ކޮވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ބަޖެޓު ފޫބެއްދުމަށްޓަކައި ދަރަނި ނަގަންޖެހުނު މިންވަރު އިންތިހާއަށް އިތުރުވެފައިވާއިރު، އަންނަ އަހަރުގެ ތެރޭގައި ޖީޑީޕީ ނުވަތަ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި ހުރި މިންވަރު ވަރަށް ބޮޑަށް ކުޑަކުރަން އަމާޒުހިފާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ދެއްވަމުން އަމީރު ވިދާޅުވީ ކޮވިޑާއެކު ދައުލަތުގެ ހަރަދުތައް ފޫބެއްދުމަށް ނަގަން ޖެހުނު ދަރަނީގެ ބޮޑުކަމާއެކު، މި އަހަރު ނިމޭއިރު ދައުލަތުން ދީފައިވާ ގެރެންޓީ ހިމަނައިގެން ދަރަނީގެ ޖުމުލަ އަދަދު ހުންނާނެކަމަށް ބެލެވެނީ 94 ބިލިއަން ރުފިޔާގައި ކަމަށެވެ.
މިއީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާއިރު، 122 ޕަސަންޓުކަމަށް އަމީރު ފާހަގަކުރެއްވި އެވެ.
މިގޮތުން، މެދުރާސްތާގައި ދައުލަތުގެ މާލީ ހާލަތު ރަނގަޅުކޮށް، ފިސްކަލް ސަސްޓެއިނަބިލިޓީ ދެމެހެއްޓުމަށް ފިޔަވަޅުތައް އަޅައި، ޖީޑީޕީގެ ނިސްބަތުން ދަރަނި ކުޑަކުރުމަށް ރޭވިފައިވާ ކަމަށް މިނިސްޓަރު ހާމަކުރެއްވި އެވެ.
އެކަމަށްޓަކައި މިދިޔަ ޖުލައި މަހު އެކުލަވައިލި ފިސްކަލް ސްޓްރެޓަޖީގައި އަޅަން ނިންމާފައިވާ ފިޔަވަޅުތައް އަމީރު ފާހަގަކުރެއްވި އެވެ.

ފިސްކަލް ސްޓްރެޓަޖީގައި ހިމެނި ފިޔަވަޅުތައް
- 2023ގެ ނިޔަލަށް ސީދާ ދަރަނި ޖީޑީޕީގެ ނިސްބަތުން 105 ޕަސަންޓަށް ތިރިކުރުން.
- 2023ގެ ނިޔަލަށް ޕްރައިމަރީ ބަޖެޓު ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން 5 ޕަސަންޓަށް ތިރިކުރުން.
- ޑެފިސިޓް އަދި ދައުލަތުގެ ދަރަނި އަހަރަކަށްފަހު އަހަރެއް ކުޑަވަމުންދާ މިސްރާބަކަށް ގެނައުން.
"މި އަމާޒުތައް ހާސިލުކުރުމަކީ މެދުރާސްތާގައި ބަޖެޓު ދެމެހެއްޓިނިވި މިންގަނޑަކަށް ގެނައުމަށް މުހިންމުކަމެއް. އަޅުގަނޑުމެން ބަޖެޓު އެކުލަވާލައި ތަންފީޒުކުރަމުންދާނީ މި އަމާޒުތައް ހާސިލުކުރެވޭނެ މަގުން،" މިނިސްޓަރު ވިދާޅުވި އެވެ.
މިގޮތުން، ދައުލަތުގެ ސީދާ ދަރަނި އަންނަ އަހަރު ނިމޭއިރު، ޖީޑީޕީގެ 104 ޕަސަންޓަށް 2023 ވަނަ އަހަރު ނިމޭ އިރު 101 އިންސައްތައަށް ތިރިކުރެވޭނެކަމުގެ ޔަގީންކަން އަމީރު ދެއްވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި ދަރަނި އިތުރުވެފައިވާ މިންވަރަކީ ރާއްޖެއަށް މީގެ ކުރިން ދިމާވެފައިވާ ކާރިސާއަކާއި ނުވަތަ ތަދުމަޑުކަމަކާ އަޅައިކިޔޭނެ މިންވަރެއް ނޫނެވެ.
ސަބަބަކީ ރާއްޖެއަށް ދިމާވި އިގުތިސާދީ ތަދުމަޑުކަމުގެ ނިސްބަތަކީ ރާއްޖޭގެ ތާރީހުގައިވެސް ފެންނަން ނެތް މިންވަރެއްގެ އަޑިގަނޑެއްކަމަށްވާއިރު، މި ފަދަ އަޑިގަނޑަކުން އަރައިގަތުމަށް، ފިސްކަލް ޕޮލިސީން ޖާގަ ބޭނުންވާތީ އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖެއަށް ކޮވިޑުގެ ހާލަތުން މިހާ އަވަހަށް އަރައިގަނެވި، އިގުތިސާދީ ހަރަކާތްތައް އިތުރުވަނީ ހަރުދަނާ މާލީ އަދި އިގުތިސާދީ ފިޔަވަޅުތަކުގެ ސަބަބުންނެވެ.
އަދި ދެން އަތުވެދާނެ އިގުތިސޯދީ އަދި މާލީ ކާރިސާއަކަށް ތައްޔާރުވުމުގެ ގޮތުން މި ލިބޭ ފުރުސަތުގައި ޒިންމާދާރުކަމާއެކު، ރާއްޖޭގެ ދަރަނި މެނޭޖްކޮށް، މާލީ ހާލަތު ހަރުދަނާ ކުރުމަކީ މުސްތަގުބަލަށްޓަކައި މި ވަގުތުކުރަން ޖެހޭ ކަމެއްކަން އަމީރު ފާހަގަކުރެއްވި އެވެ.
އަންނަ އަހަރު 36.9 ބިލިއަންގެ ބަޖެޓެއް
އަންނަ އަހަރަށް ލަފާކުރާ 36.9 ބިލިއަން ރުފިޔާގެ ބަޖެޓު އަމާޒަކީ މިނިސްޓަރު ވިދާޅުވި ގޮތުގައި ކޮވިޑުގެ ގެއްލުންތަކުން އަރައިގަނެ، އިގުތިސާދީ ކުރިއެރުން މަތިކޮށް، ފުޅާކޮށްދޭނެ ބަޖެޓެކެވެ.
މި އަހަރުގެ ތެރޭގައި އިގުތިސޯދު ކުރިއަރަން ފަށައި، އަންނަމުންދާ ހެޔޮ ބަދަލުތަކުގެ އަސަރު ދައުލަތުގެ އާމްދަނީއަށް ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިގޮތުން، އަންނަ އަހަރު ޖުމުލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 24.3 ބިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކުރެވޭއިރު، މިއީ މި އަހަރުގެ ނިޔަލަށް ދައުލަތަށް ލިބޭނެކަމަށް މިހާރު ލަފާކުރެވޭ އާމްދަނީއަށް ވުރެ 23 ޕަސަންޓު އިތުރު އަދަދެއްކަން އަމީރު ފާހަގަކުރެއްވި އެވެ.

2022 ބަޖެޓުގެ ހުލާސާ
އަދި ޓެކުހުގެ ގޮތުގައި 15.4 ބިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކުރެވޭއިރު، ޓެކްސް ނޫން އެހެން ގޮތްގޮތުން ހަ ބިލިއަން ރުފިޔާ އަދި ހިލޭ އެހީގެ ގޮތުގައި 2.9 ބިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކުރެވޭ ކަމަށެވެ. .
މިނިސްޓަރު އިތުރަށް ވިދާޅުވީ އަންނަ އަހަރަށް ހުށަހަޅާފައިވަނީ 9.7 ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓެއް ނަމަވެސް، ބަޖެޓު ފައިނޭންސްކުރުމަށް ޖުމްލަ 13.4 ބިލިއަން ރުފިޔާ ހޯދަންޖެހޭ ކަމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ ބަޖެޓު ޑެފިސިޓްގެ އަދަދުގެ އިތުރުން، ލޯނު އަނބުރާ ދެއްކުމަށް ބޭނުންވާ 2.9 ބިލިއަން ރުފިޔާ އާއި، ސޮވްރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރާ 769.2 މިލިއަން ރުފިޔާ، އަދި އެހެނިހެން ގޮތްގޮތުން ފައިނޭންސްކުރަންޖެހޭ 35.7 މިލިއަން ރުފިޔާ އެވެ.
ބަޖެޓު ފައިނޭންސިންގެ ތެރެއިން 7.5 ބިލިއަން ރުފިޔާ ބޭރުގެ ފަރާތްތަކުން ހޯދުމަށް ރާވައިފައިވާއިރު، އެތެރޭގެ ފަރާތްތަކުން 5.9 ބިލިއަން ރުފިޔާ ހޯދުމަށް ރޭވިފައިވާކަމަށް މިނިސްޓަރު ހާމަކުރެއްވި އެވެ.
"...ރާއްޖެއިން ބޭރުގެ ފަރާތްތަކުން ލިބޭނެކަމަށް އަންދާޒާކުރާ ފައިނޭންސިން އަށް ބަލާއިރު، 200 މިލިއަން ޑޮލަރުގެ ޓްރެރަރީ ސެކިއުރިޓީއެއް ބޭރުގެ މާލީ ބާޒާރުގައި ވިއްކުމަށްވަނީ ރާވާފައި،" އަމީރު ވިދާޅުވި އެވެ.
އަމީރު ވިދާޅުވި ގޮތުގައި މި ބަޖެޓަކީ ސަރުކާރުގެ އެންމެ މުހިންމު އަމާޒުތަކާއި، ސަރުކާރުގެ ވައުދުތައް ފުރިހަމަކުރުމަށާއި، ރައްޔިތުންނަށް ދޭ ހިދުމަތްތައް އެފިޝަންޓްކޮށް ފެންވަރު ރަނގަޅުކުރުމަށް ސިޔާސަތު ރޭވިފައިވާ ބަޖެޓެކެވެ.
އަދި މާލީ ހާލަތު ތަންދިން އެންމެ ބޮޑަކަށް އިގުތިސޯދީ އަމާޒުތަކާއި ރައްޔިތުން ބޭނުންވާ ކަންކަމުގެ އިތުރުން ސަރުކާރުން ރައްޔިތުންނަށް ވީ ވައުދުތައް ފުއްދުމަށް މި ބަޖެޓުގައި އިސްކަންދީފައިވާނެކަމަށް އަމީރު ވިދާޅުވި އެވެ.













