ދުބާއީ (ނޮވެމްބަރު 2) - ޖޯސް ބަޓްލާގެ ސެންޗަރީއާ އެކު އިންގްލެންޑުން މި ފަަހަރުގެ ޓީ20 ކްރިކެޓް ވޯލްޑް ކަޕްގައި ކުޅުނު ހަތަރު ވަނަ މެޗުން ވެސް މޮޅުވެ، މުބާރާތުގެ ސެމީ ފައިނަަލަށް ދަތުރުކޮށްފި އެވެ.
ދުބާއީ އިންޓަނޭޝަނަލް ކްރިކެޓް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުން ލަންކާ އަތުން އިންގްލެންޑް މޮޅުވީ 26 ލަނޑުންނެވެ. މި މެޗުގައި އިންގްލެންޑްގެ ބަޓްލާ 101 ލަނޑު އެއްކޮށް، ސެންޗަރީއެއް ހަމަކުރިއިރު، މިއީ މި ފަހަރުގެ ވޯލްޑް ކަޕްގެ ފުރަތަމަ ސެންޗަރީ އެވެ. އަދި ޓީ20 އިންޓަނޭޝަަނަލްސްގައި ބަޓްލާ ކުޅުނު 86 މެޗުގައި އޭނާގެ ފުރަތަމަ ސެންޗަރީ ވެސް މެ އެވެ.
"މިއީ އަހަރެންގެ ކެރިއަރުގެ އެންމެ ރަނގަޅު މެޗު. ތަޖުރިބާގެ ބޭނުންކޮށްގެން ކުރިއަށް ގޮސްފިއްޔާ މިއީ އަހަންނަށް ރަނގަޅު މުބާރާތަކަށް ހެދިދާނެ،" ސްކައި ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ބަޓްލާ ބުންޏެވެ.
ބަޓްލާ، 31، އަކީ އިންގްލެންޑްގެ ކްރިކެޓް ތާރީހުގައި ޓީ20 އާއި ޓެސްޓް ސީރީސް އަދި ވަންޑޭ އިންޓަނޭޝަނަލްސް (އޯޑީއައި)ގައި ސެންޗަރީ ފުރިހަމަ ކުރި ފުރަތަމަ ކުޅުންތެރިޔާ އެވެ.
މި މޮޅާ އެކު އިންގްލެންޑް އޮތީ ގްރޫޕް އެކެއްގެ އެއް ވަނައިގައި ހަތަރު މެޗުން އަށް ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތީ ތިން މެޗުން ހަތަރު ޕޮއިންޓާ އެކު ދެކުނު އެފްރިކާ އެވެ. ތިނެއްގައި އޮތް އޮސްޓްރޭލިއާ އަށް ވެސް ވަނީ ތިން މެޗުން ހަތަރު ޕޮއިންޓް ލިބިފަ އެވެ.
ރޭގެ މެޗުގައި ޓޮސް ދިމާވުމުން ލަންކާ އިން ނިންމީ ފީލްޑް ކުރާށެވެ. ނުބައި ނުވެ އިންގްލެންޑްގެ ތަރި ބަޓްލާ ވަނީ 67 ބޯޅައިން 101 ލަނޑު ހަދައިފަ އެވެ. ބަޓްލާ ވަނީ ހަ ފަހަރު ހަޔަކަށް އަދި ހަ ފަހަރު ހަތަރަކަށް ޖަހައިފަ އެވެ. އަދި އިންގްލެންޑް ޓީމުގެ ކެޕްޓަން އިއޯން މޯގަން ވަނީ 36 ބޯޅައިން 40 ލަނޑު ހަދައިފަ އެވެ.
ފީލްޑިންގައި ލަންކާގެ އެންމެ ރަނގަޅު ކުޅުމެއް ދެއްކީ ވަނިންދު ހަސަރަންގާ އެވެ. ވިހި އޯވަރު ހަމަވިއިރު، ހަތަރު ކުޅުންތެރިން ނުބައިވެގެން އިންގްލެންޑަށް ހެދުނީ 163 ލަނޑެވެ.
ލަންކާ އިން ކުޅެން އަރައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 137 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 21 ބޯޅައިން 34 ލަނޑު ހެދި ހަސަރަންގާ އެވެ. އިންގްލެންޑްގެ ސްޕިނަރު މޮއީން އަލީ އާއި ބާރު އުކުންތެރިޔާ ކްރިސް ޖޯޑަން ކޮންމެ ކުޅުންތެރިއަކު ވަނީ ތިން ވިކެޓް ނަގައިފަ އެވެ.












