ބުރާސްފަތި ދުވަހު ސޯލްޓު ކެފޭ ހިތްގައިމު ހަފްލާއަކަށް ޒީނަތްތެރިކޮށްފައި ހައްވާ ލީޝާ ނުވަތަ ސޯޝަލް އެކްޓިވިސްޓް ނަމުން ނަމަ ލީޝް ވިސާމް، 'ނޯޓު ފޮތެއް' ނެރުމުން އަޅުގަނޑުގެ ބޮލުގައި އުފެއްދީ ސުވާލެކެވެ.
"ނޯޓު ފޮތެއް އެންމެންނަށް އެނގޭ ގޮތަށް ނެރުމުގެ ބޭނުމެއް، މަގުސަދެއް ކޮބައި ހެއްޔެވެ؟"
ދެތިން މިނިޓު ނުވެ، މި ސުވާލުގެ ޖަވާބު ދެއްވަން އެންމެ ފުރަތަމަ ޕޯޑިއަމަށް އެރުއްވީ ހަފްލާ ޝަރަފުވެރި ކޮށްދެއްވަން ވަޑައިގެން އިންނެވި ރައީސުލްޖުމްހޫރިއްޔާގެ ތައުލީމީ އަނބިކަނބަލުން މެޑަމް ފަޒުނާ އަހުމަދު އެވެ. ވާހަކަފުޅަށް ހުއްޓިވަޑައިގެން، ހަމަ އެ ފިޔަވަޅު މަތީގައި ހުންނަވައިގެން މަރުހަބާ ދަންނަވާފައި، އެކަމަނާ ކިޔައިދެއްވަން ފެއްޓެވީ ނަފްސާނީ ދުޅަހެޔޮކަން ހޯދުމަށް ހިޔާލުގައި ހިނގާ ފިކުރުތައް ކަރުދާހަށް ބަންޑުންކުރުމުގެ ފަހަތުގައި ފޮރުވިފައިވާ ސިއްރާއި ސައިންސެވެ. ލިޔުމުގެ ތެރެޕީ އާއި ހަޔާތުގެ އެންމެ އުނދަގޫ ދުވަސްތަކުގައި އެ ފަދަ ނޯޓު ފޮތަކުން އެކަމަނާގެ ސިކުނޑީގެ ހައިޖާނު ފިލުވަމުން ނަފްސަށް ހިތްހަމަޖެހުން ހޯއްދެވި ގޮތުގެ ވާހަކަ އެވެ. އެފަދަ ދުޅަހެޔޮ ތެރެޕީ އަކަށް އަހަރެމެން އާދަވާންވީ އެތައް ސަބަބެއް ލިސްޓު ކޮށްދެއްވި އެވެ. އެކަމަށް އިލްތިމާސްކުރެއްވި އެވެ.

ލީޝާގެ 'ތެރަޕިއުޓިކް ޖާނަލް' ނެރުމުގެ ރަސްމިއްޔާތުގައި ފަސްޓް ލޭޑީ މެޑަމް ފަޒުނާ ފޮތް ނެރެދެއްވަނީ

ލީޝް ނެރުނު ފޮތާއި 'ތެރަޕިއުޓިކް ޖާނަލް' އެއްގެ ބޭނުން
ނަފްސާނީ ބަލީގައި ކުޑައެއް ބޮޑެއް ނެތި އެންމެން 'ހަނާ' ވަމުންދާ ވާހަކަ އާއި ހަމަ އެ ނޭވާގައި، ނަފްސާނީ ދުޅަހެޔޮކަން ހޯދަން ނަގަންޖެހޭ ފަރުވާ 'މުއްސަނދިންގެ ނަސީބަކަށް' ވެފައި އޮތް ގޮތް ކިތަންމެ ވަރަކަށް ދެއްކިޔަސް އެ ހާލަތު ބަދަލުވާނެ ކަމުގެ އަލާމާތެއް ލޮލުގެ ކޮޅަށް ވެސް އަދި ފެންނާކަށް ނެތެވެ. އެކަމަކު އަތުން އެއްޗެއް ނުދީ ކުރެވިދާނެ ކަމެއް އެބައޮތެވެ.
ލީޝާ ކިޔައިދިނީ އެގޮތެވެ.
"މިއަށް ކިޔަނީ ތެރަޕިއުޓިކް ޖާނަލް. މީހާގެ ހިތުގައި ހިނގާ ޖަޒުބާތުތަކާއި ކުރާ ފުން އަސަރުތަކާއި ޓްރޯމާ އާއި ހިތްދަތި ހަނދާންތައް ޖާނަލް ނުވަތަ ފޮތެއްގައި ތަފްސީލުކޮށް ބަޔާން ކުރުމުގެ އާދައަކީ އެތައް ބައިވަރު ފައިދާތަކެއް ހިމެނޭ ކަމެއް. ލިޔުމަކީ ބާރުގަދަ ހީލިން ޕަވާ އެއް. ނަފްސު އެނގިގަތުމަށް ކުރެވޭނެ އެންމެ ފަސޭހަ، އެންމެ އަގުހެޔޮ ކަމަކީ ވެސް ލިޔުން،"
ލީޝްގެ 'ތެރަޕިއުޓިކް ޖާނަލް' އަކީ ލޮކްޑައުން ތެރޭގައި އޭނާގެ ހިތުގެ ހަމަޖެހުމާއި ރޭގަނޑުގެ ނިދި ގެއްލުވައިލި ހިޔާލާއި ފިކުރުތަކުން މިންޖުވެ، ހިތްހަމަޖެހުން ހޯދުމަށް އޭނާ ކުރި ދަތުރުގައި ހިޔާރުކުރި މަގު އެހެން މީހުންނަށް ދައްކައިދޭން ނެރުނު ފޮތެކެވެ. އެ ފޮތުގެ ހުސް ސަފުހާތަކުގެ މެދުން ދޭތެރެ ދޭތެރެއިން ކުލަ ތަސްވީރާއި ކުރު ލިޔުންކޮޅުތައް ހިމަނައިގެން ގެނެސްދީފައިވަނީ 'ޕޮޒިޓިވް މައިންޑްސެޓް' އެއް ބިނާކުރަން ތަކުރާރުކޮށް ލީޝް، އޭނާގެ ސިކުނޑިއަށް ވިސްނައިދިން ކަންތައްތަކެވެ.
"ތެރެޕިސްޓެއްގެ ގާތަށް ގޮސްގެން ވެސް ހަމަ މި ޖެހެނީ މާޒީގެ ކަންތައްތަކާއި ހިޔާލުގައި އެނބުރޭ ކަންކަން ކިޔައިދޭން. މިއީ ވަރަށް ބޮޑު އަޅާކިޔުމެއް ނޫން. އެކަމަކު މިކަހަލަ ޖާނަލްއެއް ގެންގުޅެ، ނަފްސު ނިއުޅުވޭ ގޮތަށް ލިޔަން އާދަކުރެވިއްޖެ ނަމަ ވަރަށް ބޮޑު ތަނުން މީހާ އަށް ހަމަޖެހުން ލިބިގެންދާނެ. އެހެންވީމާ އެއް ގޮތަކުން ބަލާނަމަ، ޕްރޮފެޝަނަލް ފަރުވާ އެއް ލިބޭގޮތް ވަންދެން، ނަފްސު ސަލާމަތްކުރެވިދާނެ ގޮތެއް މިއީ." ލީޝަ ކިޔައިދިނެވެ.

އެހެންވީމަ، ލީޝާގެ ޖާނަލްގެ ބޭނުމަކީ މީހުންނަށް ރަނގަޅަށް ނޭނގި އޮތް ނަފްސާނީ ދުޅަހެޔޮކަމަށް ހިއްވަރުދޭ އާދައެއް އޭނާގެ ފޮތުގެ ޒަރީއާއިން މިސާލެއް ދައްކައިލުމެވެ.
އޭނާ ބުނީ، ޖާނަލްގެ ބޭނުމާއި އޭގެ ބޭނުންތެރިކަން ކިޔައިދިނުމަށްފަހު، ތެރަޕިއުޓިކް ޖާނަލުގެ ޗާފުކުރި 500 ކޮޕީ ރަށްރަށަށާއި އެކި އޮފީސްތަކަށް ބަހާފައި އިތުރު 500 ފޮތް 250 ރުފިޔާގެ ރޭޓުން ވިއްކައި އެ ލާރި ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ މައިންބަފައިންނަށް ހަދިޔާކުރުމުން ނަފްސާނީ ދުޅަހެޔޮކަމުގެ ހޭލުންތެރިކަން އިތުރުކުރަން މިހާރު ފަށައިގެން އުޅޭ ޕްރޮޖެކްޓުގެ މަގުސަދު ހާސިލުވީ ކަމަށެވެ.
ސައިންސް ބުނަނީ ކީކޭ؟
'ތެރެޕިއުޓިކް ރައިޓިން' އަކީ ސީދާ ޑައިރީ ލިޔުމެއް ނޫނެވެ. އެހެންވީމަ، ޝައުގުވެރިކަމަށް، ނުވަތަ ދުވަހުގައި ވާ ހުރިހާ ކަމެއް ޖާނަލް ކުރުމާ މިބާވަތުގެ ޖާނަލް ލިޔުން ތަފާތެވެ. ތެރެޕިއުޓިކް ރައިޓިން ފޯކަސް ކުރަނީ މީހާގެ ހިޔާލުގައި ހުންނަ ހާސްވާ ކަންތައްތަކާއި ޓްރޯމާ އާއި ހިތަށް އުނދަގޫވާ ހިޔާލުތައް ހިއްސާކުރުމަށެވެ.
މިގޮތަށް ލިޔާއިރު، ތަޖުރިބާކާރުން ދޭ ލަފާ އަކީ ނަފުސަށް މަޖުބޫރުނުކުރުމެވެ. އެކަމަކު ހިތާއި ހިޔާލުގައި ހުންނަ ސިއްރުތައް ހާމަކުރަން މަަސައްކަތްކުރުމަށެވެ. ލަސްލަހުން، ދުވަހެއް ދުވަހަކަށް މިގޮތަށް ލިޔަން މަސައްކަތް ކުރުމުން މީހާ އަށް މަޑު މަޑުން އެ ހިއްވަރު ލިބެ އެވެ. މަރުދުވަހާ ހަމައަށް ފޮރުވަން ވިސްނާ ކަންތައްތަކަކީ ވެސް ބޭރުކުރެވިދާނެ ކަންތައްތަކެއް ކަން ގަބޫލުކުރެވި، ލިޔަން ހިއްވަރު ލިބެ އެވެ.
ފައިދާތައް ކިޔަމާ ހެއްޔެވެ؟
- ނަފްސާ ބެހޭ ކަންކަން އެނގުން، ވިސްނާ ގޮތާއި ކުރަން ބޭނުންވާ ކަންތައްތަކާއި، ހިތްދަތިވާ ކަންކަން އެނގުން
- ޖަޒުބާތުތައް ދުޅަހެޔޮ ގޮތުގައި މެނޭޖުކުރަން ދަސްވުން
- އަހުލާގަށް އަންނަ ބަދަލު މޮނިޓާ ކުރެވި، އަހުލާގު ހިފަހައްޓަން ނުވަތަ މެނޭޖު ކުރަން ދަސްވުން
-










