ދަށު ކޯޓުން ނިންމާ މައްސަލައެއްގެ ހުކުމް ތަންފީޒުކޮށްދިނުން ފަސްކުރުމަށް ހައިކޯޓުގައި އެދިފައިވާނަމަ، ހައިކޯޓުން އެކަމަށް ވަކި އަމުރެއް ނުނެރުނު ނަމަވެސް ދަށުކޯޓުން ކޮށްފައިވާ ހުކުމް ތަންފީޒުކުރުން ފަސްކުރަންވާނެ ކަމަށް ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމައިފި އެވެ.
ފަނޑިޔާރަކު ޗުއްޓީގައި ހުންނަވަނިކޮށް ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރަކަށް އެދިފައިވާ ހާލަތުގައި އަމަލުކުރާނެ ގޮތަކާއި މެދު މަޝްވަރާކޮށް ގޮތެއް ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތަކާއި މެދު ފަނޑިޔާރުންގެ އާންމު މަޖިލީހަށް ހުށަހެޅުނު މައްސަލާގައި މިދިޔަ މަހުގެ 28 ގައި ނިންމި ގޮތް ހައިކޯޓުގެ އާންމު ސިޓީއަކުން މިއަދު ވަނީ އާންމުކޮށްފަ އެވެ.
މި ނިންމުގައިވާ ގޮތުން ހައިކޯޓަށް ބަލައިގަނެފައިވާ މަދަނީ މައްސަލައެއްގައި ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރަކަށް އެދިފައިވާ ހާލަތުގައި ހައިކޯޓުން ގޮތެއް ކަނޑައެޅުމާ ހަމައަށް ދަށު ކޯޓުގެ ހުކުމަށް އަމަލުކުރުން ފަސްކުރަން ޖެހެ އެވެ.
titledesc
މި ނިންމުން ނިންމާފައި ވަނީ ކޯޓުތައް އަމަލުކުރަން ޖެހޭ ގާނޫނުގެ 77 ވަނަ މާއްދާއަށް ރިޔާއަތް ކޮށެވެ. މި ނިންމުން ފާސްކޮށްފައިވަނީ ފަނޑިޔާރުންގެ މަޖިލީހުގެ އަގުލަބިއްޔަތުންނެވެ.

ހައިކޯޓުގެ 8 ފަނޑިޔާރުން ބައިވެރިވި މި ބައްދަލުވުމުގައި މި ގޮތަށް ފާސްކުރަން ނުފެންނަކަމަށް ވޯޓު ދެއްވީ ފަނޑިޔާރު ހުސައިން މަޒީދު އެކަންޏެވެ. ދެން މަޖިލީހުގައި ބައިވެރިވެވަޑައިގެންނެވީ އިސްފަނޑިޔާރު ހާތިފް ހިލްމީއާއި، ފަނޑިޔާރު އަބްދުﷲ ހަމީދާއި، ފަނޑިޔާރު ޝުއައިބް ހުސައިން ޒަކަރިއްޔާއާއި، ފަނޑިޔާރު އަބްދުއްރައޫފު އިބްރާހީމްއާއި، ފަނޑިޔާރު އަލީ ސަމީރުއާއި، ފަނޑިޔާރު ހުސައިން ޝަހީދުއާއި، ފަނޑިޔާރު ފާތިމަތު ފަރްހީޒާ އެވެ. އެ ބޭފުޅުން ވޯޓު ދެއްވީ މި ގޮތަށް ފާސްކުރަން ފެންނަ ކަމަށެވެ.
ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން މިގޮތަށް ނިންމެވި ނަމަވެސް، މީގެ ކުރިން ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުމެއްގައި އޮންނަ ގޮތުން ހުކުމް ތަންފީޒުކުރުން އެއްވެސް ގޮތަކަށް ފަސްކުރެވޭނީ ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް މަތީ މަރުހަލާގެ ކޯޓަކުން ކަނޑައެޅިގެން އަމުރެއް ކުރުމުންނެވެ.
titledesc













