ދުބާއީ (ނޮވެމްބަރު 3) - ފުރަތަމަ ދެ މެޗުން ބަލިވެފައި ވަނިކޮށް މިރޭ އަފްގާނިސްތާން އަތުން ބޮޑު މޮޅެއް ހޯދައި އިންޑިއާ އިން ޓީ20 ކްރިކެޓް ވޯލްޑް ކަޕްގެ ސެމީ ފައިނަލުގެ ޖާގައެއް ހޯދުމުގެ އުއްމީދު އާ ކޮށްފި އެވެ.
އިންޑިއާ ވަނީ ފުރަތަމަ މެޗުން ޕާކިސްތާން އަތުން 10 ވިކެޓުން ބަލިވެފަ އެވެ. ދެ ވަނަ މެޗުގައި ނިއު ޒީލެންޑާ ވާދަކޮށް އިންޑިއާ ބަލިވީ އަށް ވިކެޓުންނެވެ. މޮޅުވުން މަޖުބޫރު މެޗެއްގައި އަފްގާނިސްތާނާ ބައްދަލުކޮށް އިންޑިއާ މިރޭ މޮޅުވީ 66 ލަނޑުންނެވެ.
ދުބާއީ އިންޓަނޭޝަނަލް ކްރިކެޓް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި ޓޮސް ދިމާވުމުން އަފްގާނިސްތާނުން ނިންމީ ފީލްޑްކުރާށެވެ. ކުރިން މެޗުތަކުގައި އަފްގާނިސްތާނަށް ޓޮސް ދިމާވެއްޖެނަމަ ނިންމާފައިވަނީ ބެޓްކުރާށެވެ.
ވިހި އޯވަރު ތެރޭގައި ދެ ކުޅުންތެރިން ނުބައިވެގެން އިންޑިއާ އިން ވަނީ މިރޭ 210 ލަނޑު ހަދައިފަ އެވެ. އޯޕަނިން ބެޓްސްމަނެއްގެ ގޮތުގައި ނުކުމެ އިންޑިއާ އިން ތަފާތު ދެއްކީ ރޯހިތު ޝަރްމާ އެވެ. ރޯހިތު ވަނީ 47 ބޯޅައިން 74 ލަނޑު އެއްކޮށްފަ އެވެ. އޭނާ ވަނީ އަށް ފަހަރު ހަތަރަކަށް އަދި ތިން ފަހަރު ހަޔަކަށް ޖަހައިފަ އެވެ.
ރޯހިތާއި ކޭއެލް ރާހުލްގެ ޕާޓްނަޝިޕުން ގުޅިގެން 140 ލަނޑު ހެދިއިރު، ރާހުލް ވަނީ 48 ބޯޅައިން 69 ލަނޑު ހަދައިފަ އެވެ. އިންޑިއާ އިން ކުޅެން އެރި ހަރްޑިކް ޕާންޑްޔާ އާއި ރިޝަބް ޕާންޓް ވެސް ވަނީ މޮޅަށް ކުޅެފަ އެވެ. ޕާންޑްޔާ 35 ލަނޑު ހެދިއިރު، ރިޝަބް ވަނީ 27 ޕޮއިންޓް އެއްކޮށްފަ އެވެ.
ޖަވާބުގައި އަފްގާނިސްތާނުން ކުޅެން އަރައި 20 އޯވަރު ހަމަވިއިރު ހެދުނީ ހަތް ކުޅުންތެރިން ނުބައިވެގެން 144 ލަނޑެެވެ. އަފްގާނިސްތާނުން އެންމެ ރަނގަޅަށް ކުޅުނީ ކަރީމް ޖަނަތު އާއި މުހައްމަދު ނާބީ އެވެ. ޖަނަތު ވަނީ ނުބައިނުވެ 22 ބޯޅައިން 42 ލަނޑު އެއްކޮށްފަ އެވެ. އަދި ނާބީ ވަނީ 32 ބޯޅައިން 35 ލަނޑު ހަދައިފަ އެވެ.
އިންޑިއާގެ ކުޅަދާނަ އުކުންތެރިން ކަމަށްވާ ޖަސްޕްރީތު ބުމްރާ އާއި މުހައްމަދު ޝާމީ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ޝާމީ ވަނީ މިރޭގެ މެޗުގައި ތިން ވިކެޓް ނަގައިފަ އެވެ.
ސެމީ ފައިނަލުގެ ޖާގައެއް ހޯދާނަމަ އިންޑިއާ އިން ބާކީ އޮތް ދެ މެޗުން މޮޅުވާން ޖެހޭނެ އެވެ. އެ ޓީމަށް އޮތީ ހުކުރު ދުވަހު ސްކޮޓްލެންޑާ ދެކޮޅަށް ކުޅޭ މެޗާއި ހޯމަ ދުވަހު ނަމީބިއާއާ ބައްދަލުކުރާ މެޗެެވެ.
ގްރޫޕް ދޭކުން ސެމީ ފައިނަލުގެ ޖާގަ ޔަގީންކޮށްފައިވާ ޓީމަކީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެފައިވާ ޕާކިސްތާން އެވެ. ދެ ވަނައިގައި އޮތް އަފްގާނިސްތާން އާއި ތިން ވަނައިގައި އޮތް ނިއު ޒީލެންޑަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. ހަަތަރެއްގައި އޮތް އިންޑިއާ އާއި ފަސް ވަނައިގައި އޮތް ނަމީބިއާ އަށް ލިބިފައިވަނީ ދެ ޕޮއިންޓެވެ. އެންމެ ފުލުގައި އޮތް ސްކޮޓްލެންޑަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.












