މިލާން (އޮކްޓޫބަރު 30) - އިޓާލިއަން ލީގުގައި މިރޭ ޑިއޭގޯ ސިމިއޯނީގެ ދަރިފުޅު ޖިއޮވާނީ ސިމިއޯނީ ޖެހި ގޯލުތަކުން ހެލަސް ވެރޯނާ އިން 2-1 އިން ޔުވެންޓަސް ބަލިކޮށްފި އެވެ.
ޑިއޭގޯ ސިމިއޯނީ އަކީ އެތުލެޓިކޯ މެޑްރިޑްގެ ކޯޗެވެ. އޭނާގެ ދަރިފުޅު ޖިއޮވާނީ އިޓާލިއަން ލީގަށް ބަދަލުވީ އުމުރުން 17 އަހަަރުގަ އެވެ. ހެލަސް އަކީ ޖިއޮވާނީ އިޓަލީގައި ކުޅޭ ހަތަރު ވަނަ ކްލަބް އެވެ.
މިދިޔަ ހަފްތާގައި ލާޒިއޯ ކޮޅަށް ހަތަރު ގޯލު ޖެހި އުމުރުން 26 އަހަރުގެ ޖިއޮވާނީ މިރޭ ވަނީ ޔުވެންޓަސް ކޮޅަށް 14 މިނިޓް ތެރޭ ދެ ގޯލު ޖަހައިފަ އެވެ. ޖިއޮވާނީ ފުރަތަމަ ގޯލު 11 ވަނަ މިނިޓްގައި ޖެހީ ރީބައުންސް ވެގެން އައި ބޯޅައެއްގަ އެވެ. އޭގެ ތިން މިނިޓް ފަހުން އޭރިއާބޭރުން ގޯލުގެ މަތީ ކަނަށް ބޯޅަ އަމާޒުކޮށްލައި ދެ ވަނަ ގޯލެއް ޖެހި އެވެ.
އިޓާލިއަން ލީގުގެ ކަލިއަރީގެ ލޯން އެއްބަސްވުމެއްގެ ދަށުން ހެލަސް އަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ ޖިއޮވާނީ ވަނީ މިހާތަނަށް ލީގުގައި އެ ޓީމަށް ކުޅެދީފައިވާ 10 މެޗުން އަށް ގޯލު ޖަހައި ތިން ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.
ހެލަސް އިން ގާތްގާތުގައި ދެ ގޯލުގެ ލީޑެއް ނެގުމުން ޔުވެންޓަސް އަށް މެޗުގެ ތެރެއަށް ވަންްނަން އުނދަގޫތަކެއް ދިމާވި އެވެ. އެކަމަކު، ލިބުނު ފުރުސަތުތަކުގައި އެ ޓީމުން ދިޔައީ ރަނގަޅު ހަމަލާތަކެއް އުފެއްދޭތޯ މަސައްކަތް ކުރަމުންނެވެ. ޔުވެންޓަސް އަށް ފުރަތަމަ ހާފު ނިމުމުގެ ކުރިން ގޯލެއް ޖަހައިދޭން ޕައޮލޯ ޑިބާލާ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.
އަނިޔާގެ ސަބަބުން ފެޑެރީކޯ ކިއޭސާ ނުލައި ޔުވެންޓަސް އިން މި މެޗު ކުޅުނުއިރު، ގޯލެއް ޖަހަން ކުރި މަސައްކަތް ކާމިޔާބުވީ މެޗު 80 ވަނަ މިނިޓްގަ އެވެ. މި ގޯލު ޖަހައިދިނީ ޔުވެންޓަސްގެ އެމެރިކާ މިޑްފީލްޑަރު ވެސްޓަން މެކެނީ އެވެ. އިތުރު ވަގުތުގައި ޔުވެންޓަސް އަށް އެއްވަރުކޮށްދޭން ޑިބާލާ ޖެހި ބޯޅަ ހެލަސްގެ ކީޕަރު ލޮރެންޒޯ މޮންޓީޕޯ ވަނީ މަތަކޮށްފަ އެވެ.
ޔުވެންޓަސް އިން ދަށް ފޯމެއްގައި ލީގު ފަށަން ޖެހުނު ނަމަވެސް ފަހުން ލީގުގައި ޖެހިޖެހިގެން ހަތަރު މެޗުން މޮޅުވި އެވެ. އެކަމަކު، އެންމެ ފަހުން ކުޅުނު ތިން މެޗުން އެ ޓީމަށް އެއް ޕޮއިންޓް ލިބުނުއިރު، މި ވަގުތު އޮތީ ލީގުގެ ނުވަ ވަނައިގަ އެވެ. އެއީ 11 މެޗުން 15 ޕޮއިންޓާ އެކު އެވެ.
ހެލަސް މިރޭ ހޯދި މޮޅާ އެކު ވަނީ އަށް ވަނަ އަށް އަރައިފަ އެވެ. އެއީ ޔުވެންޓަސްއާ އެއްވަރަށް ޕޮއިންޓް ލިބުނު ނަމަވެސް ލަނޑުގެ ތަފާތުންނެވެ. ލީގުގެ އެއް ވަނައިގައި އޮތް ނަޕޯލީ އަށް ވުރެ ޔުވެންޓަސް އެއް މެޗު އިތުރަށް ކުޅުނު ނަމަވެސް 13 ޕޮއިންޓުގެ ފަރަގެއް މި ވަގުތު ވެސް އެބައޮތެވެ.
ލީގުގައި މިރޭ އެޓަލަންޓާ އާއި ލާޒިއޯ ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.












