ހުސައިން ޝަމީމް
ކޮންމެ ކަމަކީވެސް، އެކަމަކަށް ހާއްސަ ބަހުރުވައެއް އޮންނަ ކަމެކެވެ. އެކި ކުޅިވަރުތަކާއި މިއުޒިކުގެ މީހުން ބޭނުންކުރާ އެކި ބަހުރުވަ ހުންނަ ގޮތަށް، އެކި ފަންނުތަކަށްވެސް ބަހުރުވަ ހުރެއެވެ. އެ ބަހެއް ބުނުމުން، އެ އިޝާރާތް ކުރަނީ ކޮން ވާހަކަ އަކަށް، ކިހިނެތް ހިނގާ ކަމަކަށްކަން، އެ ފަންނުގެ މީހުންނާއި އާންމުންނަށް ވެސް އެނގެއެވެ. އެނޫން ތަސައްވަރެއް އެބަހުރުވައިން ކުރުން ވާނީ ސިކުނޑިއަށް ވެސް ހެއްވާ ކަމަކަށެވެ.
ޝާއިރު ވިދާޅުވެފައިވަނީ، "ބަސްބަހީ މީހުން ހަދާ އެއްޗެއް ބަލަގަ ނޫނޭ ތެދޭ؛ އަސްތަ އަސްތާ ގުދުރަތުގެއޭ އެއްޗެކޭ ހަމަ ހިންގަވާ" އެވެ.
ބަހަކީ މީހުން ހަދާ އެއްޗެއްނޫނެވެ. އިންސާނުން އެކަކު އަނެކަކާ މުޢާމަލާތުކުރުމަށްޓަކައި ގުދުރަތުން އުފެދޭ އެއްޗެކެވެ. ތަބީއީ އުފެއްދުމެކެވެ. ބަހާއި ބަހުރުވަ ބިނާވަނީ އެބައެއްގެ ދިރިއުޅުމާއި އާދަކާދައާއި ސަޤާފަތާއި މާޙައުލުގެވެސް މައްޗަށެވެ. އަޅުގަނޑުގެ ޝައުގު ހުންނަ ދެ ދާއިރާ (ކުޅިވަރާއި ގާނޫނު) އިން މިސާލެއް ދަންނަވާލާނަމެވެ.
ދިވެހިންގެ ވަށައިގެން އަބަދުވެސް އޮތީ މޫދެވެ. ދިވެހިރާއްޖޭގެ ސަރަޙައްދުގެ 99.3 ޕަސެންޓަކީ ކަނޑެވެ. މި ނުފޫޒު ދިވެހި ބަހުގައި ވެސް ތަމްސީލުވެފައި ވެއެވެ. ދިވެހި ބަހުގައި ދެ ގޮތަކަށް 'މޫދަށް' އެރެވެ އެވެ. އެއްގޮތަކީ "މޫދަށް ދިއުމެވެ." ދެ ވަނަ ގޮތަކީ "ފެތުމެވެ". މޫދަށް ދިއުމޭ ބުނާ ބަހުގެ މާނައިގައި ހިމެނެނީ އަޅުގަނޑުމެން ދިވެހިން ދާ ގޮތަށް މޫދު ކައިރިއަށް ޕިކްނިކް ދިއުމެވެ. ބައެއް ރަށްރަށުގައި ކާ އެއްޗެހި ހިފައިގެންނެވެ. ނޫޑުލިހާއި ބިސްކޯދެވެ. ސަން ކުއިކް ޖޫހާއި ލުއި ކާނާއެވެ. "މޫދަށް ދިއުމު"ގެ މާނައިގެ ހިމެނޭނީ މޫދުގައި އަތްލާ ކުޅުމާއި، އެ ނޫންވެސް، ފެތުމާއި ކަސްރަތު ނުހިމެނޭ މޫދު ކުޅިވަރުތަކެވެ. އެއީ "މޫދަށް ދިއުމެވެ.".
ދެން އޮތީ ފެތުމެވެ. އެއީ ކަސްރަތެކެވެ. މޫދަށް ދިއުމާއި ފަތަން ދިއުމާ، މިއީ މުޅިން ދެ ކަމެކެވެ. ފަތަން މޫދަށް ދާ މީހާ، އޭނާ އެރެނީ މޫދަށް ކަމަށްވިޔަސް، "މިދަނީ މޫދަކަށޭ" ނުބުނާނެއެވެ. އޭނާ ބުނާނީ މިދަނީ ފަތާށޭއެވެ. "މޫދަށް" ދާ މީހާ އެދަނީ ފަތާކަށް ނޫނެވެ. މި ވާހަކަ އިނގިރޭސި ބަހުން (ނުވަތަ އަޅުގަނޑު ދަންނަ އަރަބި ބަހާއި އެހެން ބަސްބަހުން) ބުނެވޭތޯ ބެލިއިރު، އެ ބަސްތަކުން (އަޅުގަނޑުމެން ދިވެހި ބަހުގައި ބޭނުންކުރާ) މޫދަށް ދިއުމާއި ފަތަން ދިއުމުގެ މަފްހޫމު ކިޔައިދެވޭނީ ދިގު ޖުމްލަ އަކުންނެވެ. ކުރަން ޖެހެނީ ތަރުޖަމާ އެކެވެ.
މިގޮތަށް ގުދުރަތުން ބަސް ތަރައްގީ ވެގެން ދަނިކޮށް، ބައެއް ފަހަރު ގާނޫނު އޭގެ ތެރެއަށް ވަދެ، އެ ބަސްތަކަށް "ގާނޫނީ ހައިސިއްޔަތު" ދެއެވެ. ބަސް ބޭނުންކުރަމުން އައި ގޮތަށް، ގާނޫނުގައި ލިޔާނަމަ، ނަތީޖާއަކަށް ބަދަލެއް ނާދެއެވެ. ނަމަވެސް، ގާނޫނުގައި އެބަސް ލިޔުނީ މުޖްތަމައުގައި އެ ބަސް ބޭނުންކުރާ ގޮތަށް ނޫންނަމަ، މުޖްތަމައުން ހަދަނީ ދެ ގޮތަކެވެ. އެއްގޮތަކީ، އެ ބަސް ބަލައިގަނެ، މުޖުތަމައުގެ ބަހުރުވަ އަށް ބަދަލުއައުމެވެ. ދެ ވަނަ ގޮތަކީ އެބަސް ބަލައިނުގަނެ، ހަމަ ކުރިންވެސް ބޭނުން ކުރަމުން އައި ގޮތަށް ބޭނުންކުރުމެވެ. ދުވަސްކޮޅަކުން ގާނޫނަށް ބަދަލުގެންނަން މަޖުބޫރުވެއެވެ. މިއީ ހައްތާވެސް ގުދުރަތުން ކުރަހާ ޕްލޭނާ އެއްގޮތަށް ހިނގަހިނގާ ހުންނަ ކަންކަމެވެ.
ގާނޫނީ ނިޒާމުގައިވެސް ތަފާތު ބަސްމަގެއް ހުރެއެވެ. ގާނޫނީ ބަސްމަގު ބެހިފައިވަނީ ދެ ބަޔަކަށެވެ. އެއީ، ގާނޫނަކުން ވަކި ގޮތަކަށް އެންގުމަކާ ނުލައި، ގާނޫނީ ވަކީލުން ބޭނުންކުރާ ބަހުރުވައަކާއި، ގާނޫނުގައި އެ ބަހެއް ބޭނުންކުރާނެ ގޮތެއް ލިޔެގެން، ވަކި މާނައެއް ދީފައި އޮންނަ ބަސްތަކެއް ނުވަތަ ބަހުރުވަ އެވެ.
ޤާނޫނުގައި ވަކި ގޮތެއް ނެތި، ގާނޫނީ ވަކީލުން ބޭނުންކުރާ ބަސްމަގުގެ މިސާލަކީ، އުނދަގޫ ބަހުރުވައިން ލިޔުމެވެ. އެކަން، ކުރީގެ ސުޕްރީމް ކޯޓުގެ ހުކުމެއް ވިދާޅުވާން މަސައްކަތް ކުރެއްވި ބޭފުޅަކަށް އޮންނާނީ އިހްސާސް ކުރެއްވިފަ އެވެ. ޖުމްލައިގެ ދިގު ކަމެވެ. ކޮމާ އާއި އަރަބި/އިނގިރޭސި ބަސްތައް ބޭނުން ކޮށްފައި ހުންނަ ގޮތެވެ. ޖުމްލަ ގުޅުވާ ބަސްތައް (އާއި، ވާއިރު، ވިޔަސް) ބޭނުން ކޮށްގެން، ޖުމްލައެއްގެ ކުރީގައި އޮންނަ އެއްޗަކާއި ފަހަތުގައި އޮންނަ އެއްޗެއް ދޭހަ ނުވާނޭހެން ލިޔެވިފައި ހުންނަ ކަމެވެ. މިހާރުގެ ސުޕްރީމް ކޯޓުން މި ދެންނެވި ސަގާފަތަށް ގެނައީ އިންގިލާބީ ބަދަލެކެވެ. ހުކުމްތަކުގައި ލިޔެފައި ހުންނަ އެއްޗެއް އާދައިގެ މީހާއަށް ސާފެވެ. މި ބަދަލުގެ ނުފޫޒު، ގާނޫނީ ދާއިރާ އަށް ދަނީ ފޯރަމުންނެވެ. ކުރިއަށް އޮތް ހައެއްކަ އަހަރުގެ ތެރޭގައި، އެހެން ކޯޓުތަކަށާއި، ގާނޫނީ ވަކީލުންގެ ބަހުރުވައަށް މި ބަދަލު ފުރިހަމައަށް އަންނާނެ ކަމަށް އަޅުގަނޑަށް ތަސައްވަރު ކުރެ ވެއެވެ.
ދެ ވަނަ އީ، ގާނޫނުގައި ވަކި ބަހަކަށް ވަކި މާނައެއް ދީފައި އޮތުމެވެ. މި ހާލަތުގައި، ގާނޫނީ ކަމެއްގައި، ގާނޫނުގައި އެ ކަމަށް ދީފައި އޮތް މާނަ ނޫން އެހެން މާނައެއް ދީގެން ވާހަކަ ދެއްކުމަކީ، އެކަމުގެ އޮޅުން ބޮޅުން އެންމެންނަށް އަރާނެ ކަމެކެވެ. ގާނޫނީ ދާއިރާގައި ވަކި ތަރުތީބަކުން ހިނގާ ކަމެއް، އެ ތަރުތީބަށް ނުބަލައި، އިސްފަސްކޮށް، ވަކި ބަސްތަކެއް ބޭނުން ކުރުކީ މި ދެންނެވި އޮޅުންބޮޅުން އިތުރުވާ ކަމެކެވެ.
މިސާލަކަށް، ދާދި ފަހަކާ ޖެހެންދެން ވެސް، އެންޓި ކޮރަޕްޝަން ކޮމިޝަނުން ނެރުއްވާ ނޫސް ބަޔާންތަކުގައި ވިދާޅުވެފައި އޮންނަނީ، "ދައުވާ ކުރަން ނިންމައި، ޕީޖީ އޮފީހަށް ފޮނުއްވި" ކަމަށެވެ. އޭސީސީ އަކީ 'ދަޢުވާކުރަން ނިންމާ' ކޮމިޝަނެއް ނޫނެވެ. އެއީ އެ ކޮމިޝަނުގެ ދައުރެއް، ވާޖިބެއް، ޤާނޫނީ ޒިންމާއެއް ވެސް ނުމެނޫން މެއެވެ. ކޮމިޝަނުން ކުރައްވާނެ ކަމަކީ ތަހުގީގުކޮށް، 'ދައުވާކުރުމާ މެދު ގޮތެއް ނިންމައި ދިނުން އެދި' ޕީޖީ އޮފީހަށް ފޮނުއްވާނީ އެވެ. އެނޫން ގޮތަކަށް އެ ޢިބާރާތް ކުރައްވައިފިނަމަ، ގާނޫނީ ނިޒާމު އޮޅުންބޮޅުން ވާނެ އެވެ. އާންމު މީހާގެ ސުވާލަކަށް ވާނީ، އޭސީސީން ދައުވާ ކުރަން ނިންމީމާ، ޕީޖީ އޮފީހުން ދެން ކުރާނީ ކޮންކަމެއްތޯ އެވެ. (ކޮމިޝަނުގެ މިހާރުގެ ނޫސްބަޔާންތަކުގައި މިހާރު ބޭނުންކުރައްވަނީ ރަނގަޅަށެވެ.)
ދެން އޮތީ ދަޢުވާ އަނބުރާ ގެނައުމެވެ. ކޯޓަށް ދަޢުވާ ހުށަހަޅާ ގޮތާއި، ދައުވާ އަނބުރާ ގެނެވޭ ގޮތާއި، މި ކަންކަން އޮތީ ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 92 ވަނަ މާއްދާގައެވެ. މިއީ، ބަހުރުވަ އަށް "ގާނޫނީ ހައިސިއްޔަތު" ދީފައިވާ ކަމެކެވެ. މިކަން ކުރާނެ ގޮތެއް ގާނޫނުގައި އޮއްވާ، ތަހުގީގީ މަރްހަލާގައި އޮތް މައްސަލައެއްގެ 'ދައުވާ އަނބުރާ ގެންދިއުން' އެއީ ގާނޫނީ ގޮތުން ހަމަޖެހޭ އިބާރާތެއް ނޫނެވެ.
މީހެއްގެ މައްޗަށް ދައުވާއެއް ކުރާއިރު ބަލަންޖެހޭ ކަންކަން ވެސް ގާނޫނުގައި ލިޔެފައި އޮވެއެވެ. އޭގެތެރޭގައި މުޖްތަމައަށް ވާނެ ފައިދާ ނުވަތަ ޕަބްލިކް އިންޓްރަސްޓް އޮތްތޯ ނެތްތޯ ބަލަންޖެހޭ ކަމަށް އޮވެއެވެ. އެކަން ބަލާނެ ގޮތްވެސް ލިޔެފައި އޮތީ ގާނޫނާއި ގަވާއިދުގަ އެވެ. ދައުވާއެއް ކުރުމަށްޓަކައި ޕްރޮސިކިއުޓަރުގެ ކުރިމައްޗަށް އަންނާނީ ނަމެއް ނޫނެވެ. ނަންބަރެކެވެ. ތަޠުބީޤު ކުރާނީ ގާނޫނާއި ގަވާއިދެވެ. ގާނޫނުގައި އޮތް ގޮތުން ދައުވާ ކުރެވެން އޮންނަމަ ދައުވާކުރާނެ އެވެ. ގޮތް ނިންމާނީ ކޯޓުންނެވެ. ތަހުގީގު ކުރާ އިދާރާއިން 'ދައުވާކުރަން ނިންމައި' ޕީޖީ އޮފީހަށް ފޮނުއްވިޔަސް، ދައުވާ ކުރުމުގައި ބަލަންޖެހޭ އުންސުރުތައް ފުރިހަމަ ނުވާނަމަ، ދައުވާއެއް ނުކުރާނެއެވެ. އުންސުރު ފުރިހަމަވެ، ގާނޫނުގައި ބުނާ ދައުވާކުރުމުގެ މިންގަނޑަށް ފެތޭނަމަ، ދައުވާ ކުރާނެއެވެ. ސާބިތުވާކަން ނުވަތަ ނޫންކަން ނިންމާނީ ކޯޓުންނެވެ.
ޕްރޮސިކިއުޓަރުގެ މަސައްކަތަކީ ފުޓުބޯޅަ ރެފްރީއެއްގެ މަސައްކަތާ ވައްތަރު ކަމެކެވެ. އަބަދުވެސް ކޮންމެވެސް އެއްބަޔަކު ހިތްހަމައެއް ނުޖެހޭނެ އެވެ. ނަމަވެސް، ރެފްރީއާ ނުލައި މެޗެއްވެސް ނުކުޅެވޭނެ އެވެ. އަމިއްލަ ޓީމަށް ހުންނަ ލޯތްބާއި ޖޯޝުގެ ތައައްސުބުން ބޭރުން ވިސްނާލީމާ، އެހެން ގޮތަކަށް ސާބިތުނުވާހާ ހިނދަކު ރެފްރީ އާންމުކޮށް ކަންކުރަނީ ރަނގަޅެވެ.
titledesc






