ނޮވެމްބަރު މަހު ބަންދު ދުވަސްތައް އެހާ ގިނައިރު، ގޭގައި ތިބެގެން ބަލާލާނެ ސަޅި ފިލްމާއި ސީރީޒް ކޮޅަކަށް އިންތިޒާރާނެ މީހުން ވަކި މަދެއް ނޫނެވެ. ނެޓްފްލިކްސް އިން ނޮވެމްބަރުގައި އާ ޝޯތަކާއި ބްލޮކް ބަސްޓާ ފިލްމުތައް އެބަ ރިލީޒް ކުރެ އެވެ.
ނާކޮސް: މެކްސިކޯ ސީޒަން 3
ނޮވެމްބަރު މަހު ރިލީޒްކުރާ އެންމެ ހާއްސަ އެއް ޝޯއަކީ ނާކޮސް މެކްސިކޯ އެވެ. ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ޑްރަގް ސީރީޒް ރިލީޒް ކުރާނީ ނޮވެމްބަރު ފަހެއްގަ އެވެ. ދުނިޔޭގެ އެންމެ ބޮޑު އެއް ޑްރަގް ލޯޑް ކަމުގައިވާ ޕަބްލޯ އެސްކޯބާއާ އޭނާގެ ޑްރަގް ކާޓަލްގެ ވާހަކަތަކުގެ މައްޗަށް ބިނާކޮށް ފެށި ނާކޮސް ޝޯގައި މިހާތަނަށް ޖުމްލަ ހަ ސީޒަން ވަނީ ގެނެސްދީފަ އެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އަދިވެސް ނާކޮސްގެ އިތުރު ވާހަކަތަކުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.
ކައު ބޯއީ ބީޕޮޕް

ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޖަޕަނީޒް ސައިންސް ފިކްޝަން އެނިމޭ 'ކައު ބޯއީ ބީޕޮޕް' އަސްލަކަށް ބަލައިގެން ހަމަ އެ ނަމުގައި ނެޓްފްލިކްސް އިން ތައްޔާރު ކުރާ މުޅިން އާ މި ޝޯ ފެނިގެންދާނީ ނޮވެމްބަރު 19 ގަ އެވެ. ބައުންޓޯ ހަންޓާސްގެ ގްރޫޕެއްގެ މައްޗަށް ބިނާކޮށްފައިވާ މި ސީރީޒްއަކީ އެކްޝަން ޕެކް ސީރީޒް އެކެވެ. ގިނަ ބަޔަކަށް ކަމުދާނެ ކަމަށް ބެލެވޭ މި ޝޯގެ ކާސްޓުންގެ ގޮތުގައި ޖޯން ޗޯ, މުސްތަފާ ޝާކިރް އަދި ޑެނިއެލާ ޕިނެޑާ ވެސް ހިމެނެ އެވެ. ޝޯގެ ތައްޔާރީތަކުގައި ކައުބޯއީ ބީޕޮޕް އެނިމޭ ތައްޔާރުކުރި ޑައިރެކްޓަރުވެސް ވަނީ ކޮންސަލްޓަންޓެއްގެ ގޮތުގައި ބައިވެރިވެފަ އެވެ.
ހެންޓެފީޑް ސީޒަން 2
ހެއްވާ މަޖާ ސީރީޒްތަކަށް ލޯބިކުރާ ފަރާތްތަކަށް ހަމަ ގައިމުވެސް ކަމުދާނެ ހެންޓެފީޑް މި ސީރީޒްއަކީ ތިން މީހެއްގެ ދިރިއުޅުން ދައްކުވައިދޭ ސީރީޒް އެކެވެ. މި ސީރީޒްގެ ފުރަތަމަ ސީޒަން ރިލީޒު ކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ. ގިނަ އާ މޫނުތަކަކާއެކު ސީޒަން ދޭއް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 10 ގަ އެވެ. މެކްސިކޯ އިން އެމެރިކާއަށް ދިރިއުޅުން ބަދަލުކޮށް އާ ތަނެއްގައި ދިރިއުޅުން ބިނާކުރަމުންދާ ޒުވާނުންގެ މެދުގައި ހިނގާނޭ ހެއްވާ މަޖާ ހުރިހާ ކަމެއް ސީރީޒްއިން ފެނިގެންދާނެ އެވެ.
ރެޑް ނޯޓިސް (2021)

ރެޑް ނޯޓިސްގެ ޕޯސްޓަރެއް

ނޮވެމްބަރު ފަސްވަނަ ދުވަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ "ރެޑް ނޯޓިސް" އަށް އިންތިޒާރު ކުރަމުން އަންނަ ގިނަ ބަޔަކަށް ލިބިގެންދާނެ އެންމެ އުފާވެރި ހަބަރަކީ މާ ގިނަ ދުވަހެއް ނުވެ ނެޓްފްލިކްސް އިން އެ ފިލްމު ފެނިގެންދާނެ ހަބަރެވެ. މިގޮތުން ނޮވެންވަރު 12 ގައި ނެޓްފްލިކްސްގައި މި ފިލްމް ސްޓްރީމް ކުރެވިގެންދާނެ އެވެ. ޑްވޭން ޖޯންސަން (ދަ ރޮކް) އާއި ރަޔާން ރޭނޯލްޑްސް ގެ އިތުރުން ފިލްމުގެ ލީޑު ރޯލުން ދެން ފެނިގެންދަނީ އިސްރާއިލްގެ ރީތީގެ ރާނީކަން 2004 ގައި ހޯދި ގަލް ގެޑޮޓް އެވެ. ޖުމްލަ 200 މިލިއަން ޑޮލަރުގެ ބަޖެޓެއްގައި ތައްޔާރުކުރި މި ފިލްމުގައި ފެނިގެންދާނީ ބޮޑު ދެ ކުށްވެރިން އަތުލައިގަތުމަށް އެފްބީއައި އޭޖެންޓަކު ކުރާ މަސައްކަތެވެ.
ސޫރްޔަވަންޝީ

މި އަހަރުގެ ކުރީކޮޅު ނެރުމަށް ތާވަލު ކުރި ސޫރްޔަވަންޝީ ފިލްމު މިވަނީ އެންމެ ފަހުން ނޮވެމްބަރު ފަހެއްގައި ނެޓްފްލިކްސްގައި ސްޓްރީމް ކުރުމަށް ހަމަޖެހިފަ އެވެ. މިއީ އެކްޝަން ކޮމެޑީ އެކެވެ. އަކްޝޭ ކުމާރުއާ ކެޓްރީނަ ކެއިފްގެ ޖޯޑު ފެނިގެންދާ މި ފިލްމުގައި ރަންވީރު ސިންގް އަދި އަަޖޭ ދޭވްގަންވެސް މުހިންމު ރޯލުތަކުން ފެނިގެންދާނެ އެވެ. ރޯހިޓު ޝެޓީގެ މި ފިލްމުގައި ފެނިގެންދަނީ މުމްބާއީ އަށް ދޭން ރާވާ ޓެރަރިޒަމް ހަމަލާއަކުން ދިފާއުވުމަށް ކުރުމަށް މަސައްކަތްކުރާ ތަނެވެ. މި ފިލްމު ޝޫޓްކޮށްފައިވަނީ 2019 ގަ އެވެ.
ބަންޓީ އޯރް ބަބްލީ 2
މީގެ 16 އަހަރު ކުރިން ރިލީޒް ކުރެވުނު ބަންޓީ އޯރް ބަބްލީގެ ސީކުއެލް އެއްކަމުގައިވަ ބަންޓީ އޯރް ބަބްލީ 2 ވެސް މި ނޮވެމްބަރުގައި ނެޓްފްލިކްސް އިން ފެނިގެންދާނެ އެވެ. އަދި ތިޔާ ޗޯޕްރާގެ މި ކްރައިމް ކޮމެޑީ އަކީ ވެސް ކޮރޯނާ ވައިރަސް އާއި ހެދި ސިނަމާތަކުގައި ރިލީޒް ނުކުރެވި އޮތް ފިލްމެކެވެ. ސައިފް އަލީ ހާން އާއި ރާނީ މުކަރުޖީގެ ހިތްގައިމު ޖޯޑާއެކު ދެން ފިލްމުގައި ފެނިގެންދަނީ ޒުވާން ދެ މޫނު ކަމުގައިވާ ސިދާތު ޗަތުރުވެދީ އާއި ޝަރްވަރީ ވާގް އެވެ. މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 19 ގަ އެވެ.
ޖޭ ބިމް
ނޮވެމްބަރު ދޭއްގައި ރިލީޒްކުރުމަށް ހަމަޖެހިފައިވާ ތަމަޅަ ފިލްމު ޖޭ ބިމް އަކީވެސް އުންމީދީ ފިލްމެކެވެ. މިއީ 1993 ގައި ހިނގައިދިޔަ ހަގީގީ ހަދިސާ އެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކުރެވޭ ލީގަލް ޑްރާމާ އެކެވެ. ކޮވިޑް ތެރޭގައި ފިލްމުގެ ޝޫޓްކޮށް، މުޅި މަސައްކަތް ނިންމާލެވުނީ ސެޕްޓެމްބަރުގަ އެވެެ.









