޯމް މިނިސްޓްރީން ބުންޏެވެ.

"ރުއްތައް ނެގުމުގެ ހުއްދަ ނަގައިގެން ކޮންޓްރެކްޓާ އެ މަސައްކަތް ކުރާނީ. އެ ރުއްތައް މިނިސްޓްރީއަކުން ނޫން ވިއްކަނީ، ވިއްކި ނަމަވެސް. އެތަނުގަ ހުރި ރުއްތައް ސާފުކޮށްގެން އިމާރާތް އެޅުމަކީ ކޮންޓްރެކްޓާގެ މަސައްކަތެއް،" ހޯމް މިނިސްޓްރީގެ މީޑިއާ އޮފިސަރު ހަފްސީ އަބްދުﷲ ވިދާޅުވި އެވެ.
ކުޑަހުވަދޫ ކައުންސިލްގެ ރައީސް އިބްރާހިމް ފިކުރީ ވިދާޅުވީ "ރުއްތައް ވިއްކިކަން ރަސްމީ އެއްވެސް ސިފައެއްގައި" އެނގިފައިނުވާ ކަމަށެވެ.
ޖުވެނައިލް ރެޒިޑެންޝަލް ސެންޓަރު އިމާރާތް ކުރުމުގެ މަސައްކަތް ހަވާލުކޮށްފައި އޮތް ކުންފުނީގެ ރަސްމީ ބަހެއް މި ހަބަރަށް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.
ކުޑަހުވަދޫއިން އުފުރި ރުއްތަކުގެ ތެރެއިން 79 ރުއް ރަށުން ބޭރުކުރުމުގެ ހުއްދަ ދީފައި ވަނީ އެންވަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ފަރާތުންނެވެ. ރަށު ކައުންސިލުން ނިންމީ 129 ރުކުގެ ތެރެއިން އެރަށުގައި އިންދޭނީ އެންމެ 50 ރުއް ކަމަށެވެ.
"ހިއްކި ތަނުގަ އިންދައިފިއްޔާ އެ ޖެހޭނީ ހަމަ ނަގަން. ދެން އޮތީ ހޭޅިފަށް. އެތަނުން އެއްބައި އެ އޮތީ ސްކައި ޑައިވިން ކުރާ ބަޔަކަށް ދީފަ. އަނެއް ފަރާތް އެ އޮތީ ސޯލާ ގްރިޑް ޖަހާ ގޮތަށް ހަމަޖައްސައިފައި. ހަމައެކަނި އޮތީ ދެކުނު ފަރާތް ހޭޅިފަށް ރުއް އިންދޭނެ ތަނަކަށް. އެ ތަނުގައި 50 ރުއް އިންދާނެ،" މި ނޫހާ ހޯމަ ދުވަހު ވާހަކަ ދައްކަމުން ކައުންސިލްގެ ރައީސް ފިކުރީ ވިދާޅުވެފައިވެ އެވެ.
ނަމަވެސް ރަށުން އެ ހުރިހާ ރުކެއް އިންދޭނެހާ ޖާގަ ކުޑަހުވަދޫގައި އެބަ އޮތް ކަމަށް ރަށުގެ ބައެއް ފަރާތްތަކުން ބުނެ އެވެ. އަދި ރުއްތަކަށް ބަދަލުދިނުމުގަ އާއި ރުއްތައް އުފުރުމުގައި އަމަލު ކުރި ގޮތް ބަލައިދިނުމަށް ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކަށް ހުށަހެޅުމަށް ވެސް ރަށުގެ ހައްގުގައި މަސައްކަތް ކުރާ ބަޔަކު އަންނަނީ ތައްޔާރުވަމުންނެވެ.
"އެއް ކަމަކަށް ކުޑަހުވަދޫގައި ރުއް އިންދާނެ ތަނެއް ނެތިގެންނޭ ކިޔާފަ މި ރުއްތައް ބޭރު ކުރީ. އެހެންވީމަ އަޅުގަނޑުމެން ބޭނުންވޭ ރަސްމީކޮށް އެކަންވެފަ އޮތް ގޮތް އޮޅުންފިލުވަން. ދެން އަނެއް ކަމަކަށް ރުއް އުފުރި ސަރަހައްދުގައި ހުރި ރުއްގަހަށް ކްލެއިމް ކުރަން 24 ގަޑިއިރު މި ރައްޔިތުންނަށް ލިބުނީ. އަދި ހަތަރު ހެކިވެރިން ގޮވައިގެން މި ދާންޖެހެނީ ވެސް ކްލެއިމް ކުރަން. އެހެންވީމަ އެއީ ނުވާނެ ކަމެއްތާ،" އެ ރަށުން ވާހަކަ ދެއްކި މީހަކު ނޫހުގައި ނަން ނުޖެހުމަށް އެދި ބުންޏެވެ.
ކުޑަހުވަދޫއިން ނެގި ރުއްތައް ހުކުރު ދުވަހު ރަށުން ބޭރުކުރަން އުޅުމުން ރަށުގެ ބައެއް މީހުން އެކަން ހުއްޓުވި އެވެ. ނަމަވެސް ހޮނިހިރު ދުވަހު އަނެއްކާ ވެސް އެ މަސައްކަތް ފަށައި، ރުއްތައް ބޭރުކުރި އެވެ. މީގެ ކުރިން ފުޓްސަލް ދަނޑެއް އެޅުމަށް އަދި ރަށު ކައުންސިލްގެ އިމާރާތެއް އެޅުމަށް ވެސް ގިނަ އަދަދެއްގެ ރުއް އެ ރަށުން ވަނީ ކަނޑައިފަ އެވެ.













