ދުބާއީ (އޮކްޓޫބަރު 31) - ޓީ20 ކްރިކެޓް ވޯލްޑް ކަޕްގައި މިރޭ ނިއު ޒީލެންޑް އަތުން އަށް ވިކެޓުން ބަލިވެ އިންޑިއާ ޕްރެޝަރަށް ވެއްޓިއްޖެ އެވެ.
މި ފަހަރުގެ މުބާރާތުގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗުން ވަނީ ވާދަވެރި ޕާކިސްތާން އަތުން 10 ވިކެޓުން ބަލިވެފަ އެވެ. މިރޭ ނިއު ޒީލެންޑް އަތުން އިންޑިއާ ބަލިވީ އަށް ވިކެޓުންނެވެ.
އަމިއްލަ ބާރުގައި ސެމީ ފައިނަލުން ފުރުސަތު ބޭނުން ނަމަ ގްރޫޕްގައި އިންޑިއާ އަށް ބާކީ އޮތް ތިން މެޗުން މޮޅުވާން ޖެހޭނެ އެވެ. އިންޑިއާ އަށް ދެން އޮތީ ބުދަ ދުވަހު އަފްގާނިސްތާނާ ކުޅޭ މެޗާއި ހުކުރު ދުވަހު ސްކޮޓްލެންޑާ ބައްދަލުކުރާ މެޗުގެ އިތުރުން އަންނަ ހަފްތާގައި (ނޮވެމްބަރު 8 ގައި) ނަމީބިއާއާ ބައްދަލުކުރާ މެޗެވެ.
ދުބާއީ އިންޓަނޭޝަނަލް ކްރިކެޓް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި ޓޮސް ދިމާވުމުން ނިއު ޒީލެންޑުން ނިންމީ ފީލްޑް ކުރާށެވެ. އިންޑިއާ އަށް 20 އޯވަރުގެ ތެރޭގައި ހަތް ކުޅުންތެރިން ނުބައިވެގެން ހެދުނީ 110 ލަނޑެވެ.

ނިއު ޒީލެންޑްގެ މިޗެލް ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އޭއެފްޕީ
އިންޑިއާ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 19 ބޯޅައިން 26 ލަނޑު އެއްކުރި އޯލްރައުންޑާ ރަވިންދުރަ ޖަދޭޖާ އެވެ. ދެން އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 24 ބޯޅައިން 23 ލަނޑު އެއްކުރި ހަރްޑިކް ޕާންޑްޔާ އެވެ. އިންޑިއާގެ ކުުޅުންތެރިން ހުއްޓުވުމުގައި އެންމެ މޮޅަށް ކުޅުނީ ނިއު ޒީލެންޑްގެ ޓްރެންޓް ބޯލްޓް އެވެ.
އިންޑިއާގެ ގިނަ ސަޕޯޓަރުންތަކެއްގެ ކުރިމަތީގައި ނިއު ޒީލެންޑުން މެޗު ކާމިޔާބުކުރީ 14.3 އޯވަރުގެ ތެރޭގައި ދެ ކުޅުންތެރިން ނުބައިވިއިރު، 111 ލަނޑު ހަމަކޮށްގެންނެވެ.
ނިއު ޒީލެންޑްގެ ތަރި އަކީ 35 ބޯޅައިން 49 ލަނޑު އެއްކުރި ޑަރީލް މިޗެލް އެވެ. އެ ޓީމުގެ ކޭން ވިލިއަމްސަން ވެސް ވަނީ ނުބައިނުވެ 31 ބޯޅައިން 33 ލަނޑު އެއްކޮށްފަ އެވެ.
އިންޑިއާ ޓީމުން ފީލްޑިންގައި އެންމެ މޮޅަށް ކުޅުނީ ޖަސްޕްރީތު ބުމްރާ އެވެ. އޭނާ ވަނީ މިޗެލް އާއި މާޓިން ގުޕްޓިލް ނުބައިކޮށްލުމުގައި ބޮޑު ރޯލެއް ކުޅެފަ އެވެ.
ގްރޫޕް ދޭއްގެ އެއް ވަނައިގައި މި ވަގުތު އޮތީ ކުޅުނު ތިން މެޗުން ވެސް މޮޅުވެ، ހަ ޕޮއިންޓް ހަމަކޮށްފައިވާ ޕާކިސްތާން އެވެ. ދެ ވަނައިގައި އަފްގާނިސްތާން އޮތީ ތިން މެޗުން ހަތަރު ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި އޮތް ނިއު ޒީލެންޑާއި ހަތަރެއްގައި އޮތް ނަމީބިއާ އަށް ވަނީ ދެ މެޗުން ދެ ޕޮއިންޓް ލިބިފަ އެވެ. ފަސް ވަނައިގައި އޮތް އިންޑިއާ އާއި އެންމެ ފުލުގައި އޮތް ސްކޮޓްލެންޑަށް ދެ މެޗު ކުޅުނުއިރު އަދި ޕޮއިންޓެއް ނުލިބެ އެވެ.












