އަބޫ ދާބީ (30 އޮކްޓޫބަރު) - ޓީ20 ވޯލްޑް ކަޕްގައި އިއްޔެ އަފްގާނިސްތާން އަތުން ފަސް ވިކެޓުން މޮޅުވެ، ޕާކިސްތާނުން މުބާރާތުގެ ސެމީ ފައިނަލާ ގާތަށް ޖެހިލައިފި އެވެ.
މުބާރާތުގެ ގުރޫޕް ދޭއްގައި މިހާތަނަށް ކުޅުނު ތިން މެޗުން ވެސް މޮޅުވެ، ޕާކިސްތާން އޮތީ ތާވަލްގެ އެއްވަނައިގަ އެވެ. މި ގުރޫޕްގައި ޕާކިސްތާނާ އެންމެ ބޮޑަށް ވާދަކުރާ އިންޑިއާ އާއި ނިއު ޒިލޭންޑް މަދުން މެޗު ކުޅެފައި އޮތް ނަމަވެސް، ޕާކިސްތާނަށް ބާކީ އޮތީ ނެމީބިއާ އާއި ސްކޮޓްލޭންޑާ ދެކޮޅަށް ކުޅޭ މެޗެވެ. މިއީ މި ގުރޫޕްގައި އޮތް ޓީމުތަކުގެ ތެރެއިން ރޭންކިންގައި އެންމެ ދަށް ދެ ޓީމެވެ. އެހެންކަމުން، މުބާރާތުގެ ފޭވަރިޓެއް ކަމަށްވާ ޕާކިސްތާނަށް ސެމީ ފައިނަލްގެ ފުރުސަތު ބޮޑެވެ.
އަފްގާނިސްތާނުން ފުރަތަމަ ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި ހަ ވިކެޓަށް ހެދީ 147 ލަނޑެވެ. އަފްގާނިސްތާންގެ މުހައްމަދު ނަބީ އާއި ގުލްބާދިން ނައިބް ވަނީ ނުބައިނުވެ، ދެ ކުޅުންތެރިންގެ ޕާޓްނަޝިޕުން 70 ލަނޑު ހަދައިފަ އެވެ.
ޕާކިސްތާނުން ކުޅެންއަރައި، ރަނގަޅު މިސްރާބެއްގައި އޮއްވައި، އެ ޓީމަށް ހާސްކަމެއް ކުރިމަތިވީ ކެޕްޓަން ބާބަރް އަޒާމް 51 ލަނޑަށް ނުބައިވުމުންނެވެ. އަދި ޖެހިގެން އައި އޯވަރުގައި، ޝުއައިބް މާލިކް ވެސް ނުބައިވި އެވެ.
ޕާކިސްތާނަށް އިނިންސްގެ އެންމެ ފަހު 12 ބޯޅައިން 24 ލަނޑު ބޭނުންވެފައި ވަނިކޮށް، އާސިފް އަލީ ވަނީ 19 ވަނަ އޯވަރުގައި ހަތަރު ބޯޅަ ހަޔަކަށް ޖަހައި، ޕާކިސްތާން މެޗުން މޮޅުކޮށްދީފަ އެވެ. -- ބީބީސީ












