ޓިއުރިން (ނޮވެމްބަރު 7) - އިޓާލިއަން ލީގުގައި ރޭ ފަހު ވަގުތު ހުއާން ކުއަޑްރާޑޯ ވައްދާލި ގޯލުން ފިއޮރެންޓީނާގެ މައްޗަށް 1-0 އިން ޔުވެންޓަސް އިން ކުރިހޯދައިފި އެވެ.
އެންމެ ފަހުން ކުޅުނު ހަތަރު މެޗުގެ ތެރޭގައި ޔުވެންޓަސް އަށް ލިބުނު ފުރަތަމަ މޮޅާ އެކީ އެ ޓީމު އޮތީ ލީގުގެ އަށް ވަނައިގަ އެވެ. އެއީ 12 މެޗުން 18 ޕޮއިންޓާ އެކު އެވެ. އެއް ވަނައިގައި އޮތް ނަޕޯލީ އަށް ވުރެ އެއް މެޗު އިތުރަށް ކުޅުނު ނަމަވެސް ޔުވެންޓަސް އޮތީ ނަޕޯލީ އަށް ވުރެ 13 ޕޮއިންޓް ފަހަތުގަ އެވެ.
ރޭގެ މެޗު ފަށައިގެން ފިއޮރެންޓީނާގެ ކީޕަރު ޕިއޮޓްރޭ ޓެރަސިއާނޯ ހެދި ގޯހެއްގެ ފައިދާނަަގައި ޔުވެންޓަސްގެ ފޯވާޑް އަލްވާރޯ މޮރާޓާ އެ ޓީމަށް ލީޑުނަގައިދިނުމާ ގާތަށް ޖެހިލި އެވެ. އޭގެ ފަހުން ޔުވެންޓަސްގެ ކެޕްޓަން ޕައޮލޯ ޑިބާލާ، އޭރިއާތެރޭގައި ހުރެފައި ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.
ފިއޮރެންޓީނާ އަށް ގޯލެއް ޖަހައިދޭން ރިކާޑޯ ސަޕޮނާރާ ފޮނުވާލި ބޯޅަ ހުރަސްދަނޑިމަތިން ދިޔައިރު، އެ ޓީމުގެ ސާބިއާ ފޯވާޑް ޑޫސާން ވްލަހޯވިޗް ބޮލުން ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ.
ފިއޮރެންޓީނާ އަށް މައްސަަލަ ދިމާވީ މެޗުގެ 74 ވަނަ މިނިޓްގައި އެ ޓީމުގެ ޑިފެންޑަރު ނިކޯލަ މިލެންކޮވިޗަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދެއްކުމުންނެވެ. ފިއޮރެންޓީނާގެ ކުޅުންތެރިއަކު މަދުވުމުގެ ފައިދާނަގައި ޔުވެންޓަސް އިން އެޓޭކް ވަރުގަދަކުރި އެވެ.
އެ ގޮތުން ކުރިން ފިއޮރެންޓީނާ އަށް ކުޅުނު ފެޑެރީކޯ ކިއޭސާ ވެސް ވަނީ ޔުވެންޓަސް އަށް ގޯލެއް ޖަހައިދިނުމާ ގާތަށް ޖެހިލައިފަ އެވެ. އޭރިއާތެރެއިން ކިއޭސާ ޖެހި ބާރު ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ. ޔުވެންޓަސް އިން ގޯލު ޖެހީ އިތުރު ވަގުތުގެ ފުރަތަމަ މިނިޓްގަ އެވެ. ފިއޮރެންޓީނާ އޭރިއާތެރެއިން ކުއަޑްރާޑޯ މި ގޯލު ޖެހީ ހަނި އޭންގަލުންނެވެ. އެ ބޯޅަ އަމާޒުވީ ގޯލުގެ ދުރުކަނަށެވެ.
ޔުވެންޓަސްގެ ކޯޗު މެސިމޯ އަލެގްރީ ބުނީ މި ގޮތަށް ބުރަ މަސައްކަތުން ހޯދާ ޕޮއިންޓްތަކުގެ ފައިދާ މި ވަގުތު ނެގޭނީ ޓީމުގެ ރޫހު ރަނގަޅުކޮށްގެން ކަމަށެވެ. އަދި ރަނގަޅު ނަތީޖާ އިން ޕޮޒިޓިވް ކަންކަން ނަގައިގެން ދެން ހުރި މެޗުތަކަށް ދިއުން މުހިއްމު ކަމަށް އަލެގްރީ ވަނީ ބުނެފަ އެވެ.












