ތައުލީމީ މުގައްރަރުގައި ކަނޑައަޅާފައިވާ "އިސްލާމީ ފިޤުހު" މިބައިގެ ތެރެއިން އިސްލާމީ މާލީ މުއާމަލާތްތަކަށް ޓީޗަރުން އަހުލުވެރިކުރުވުމަށްޓަކައި ތަމްރީން ޕްރޮގްރާމެއް، ރާއްޖެއަށް، އިސްލާމިކް ބޭންކިން ތައާރަފުކުރި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ފަށައިފި އެވެ.
މި ޕްރޮގްރާމަކީ، އެޑިއުކޭޝަން މިނިސްޓްރީއާއި ގުޅިގެން އެމްއައިބީއިން ފަށާފައިވާ، ޖުމްލަ ހަތް ސެޝަންގެ މައްޗަށް އެކުލެވޭ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ފުރަތަމަ ސެޝަން ކުރިއަށް ގެންގޮސްފައިވަނީ ނިމިދިޔަ އޮކްޓޯބަރުމަހުގެ 31 ވަނަ ދުވަހުއެވެ. ކުރިއަށް ހުރި ސެޝަންތައް މި ނޮވެމްބަރުމަހުގެ ތެރޭގައި ކުރިއަށް ގެންދާނެ ކަމަށް އެމްއައިބީ އިން ބުންޏެވެ.
މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ އިސްލާމް މުގައްރަރުގައި ހިމެނިފައިވާ އިސްލާމީ މާލީ މުއާމަލާތްތަކާއި ގުޅުންހުރި ބައިތައް، ދަރިވަރުންނަށް ކިޔަވައިދިނުމަށްޓަކައި، އަމަލީގޮތުން މުއާމަލާތްތައް ހިންގޭ ގޮތުގެ މައުލޫމާތު، މުދައްރިސުންނާ ހިއްސާކޮށް، އަދި މުދައްރިސުން އިސްލާމީ މާލީ މުއާމަލާތުގެ ދާއިރާއަށް އަހުލުވެރިކުރުމެވެ.
މި ތަމްރީނު ޕްރޮގްރާމުގައި ރާއްޖޭގައި އިސްލާމް ކިޔަވައިދޭ މުދައްރިސުންނަށް ފުރުސަތުދެވިގެން ދާނެ ކަމަށް ބޭންކުން ބުނެ އެވެ.
މި ޕްރޮގްރާމު މައިގަނޑު ގޮތެއްގައި ބަލާލެވިފައިވާ ބައިތަކުގެ ތެރޭގައި އިސްލާމީ މާލީ މުއާމަލާތްތަކުގެ އިތުރުން އިސްލާމީ ޝަރީޢާގައި ހުއްދަ ނޫން މުއާމަލާތްތަކާއި، އިސްލާމީ އިގުތިސާދު، އިންސްޓާލްމަންޓް ވިޔަފާރި، އިސްލާމިކް ބޭންކިންނާއި، ތަކާފުލް (އިސްލާމިކް އިންޝުރަންސް) އަދި އިސްލާމީ މާލީ ބާޒާރު ވެސް ހިމެނެއެވެ.

މި ޕްރޮގްރާމުގައި ނަގައިދެވޭ އިލްމީ ސެޝަންތަކުގެ އިތުރުން، މުގައްރަރުގައިވާ ބައިތައް ކުދިންނަށް އުނގަންނައިދިނުމަށްޓަކައި، ޓީޗިން އެއިޑްގެ ގޮތުގައި ބޭނުންކުރެވިދާނެ ބައެއް މެޓީރިއަލް ވެސް އެމްއައިބީއިން ފޯރުކޮށްދެއެވެ. މި މެޓީރިއަލްސްތައް ތައްޔާރުކޮށްފައިވަނީ އެމްއައިބީގެ ތަޖުރިބާކާރުންނާއި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެންކަން ފާހަގަކޮށްލެވެއެވެ.
އެމްއައިބީން އިސްނަގައިގެން ކުރިއަށްގެންދާ މިޕްރޮގްރާމަށް، ޕްރޮގްރާމްގެ ބައިވެރިންގެ ފަރާތުން ވަރަށް އެދެވޭ ތަރުހީބެއް ލިބެމުންދާ ކަމަށް އެމްއައިބީން ވަނީ ފާހަގަކޮށްފައެވެ. ޕްރޮގްރާމްގެ ބައިވެރިން ފާހަގަކުރާ ގޮތުގައި މިއީ ދަރިވަރުންނަށް ކިޔަވައިދިނުމަށްޓަކައި، ކޮންމެހެން ބޭނުން މައުލޫމާތުތަކެއް ލިއްބައިދޭ ޕްރޮގްރާމެކެވެ.
ރާއްޖޭގައި އިސްލާމިކް ފައިނޭންސްގެ ދައިރާއިން ހިދުމަތްތައް ފޯރުކޮށްދެމުންދާ އެންމެ ބޮޑު އެއް މުއައްސަސާގެ ފަރާތުން އަމަލީ ގޮތުން އިސްލާމިކް ފައިނޭންސް ކުރިޔަށް ދާގޮތާބެހޭ ގޮތުން ހިއްސާކުރި މައުލޫމާތުތަކުގެ ސަބަބުން، މި ދާއިރާއަށް އަހުލުވެރިވުމުގައި ވަރަށް ގިނަ ކަންކަން ސާފުވި ކަމަށް ބައިވެރިން ފާހަގަކުރި އެވެ.
އެމްއައިބީ އަކީ ރާއްޖޭގެ އެންމެ ފުޅާ ދާއިރާއެއްގައި އިސްލާމީ އުސޫލުން މާލީ ހިދުމަތް ދޭ ބޭންކެވެ. ފާއިތުވެ ދިޔަ ދިހަ އަހަރު އެމްއައިބީއިން ވަނީ ރާއްޖޭގެ މާލީ ނިޒާމުގެތެރެއަށް، އިސްލާމީ އުސޫލުތަކަށް ފެތޭ ގިނަ ޕްރޮޑަކްޓް ތަކެއް ތަޢާރަފްކޮށް ރާއްޖޭގެ ކަންކޮޅުތަކުގައި ދިރިއުޅޭ ގިނަ އަދަދެއްގެ ރައްޔިތުން ބަލައިގަންނަފަދަ ކާމިޔާބު ހިތުމަތްތަކެއް ފޯރުކޮދީފައެވެ. އެގޮތުން އެމްއައިބީ އުޖާލާ ދިރިއުޅުން ސްކީމަށް ވަނީ މިއަހަރު ބައިނަލްތަގްވާމީ އެވޯޑެއްވެސް ލިބިފައެވެ.












