އަބޫދާބީ، ޔޫއޭއީ (ނޮވެމްބަރު 7) - ޓީ20 ކްރިކެޓް ވޯލްޑް ކަޕްގައި މިރޭ ނިއު ޒީލެންޑުން އަފްގާނިސްތާންގެ މައްޗަށް ކުރިހޯދައިި ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކުރިއިރު، ކުޅިބަލަން ތިބި އިންޑިއާ މުބާރާތުން ކަޓައިފި އެވެ.
މާދަމާ ނަމީބިއާއާ ދެކޮޅަށް އިންޑިއާ ކުޅޭ މެޗަށް ނުކުތުމުގެ ކުރިން ސެމީގެ ފުރުސަތެއް އެ ޓީމަށް އޮތި މިރޭ ނިއު ޒީލެންޑް ބަލިވެގެންނެވެ. އެކަމަކު، ނިއު ޒީލެންޑުން ވަނީ އަށް ވިކެޓުން އަފްގާނިސްތާން ބަލިކޮށްފަ އެވެ. އެ ނަތީޖާއާ އެކު ސެމީ ފައިނަލަށް ދިއުމުގެ ހުރިހާ ދޮރެއް އިންޑިއާ އަށް ބަންދުވީ އެވެ.
އިންޑިއާ އަށް މުބާރާތުގައި ކުރިއަށްދާން އެންމެ ބޮޑު މައްސަަލައެއް ދިމާވީ ފުރަތަމަ ދެ މެޗުން ޕާކިސްތާނާއި ނިއު ޒީލެންޑް އަތުން ބަލިވުމުންނެވެ. އެ ހިސާބުން އެ ޓީމަށް އޮތީ އަމިއްލަ ބާރު ގެއްލިފަ އެވެ.

އިންޑިއާގެ ކެޕްޓަން ވިރާތު މެޗެއްގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ
ގްރޫޕް ދޭކުން ސެމީގެ ޖާގަ ޔަގީންކުރީ އެއް ވަނައިގައި އޮތް ޕާކިސްތާނާއި ދެ ވަނަ ކަށަވަރުކުރި ނިއު ޒީލެންޑް އެވެ. ޕާކިސްތާނުން މިރޭ ސްކޮޓްލެންޑާ ކުޅޭއިރު، ޕާކިސްތާން އެއް ވަނައިގައި އޮތީ 10 ޕޮއިންޓް ހޯދައިގެންނެވެ. ނިއު ޒީލެންޑުން ވަނީ އަށް ޕޮއިންޓް ހޯދައިފަ އެވެ. އިންޑިއާ ތިނެއްގައި އޮތީ ހަތަރެއްގައި އޮތް އަފްގާނިސްތާނާ އެއްވަރަށް ހަތަރު ޕޮއިންޓް ހޯދައިގެންނެވެ.
މިރޭގެ މެޗުގައި ޓޮސް ދިމާވުމުން އަފްގާނިސްތާނުން ނިންމީ ކުޅެން އަރާށެވެ. އަފްގާނިސްތާނަށް 20 އޯވަރުގެ ތެރޭގައި އަށް ވިކެޓަށް ހެދުނީ 124 ލަނޑެވެ. އަފްގާނިސްތާން ޓީމުން އެންމެ ރަނގަޅު ކުުޅުމެއް ދެއްކީ 43 ބޯޅައިން 73 ލަނޑު އެއްކުރި ނަޖީބުﷲ ޒަދްރާން އެވެ. އެ ޓީމުގެ ކެޕްޓަން މުހައްމަދު ނާބީ އަށް 20 ބޯޅައިން ހެދުނީ 14 ލަނޑެވެ.
ޖަވާބުގައި ނިއު ޒީލެންޑުން ކުޅެން އަރައި ވަނީ 18.1 އޯވަރުގެ ތެރޭގައި ދެ ކުޅުންތެރިން ނުބައިވެގެން 125 ލަނޑު ހަދައިފަ އެވެ. ނިއު ޒީލެންޑުން ފުރަތަމަ ކުޅެން އެރި ވަރުގަދަ ބެޓްސްމަނުން ކަމަށްވާ ޑަރީލް މިޗެލް އާއި މާޓިން ގުޕްޓިލް އަށް މާ ބޮޑު ތަފާތެއް ނުދެއްކި ވަނީ ނުބައިވެފަ އެވެ. ގުޕްޓިލް 28 ލަނޑު ހެދިއިރު، މިޗެލް ވަނީ 17 ލަނޑު އެއްކޮށްފަ އެވެ.
ނިއު ޒީލެންޑުން އެންމެ މޮޅު ކުޅުމެއް ދެއްކީ ނުބައިނުވެ 42 ބޯޅައިން 40 ލަނޑު ހެދި ކޭން ވިލިއަމްސަން އެވެ.
މި ފަހަރުގެ މުބާރާތުން އިންޑިއާ ކެޓިއިރު، އެ ޓީމުގެ ކޯޗުގެ މަގާމުން މި މުބާރާތަށް ފަހު ރަވީ ޝާޝްތުރީ ވަކިވާނެ އެވެ. އިންޑިއާ ޓީމާ ދެން ހަވާލުވާނީ ކުރީގެ ކެޕްޓަން ރާހުލް ޑްރާވިޑް އެވެ.












