ނިއުކާސަލް (ނޮވެމްބަރު 5) - ނިއުކާސަލް ޔުނައިޓެޑްގެ ކޯޗުގެ މަގާމާ ހަވާލުވާން އިނގިރޭސި ޒުވާން ކޯޗު އެޑީ ހޯވް ތައްޔާރަށް ހުރި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ސައުދީ އަރަބިއްޔާ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ ހިއްސާއާ އެކު ސައުދީގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑް (ޕީއައިއެފް) އިން ދާދި ފަހުން ނިއުކާސަލް ގަތްތާ ދެ ހަފްތާއެއްހާ ދުވަސް ވެސް ނުވެ ނިއުކާސަލްގެ ކޯޗަކަށް ހުރި ސްޓީވް ބްރޫސް ވަނީ މަގާމުން ވަކިކޮށްފަ އެވެ.
ނިއުކާސަލް އިން އާ ކޯޗެއް ހޯދަން ކުރަމުން އަންނަ މަސައްކަތުގައި މިހާތަނަށް ވަނީ އިޓަލީގެ ރޯމާ އާއި ޔޫކްރެއިނުގެ ޝަހުތަރު ޑޮނެސްކްގެ ކުރީގެ ކޯޗު ޕައޮލޯ ފޮންސޭކާ އާއި ކުރިން އާސެނަލަށް ކޯޗުކޮށްދިން އަދި މިހާރު ސްޕެއިނުގެ ވިޔަރެއާލްގައި ހުރި ކޯޗު އުނާއި އެމެރީއާ މަޝްވަރާކޮށްފަ އެވެ.
ރިޕޯޓްތައް ބުނާގޮތުން އެމެރީ އާއި ފޮންސެކޭ ނިއުކާސަލާ ހަވާލުވާން ދެކޮޅު ހެދީ އެ ކްލަބްގެ މެނޭޖްމަންޓުން ކޮންޓްރެކްޓްގައި ހިމަނަން ނިންމި މާއްދާއަކާ ހެދި އެވެ. އެއީ މި ސީޒަނުގައި ނިއުކާސަލް ރެލިގޭޓްވެއްޖެނަމަ ކޮންޓްރެކްޓްގެ މުއްދަތަށް ބާކީ ލިބެންޖެހޭ ފައިސާ ދިނުމެއްނެތި މަގާމުން ވަކިކުރެވޭނެ ގޮތަށް އެއްބަސްވުމުގައި ހިމަނަން ޝަރުުތުކުރާތީ އެވެ. އެ ގޮތަށް ނިއުކާސަލް އިން ޝަރުތުކުރާތީ އެމެރީ ވަނީ ރަސްމީކޮށް ވިޔަރެއާލްގައި މަޑުކުރަން ނިންމާފައިވާކަން އިއުލާނުކޮށްފަ އެވެ.
އެ ހިސާބުން ނިއުކާސަލް އިން މިސްރާބު ޖެހީ ކުރިން ބޯންމައުތަށް ޕްރިމިއާ ލީގުގައި ކޯޗުކޮށްދިން އުމުރުން 43 އަހަރުގެ ހޯވް ގެނައުމަށެވެ. މިދިޔަ އަހަރު ބޯންމައުތު ދޫކޮށްލި ފަހުން ހޯވް ހުރީ ޓީމަކާ ހަވާލުނުވެ އެވެ.
އެއް ސީޒަނުގައި ބާންލީ އަށް ވެސް ކޯޗުކޮށްދިން ހޯވް، މިހާރު ވަނީ އަނގަބަހުން ނިއުކާސަލްއާ ހަވާލުވާން އެއްބަސްވެފަ އެވެ. އެއީ ނިއުކާސަލް އިން ހުށަހެޅި ހުރިހާ ޝަރުތަކަށް އެއްބަސްވެގެންނެވެ. މާނަ އަކީ މި ސީޒަނުގައި ނިއުކާސަލް ރެލިގޭޓްވެއްޖެނަމަ އެ ކްލަބްގެ ސީނިއާ މެނޭޖްމަންޓުން ބޭނުންނަމަ ހޯވް އަށް ވަޒީފާ ގެއްލޭ ގޮތަށެވެ.
ހޯވްއާ އެކު ބޯންމައުުތުގައި މަސައްކަތްކުރި ތިން ކުޅުންތެރިއަކު މި ވަގުތު ނިއުކާސަލް ޓީމުގައި ހިމެނެ އެވެ. އެއީ ފޯވާޑް ކަލުމް ވިލްސަންގެ އިތުރުން ފަޅިން ކުޅޭ ދެ ކުޅުންތެރިން ކަމަށްވާ މެޓް ރިޗީ އާއި ރަޔާން ފްރޭޒާ އެެވެ.
ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު 10 މެޗުން ލިބުނު ހަތަރު ޕޮއިންޓާ އެކު ނިއުކާސަލް އޮތީ ލީގުގެ ފުލުން ދެ ވަނައިގަ އެވެ. ލީގުގައި ނިއުކާސަލް މާދަމާ ކުޅޭނީ ރަށުންބޭރުގައި ބްރައިޓަންއާ އެވެ.












