ކޮވިޑްގެ ފުރަތަމަ ރާޅާއެކު މާލެ ލޮކްޑައުން ކުރިއިރު އޮލިމްޕަހުގައި އޮތީ ދިވެހި ފިލްމް "އަނދިރިކަން" އަޅުވާފަ އެވެ. ކޮވިޑާއެކު ފިލްމީ ދާއިރާއަށް ލިބުނު އަނދިރިކަން އަދިވެސް ފިލައި ނުދެ އެވެ.
ކޮވިޑާ ގުޅިގެން އޮލިމްޕަސް ބަންދުކުރަން ޖެހުމުން ނެޝެނަލް ސެންޓާ ފޯ ދި އާޓްސް (އެންސީއޭ) އިން ވަނީ އެތަން މަރާމާތުގެ މަސައްކަތް ޖުލައި މަހު ފަށައިފަ އެވެ. އުންމީދު ކުރެވެމުން އައީ އެ މަސައްކަތް ސެޕްޓެމްބަރު މަހު ނިންމައި ފިލްމު އަޅުވަން ފެށޭނެ ކަމަށެވެ. ނަމަވެސް މަރާމާތުގެ ދެ ވަނަ ފިޔަވައްސަށް ބަޖެޓު ހަމަޖެހުމުން މުޅި ތަނަށް ޒަމާނީ ބޮޑު ބަދަލެއް ގެނެސް، އަލުން ހުޅުވުން އަންނަ އަހަރަށް ފަސްކުރި އެވެ.
ބޮޑެތި ބަދަލުތަކެއް, ޒަމާނީ ކުލަތަކެއް!
ގިނަ ދުވަސްތަކެއް ނެގިޔަސް, ފަސްދޮޅަހަކަށް އަހަރު ވެފައިވާ އޮލިމްޕަހަށް މަރާމާތަށް ފަހު ޒަމާނީ ބަދަލުތަކެއް އަންނާނެ ކަމަށް އެންސީއޭއިން ބުނެ އެވެ. އޮލިމްޕަސް މަރާމާތު ކުރުމުގެ ފުރަތަމަ ފޭހުގައި ގެނެވުނު ބަދަލުތަކުގެ ތެރޭގައި ހޯލާއި ކޮރިޑޯތަކުގެ ޝީޓުތައް މަރާމާތު ކުރުމާއި ކެފޭ އޭރިއާ ބޮޑުކުރުމާއި ޓިކެޓް ކައުންޓަރު އެހެން ދިމާލަކަށް ބަދަލު ކުރުން ހިމެނެ އެވެ. އަދި އާ ފާހާނާ ބަރިއެއް ވެސް ވަނީ ތައްޔާރު ކޮށްފަ އެވެ.

ގޯތިތެރެ.

ދެ ވަނަ ފޭހުގައި ހިމެނެނީ ސިނަމާ ހޯލަށް ގެންނަންޖެހޭ ބަދަލުތަކެވެ. އާ ސައުންޑް ސިސްޓަމްއަކާއި, ލެޑް ޕެނަލާއި ސްކްރީންގެ އިތުރުން އާ ޕްރޮޖެކްޓަރެއް ގެނައުމަށް ވަނީ ހަމަޖެހިފަ އެވެ. މި މަސައްކަތްތައް ކުރުމަށް ބޭނުންވާ ވަސީލަތްތަކުގެ އިތުރަށް ތަޖުރިބާކާރު އިންޖިނިއަރުންވެސް ރާއްޖެއިން ބޭރުން ގެނައުމަށް ވަނީ ނިންމައިފަ އެވެ.

ފުރަތަމަ ފިޔަވަހީގެ މަސައަކަތަށްފަހު މިހާރު އޮލިމްޕަހުގެ އެތެރެ-- ފޮޓޯ:ހުސެއިން ޝަޔާހު /އަދަދު
ފިލްމް އިންޑަސްޓްރީގެ ކެތްތެރިކަން ކޮޅުން ލާފައި
އެންސީއޭ އިން ބުނާ ގޮތުން މި މުއްދަތުގައި ފިލްމެއް ނޭޅުވިގެން އެއްވެސް ޝަކުވާއެއް ނުވަތަ ފިލްމެއް އެޅުވުމަށް އެދި ހުށަހަޅާފަ ވެސް ނުވެ އެވެ.
ނަމަވެސް ރާއްޖޭގެ ބޮޑެތި ޕްރޮޑަކްޝަން ހައުސްތަކުގެ ހިޔާލު މިކަމުގައި ވަރަށް ތަފާތެވެ. ކޮވިޑްއާ ހެދި އޮލިމްޕަސް ބަންދުކުރިއިރު އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އައި އެއް ފިލްމަކީ އައި ޕްރޮޑަކްޝަންގެ ދެވަނަ ފިލްމު "ނީނާ" އެވެ.

މޭކަޕްރޫމް.
ފިލްމްގެ ޑައިރެކްޓަރު އިލްޔާސް ވަހީދު "އިއްލެ" ބުނިގޮތުގައި ކޮވިޑާ ހެދި އޮލިމްޕަސް ބަންދުކުރިއިރު އޮތީ ނީނާ އޮލިމްޕަހުގައި އަޅުވާ ތާރީހުތައް ވެސް ލިބިފަ އެވެ. ނަމަވެސް އޭގެ ފަހުން އެންސީއޭ އާ އެއްވެސް ވަރަކަށް މުއާމަލާތު ނުކުރެވި އަދި ފިލްމު އެޅުވޭނޭ ގޮތެއްވެސް ހަމަޖެހިފައި ނުވުމަކީ އަލަށް ފެށި މި ޕްރޮޑަކްޝަން ހައުސް އަށް މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބޭ ކަމެއް ކަމެކެވެ.
ޕްރޮޑަކްޝަން ހައުސް، ޑާކް ރެއިންގެ ހިތްހަމަނުޖެހުން ވެސް ބަނޑުންކޮށްލި އެވެ.

ފާހާނާ.
"އަޅުގަނޑަކަށް ހިޔެއް ނުވޭ އެބޭފުޅުންނަށް އެނގޭހެނެއް މިއީ ކިހާ ސީރިއަސް ކަމެއް ކަމެއް. މިހެން މި ދަންނަވަނީ އަޅުގަނޑުމެން ކޮވިޑް ކުރިން ފިލްމް އަޅުވަން އޮލިމްޕަސް ބުކް ކޮށް ލާރިވެސް ހުންނާނީ ދައްކާފައި. އެ ލާރިވެސްވީ އެ ބޭފުޅުން އަތުގައި. ކިހިނެއްތޯ މިއަށް ހަދަންވީ. މަރާމާތުކުރަން އެބަ ލަސްވެއޭ. މިކަހަލަ އެއްވެސް ވާހަކަ އެއް ނެތް" ޑާކް ރެއިންގެ ފަރާތުން މުހައްމަދު އަލީ (މޮގާ) ބުންޏެވެ.










