ގައުމު އެއްބައިވަންތަ ކުރުމުގައި ފުޓްބޯޅަ މުހިއްމު: ނައިބު ރައީސް

ަނައިބު ރައީސް ފައިސަލް ނަސީމް (ކ) ގައުމީ ޓީމުގެ ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ)އާ ސަލާމްކުރަނީ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ަނައިބު ރައީސް ފައިސަލް ނަސީމް (ކ) ގައުމީ ޓީމުގެ ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ)އާ ސަލާމްކުރަނީ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ގައުމުގެ ރައްޔިތުންގެ މެދުގައި އެއްބައިވަންތަކާއި އެކުވެރިކަން އާލާކުރުމުގައި ފުޓްބޯޅަ އިސްދައުރެއް އަދާކުރާކަން ނިމިދިޔަ އުރީދޫ ސާފް ޗެމްޕިއަންޝިޕް އިން ފެނިގެން ގޮސްފައިވާ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ސާފް ޗެމްޕިއަންޝިޕްގައި ގައުމީ ޓީމުން ކުރި މަސައްކަތް ފާހަގަކުރުމަށާއި މި މަހު ސްރީ ލަންކާގައި ބާއްވާ މަހިންދުރަ ރާޖަޕަކްސަ ފޯ ނޭޝަންސް ކަޕަށް ދިއުމުގެ ކުރިން ގައުމީ ޓީމަށް ހިތްވަރު ދިނުމަށް ނައިބު ރައީސް ފައިސަލް ނަސީމް ވަނީ މިއަދު ހާއްސަ ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގެންފަ އެވެ.

ހޮޓެލް ޖެންގައި ބޭއްވި މި އިވެންޓްގައި ގައުމީ ޓީމާ މުހާތަބުކޮށް ނައިބު ރައީސް ފައިސަލް ވިދާޅުވީ ގައުމީ ޓީމުގައި ހިމެނޭ ކުޅުންތެރިން ގައުމުގެ ހައްގުގައި ކުރަނީ މުހިއްމު މަސައްކަތެއް ކަމަށާާއި ފުޓްބޯޅަ ކުޅުންތެރިންނަކީ ގައުމުގެ ރައްޔިތުންނަށް އުފާވެރިކަން ގެނެސްދޭ ބައެއް ކަމަށެވެ.

"އެންމެން އެއްބައިވަންތަ ކުރުވައި އެކުވެރިކުރުވާ އެއްޗެއްގެ ގޮތުގައި ފުޓްބޯޅަ ފެނިގެން މިދަނީ،" ނައިބު ރައީސް ވިދާޅުވި އެވެ.

"ސާފް (ޗެމްޕިއަންޝިޕް)ގައި ފެނުނީ އާދަޔާހިލާފު ސަޕޯޓެއް. ކޮންމެ ރަށަކާއި މާލެއިން އަދި (ގަލޮޅު) ދަނޑުން ވެސް ފެނިގެންދިޔައީ އެއް ޖޯޝެއް. ގައުމީ ޓީމުން ވަރަށް ހިތްވަރުކުރި، ކޮންމެ ފަހަރަކު ހުރިހާ ޓީމަކަށް ކާމިޔާބު މުބާރާތަކަށް ނުވެދާނެ. މީގެ މަސައްކަތް ކުރަންވީ ކުރިއަށް އޮތްތަނުގައި ހިތްވަރުކޮށް ކާމިޔާބު ހޯދަން،"

މިއަދުގެ އިވެންޓްގެ ތެރެއިން ނައިބު ރައީސް ފައިސަލް ވާހަަކަ ދައްކަވަނީ.--ފޮޓޯ:

މިއަދުގެ ސަރުކާރުގެ ފެށުން ވެސް އައީ "ދުޅަހެޔޮ ހަށިހެޔޮ" ޝިއާރުގެ ދަށުން ހިންގުނު ކުޅިވަރުގެ އިވެންޓްތަކަކާ އެކުގައިކަން ފާހަގަކުރައްވައި، ނައިބު ރައީސް ވިދާޅުވީ އެފްއޭއެމުން މުޅި ރާއްޖެ އަށް ފުޅާކޮށް މުޅި ގައުމުގައި ކުރިން އެ އޮތް ފުޓްބޯޅަ ފޯރި އަލުން ގެންނަން މަސައްކަތް ކުރުމަށް އެދޭ ކަމަށެވެ.

ގައުމީ ޓީމުން މި މަހު 8-17 އަށް ލަންކާގައި ބާއްވާ ފޯ ނޭޝަންސް ކަޕްގައި ކާމިޔާބަށް އެދޭ ކަމަށް ނައިބު ރައީސް ވަނީ ވިދާޅުވެފަ އެވެ.

"ގައުމުގައި ކުޅުނަސް ގައުމުން ބޭރުގައި ކުޅުނަސް އަޅުގަނޑުމެންގެ އަތްތިލަބަޑީގެ އަޑު މަޑުވެގެން ނުދާނެ. އަޅުގަނޑުމެންގެ ދުއާ އަކީ އަބަދުވެސް ގައުމީ ޓީމަށް ކާމިޔާބު ލިބުން،" ނައިބު ރައީސް ވިދާޅުވި އެވެ.

ނައިބު ރައީސް ވިދާޅުވީ ކުޑައިރުއްސުރެން ވެސް އެއް ކަމެއްގައި އެންމެ ބޮޑަށް ޝާމިލުވެގެން އުޅެވުނު ކަަމަކީ ފުޓްބޯޅަ ކަމަށާއި އެހެންވެ، ފުޓްބޯޅައިގެ ކަންކަމަށް އަބަދުވެސް ހާއްސަ ސަމާލުކަމެއް ދެވޭ ކަމަށެވެ.

މިއަދުގެ އިވެންޓްގައި ވާހަކަ ދައްކަވަމުން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ވިދާޅުވީ ސާފް ޗެމްޕިއަންޝިޕަށް އެފްއޭއެމުން ކަނޑައެޅި ދެ ޓާގެޓަކީ މުބާރާތް ކާމިޔާބުކުރުމާއި ގައުމު އެއްބައިވަންތަކޮށް އެންމެންނަށް އުފާވެރިކަން ގެނެސްދިނުމުގެ ދެ ޓާގެޓް ކަމަށެވެ.

މީގެ ތެރެއިން މުބާރާތް ކާމިޔާބު ކުރުމުގެ ޓާގެޓަށް ވާސިލްނުވެވުނު ކަމުގައި ވިޔަސް އެންމެން އެއްބައިވަންތަ ކުރުމުގެ މަގުސަދު ހާސިލްވިކަން ޖަވާ ފާހަގަކުރެއްވި އެވެ.

"ހާއްސަކޮށް ދަނޑު ތެރެއިން އެ ފެނުނު ކަންތައްތައް (ސަޕޯޓަރުންގެ ސަޕޯޓް) ފެނި އުފަލުން ރޮވޭވަރުވި،" ޖަވާ ވިދާޅުވި އެވެ.

މިއަދުގެ އިވެންޓްގެ ތެރެއިން ޖަވާ ވާހަކަ ދައްކަވަނީ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ރާއްޖޭން މި ފަހަރުގެ ފޯ ނޭޝަންސް ކަޕަށް ތައްޔާރުވާއިރު، މީގެ ކުރިން ލަންކާގައި ބޭއްވި މަހިންދުރަ ރާޖަަޕަކްސަ މުބާރާތް ކާމިޔާބުކުރީ ރާއްޖޭންނެވެ. އެ ގޮތުން 2012 ވަނަ އަހަރު ބޭއްވި 23 އަހަރުން ދަށަށް ހާއްސަ ރާޖަޕަކްސަ މުބާރާތް ރާއްޖެ އަށް ކާމިޔާބުކުރެވިފައިވުމާ އެކު ރާއްޖޭން މި ފަހަރު ތައްޔާރުވާނީ އެންމެ ފަހުގެ ވިސްނުމުގައި ކަމަށް ޖަވާ ވިދާޅުވި އެވެ.

"ޑިފެންޑިން ޗެމްޕިއަންގެ ހައިސިއްޔަތުން މުބާރާތް ކާމިޔާބުކުރަން ޓާގެޓް މިކުރަނީ ސީނިއާ ޓީމު ގޮވައިގެން. ތަށި ރާއްޖެ ގެންނަން ބޭނުން. ގައުމީ ޓީމުގެ އެކުވެރިކަމަށް ބަދަހިކަމަކަށް ބަދަލެއް ނާދޭ،" ޖަވާ ވިދާޅުވި އެވެ.

ފޯ ނޭޝަންސް ކަޕްގައި ރާއްޖެ އާއި ލަންކާގެ އިތުރުން ދެން ކުޅެނީ ސީޝެލްސް އާއި ބަންގްލަދޭޝް އެވެ.

ފުޓްބޯޅައިގެ ކަންކަން ރަނގަޅަށް ކުރިއަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމް އަދި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި މިނިސްޓްރީން ކުރައްވާ މަސައްކަތަށް ޖަވާ ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.

މި އިވެންޓްގައި ވާހަކަ ދައްކަވަމުން ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ގައުމީ ޓީމުގެ މިޑްފީލްޑަރު އަސްހަދު އަލީ (އަޑޭ) ވިދާޅުވީ މިހާރު ފުޓްބޯޅައިގައި މި ކުރެވޭ މަސައްކަތުގެ އެންމެ ބޮޑު ޓާގެޓަކަށް ވާން ޖެހޭނީ 2023 ވަނަ އަހަރުގެ އޭޝިއަން ކަޕަށް ކޮލިފައިވުން ކަމަށެވެ. އަދި އެކަމަށްޓަކައި ޔޫތު މިނިސްޓްރީން ދެވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމަށާއި ކުޅިވަރުގެ ކޮންމެ ކަމެއްގައި ވަކި ކުޅިވަރެއް ތަފާތު ކުރުމެއް ނެތި މިނިސްޓްރީން ދޭން ޖެހޭ އެއްބާރުލުން ދޭނެ ކަމަށް އަސްހަދު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގައްދޫ ބަލިކޮށް ވިކްޓަރީ އަށް ލީގުގެ އެއް ވަނައިގައި ލީޑެއް

ދިވެހި ޕްރިމިއާ ލީގުގައި ގައްދޫ ޓީމު 2-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބުން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް އައްމަޑޭ އާއި މާއި ކާމިޔާބުކޮށްދިންއިރު، އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ތަޖުރިބާކާރު ކުޅުންތެރިޔާ އަކޫ ވަނީ ދެ އަހަރަށް ފަހު އަލުން ކުޅުމަށް އެނބުރި އައިސްފައި

އާސެނަލަށް މުހިންމު މޮޅެއް، ޔުނައިޓެޑްގެ ދަށް ރެކޯޑް ކުރިއަށް

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލުން ނޮޓިންހަމް ފޮރެސްޓް ބަލިކޮށް ތާވަލުގެ ދެވަނައަށް ޖެހިލިއިރު، ލީޑްސްއާ އެއްވަރުވެ މެންޗެސްޓާ ޔުނައިޓެޑުން ވަނީ ފާއިތުވި 40 އަހަރުގެ އެންމެ ދަށް ފެށުން ރެކޯޑްކޮށްފައި. މިރޭގެ އެހެން މެޗުތަކަށް ބަލާއިރު ބްރައިޓަން އާއި ބޯންމައުތުން ވަނީ ބޮޑު މޮޅެއް ހޯދާފައި

އިންފަންޓީނޯ ނުރަސްމީ ދަތުރުފުޅެއްގައި ބަންގްލަދޭޝް އަށް

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މޮރޮކޯއިން ބޫޓާނަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބަންގްލަދޭޝްގައި މަޑުކުރައްވައި، އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންގެ އިސްވެރިންނާ ބައްދަލުކުރައްވައިފި.

ޗެލްސީގެ ކީޕަރު މާޓިނޭޒް ދަތްދޮޅީގެ އޮޕަރޭޝަނެއް ކޮށްފި

އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ޗެލްސީގެ ކީޕަރު މާޓިނޭޒްގެ ދަތްދޮޅިއަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ވަނީ ކާމިޔާބު އޮޕަރޭޝަނެއް ކޮށްފައި. މި އަނިޔާގެ ސަބަބުން ކުރިއަށް ހުރި މުހިންމު މެޗުތަކެއް އޭނާއަށް ގެއްލޭނެތީ، ބަދަލުގައި ދެން ފެންނާނީ ޒުވާން ކީޕަރު މައިކް ޕެންޑާސް.

ކޯޗަކަށް ޝާކިއްޓެ، ވޯލްޑް ކަޕަށް ރާއްޖެ ސްކޮޑު ފައިނަލްކޮށްފި

މި މަހު އަޒަރުބައިޖާންގައި ބާއްވާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ވާދަކުރާ ރާއްޖޭގެ ޓީމުގެ ކޯޗަކަށް އަހުމަދު ޝާކިރު (ޝާކިއްޓެ) ހަމަޖައްސައި، މުބާރާތަށްދާ ސްކޮޑު ފައިނަލްކޮށްފި. ފީފާގެ ހުރިހާ މެމްބަރު ގައުމުތަކަށް ފުރުސަތު ދީގެން ކުރިއަށްގެންދާ މި މުބާރާތުގައި ރާއްޖެ ހިމެނެނީ ފްރާންސާއި ސައުތު އެފްރިކާ ފަދަ ގައުމުތަކާ އެކު އެއް ގްރޫޕެއްގައި

ސްޓްރާސްބޯ ބަލިކޮށް ޕީއެސްޖީ އަށް ޖެހިޖެހިގެން ހަ ވަނަ މޮޅު

ފްރެންޗް ލީގުގައި ރޭ ކުޅުނު މެޗުން ސްޓްރާސްބޯ އަތުން 3-1 އިން މޮޅުވެ، ޕީއެސްޖީން ހުރިހާ މުބާރާތެއްގައި ޖެހިޖެހިގެން ހަވަނަ މޮޅު ހޯދައިފި. ސްޓްރާސްބޯއިން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، ޕީއެސްޖީން މެޗުގެ ނަތީޖާ އަނބުރާލީ ފަހު 15 މިނެޓުގެ ތެރޭގައި ޖެހި ތިން ގޯލުން.

ބެޓިސް ބަލިކޮށް ބާސެލޯނާ ފަސްބެލުމެއްނެތި ކުރިއަށް

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް 5-2 އިން ބަލިކޮށް، ބާސެލޯނާ އިން ޖެހިޖެހިގެން ނުވަ ވަނަ މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓައިފި. މި މެޗުގައި ބާސެލޯނާގެ ލަމީން ޔަމާލް، ރޮޑްރީ، ޖީސޫސް، އެރިކް ގާސިއާ އަދި އޮލްމޯ ލަނޑުތައް ކާމިޔާބުކުރި

Newsletter

Get the latest news delivered straight to your inbox