ޑްރަގުގެ ބޮޑު ތުހުމަތުވާ ދެ މީހުންނަށް އަނިޔާކުރި ކަމުގެ ޝަކުވާ ބަލަން އެޗްއާރްސީއެމްއަށް އަންގައިފި

ޑްރަގުގެ ބޮޑު މައްސަލާގައި ތުހުމަތު ކުރެވޭ ދެ މީހުން: ބަންދު އިތުރު ކުރިޔަސް އަނިޔާކުރި މައްސަލަ ބަލަން އެންގެވި

ޑްރަގުގެ ބޮޑު މައްސަލާގައި ތުހުމަތު ކުރެވޭ ދެ މީހުން: ބަންދު އިތުރު ކުރިޔަސް އަނިޔާކުރި މައްސަލަ ބަލަން އެންގެވި

މި މަހުގެ ތެރޭ ފެންމަތިވި ޑްރަގުގެ ބޮޑު މައްސަލާގައި ހައްޔަރުކުރި ދެ މީހުންނަށް ފުލުހުން އަނިޔާކުރި ކަމުގެ ޝަކުވާ ކޮށްފައިވާތީ, އެކަން ބެލުމަށް އެޗްއާރްސީއެމްއަށް ކުރިމިނަލް ކޯޓުން އަންގައިފި އެވެ.

ރ. އަތޮޅުގައި ފުލުހުން ހިންގި ބޮޑު ޑްރަގު އޮޕަރޭޝަންގައި 215 ކިލޯގެ ހެރޮއިން ހޯދައި ދެ މީހަކު ހައްޔަރުކުރި އެވެ. ރ. މަޑުއްވަރީ ފަޅަށް "ފެށުން 2" ކިޔާ ލޯންޗެއްގައި ވަންތަނާ ހައްޔަރުކުރީ ރ. މަޑުއްވަރީ، ފިނިފަރު އަލީ ޝާކިރާއި މަޑުއްވަރި، ފެހިއަލި ނިމާލް އަބްދުލްހާރިސް އެވެ.

އޭގެފަހުން އެމީހުން ބަންދުގައި ތިބިިއިރު, އިއްޔެ ބަންދު މުއްދަތު އިތުރު ކުރުމަށް ދެ މީހުން ވެސް ވަނީ ކޯޓަށް ހާޒިރުކޮށްފަ އެވެ.

Advertisement

ކުރިމިނަލް ކޯޓުން ވަނީ ދެ މީހުން ވެސް ބަންދުގައި ބަހައްޓަން ޖެހޭ ސަބަބުތައް އޮތް ކަމަށް ކަނޑައަޅައި, އިތުރު 15 ދުވަސް ދެ މީހުންގެ ބަންދަށް ޖަހާފަ އެވެ. ބަންދު އަމުރުގައިވާ ގޮތުގައި ދެ މީހުންގެ މައްޗަށް ވެސް ތުހުމަތުވާ މިންވަރަށް އެކަށީގެންވާ ހެކިތައް ފުލުހުން ހުށަހަޅާފައިވެ އެވެ.

ދެ މީހުންގެ މައްޗަށް ވެސް ބޮޑެތި ތުހުމަތުތަކެއް

ކުރިމިނަލް ކޯޓުގައި އިއްޔެ ބޭއްވި މަޖިލީހުގައި ފުލުހުން ބުނި ގޮތުގައި ފަޅު ތެރޭން ދެ މީހުން ހުއްޓުވައި ބަލާ ފާސްކުރުމުގެ ތެރެއިން ލޯންޗުން ސެޓެލައިޓް ފޯނަކާއި ގިނަ އަދަދެއްގެ ޕެޓްރޯލް ހަން ފެނިފައިވެ އެވެ.

ދެ މީހުންގެ ހަށިގަނޑުގެ އެކިތަންތަނުން ވެލީގެ އަސަރު ފެނިފައިވާ ކަމަށާއި ލޯންޗްގެ ގެގަނޑުގެ އަރިމަތިން އިތުރު ބޯޓަކާ ގާތްކޮށްފައިވާކަމުގެ ނިޝާންތައް ހުރި ކަމަށް ވެސް ފުލުހުން ފާހަގަކުރި އެވެ.

ފުލުހުން މިކަން ގުޅުވަނީ ކަނޑުމަތީގައި މަސްތުވާތަކެތީގެ ޑީލެއް ނިންމުމަށްފަހު އެމީހުން އެނބުރި މަޑުއްވަރީއަށް ވަނީ ކަމަށެވެ. ފުލުހުން އެ ދެ މީހުން ހިފެހެއްޓީ ވެސް މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމުގެ އިންޓެލިޖެންސް ރިޕޯޓެއް ލިބުމާ ގުޅިގެންނެވެ.

އޮޕަރޭޝަންގެ ތެރެއިން ފުލުހުން ވަނީ ރ. އަތޮޅުގެ ގިނަ ފަޅު ރަށްތަކެއް ވެސް ބަލާފަ އެވެ. އެގޮތުން ރ.ބޮޑުފަރު ފިނޮޅުން ފެޓްރޯލް ހުސްކުރި 20 ލީޓަރުގެ 63 ހަން ފެނިގެން އެ ދެ މީހުންނާ ސުވާލުކުރުމުން އެއީ އެމީހުން މަސްތުވާތަކެތި ބަލާދިއުމަށްޓަކައި ޓެސްޓް ދަތުރެއް ކުރަން ބޭނުންކުރި ފެޓްރޯލް ހުސްކުރި ހަންތަކެއްކަމަށް ބުނެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އަދި މިދެމީހުން އެތެރެކުރި މަސްތުވާތަކެތި ރ.ރާނބުގަލީގައި ހުންނާނެ ކަމަށް ބުނެ އެތަކެތި ދައްކާފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ. ނަމަވެސް, މި ވާހަކަތަކަށް އެމީހުން ކޯޓުގައި އިންކާރު ކުރެ އެވެ. ފުލުހުން ގާތު އެފަދަ އެއްވެސް ވާހަކައެއް ދައްކާފައިނުވާނެ ކަމަށް އެމީހުންގެ ވަކީލް އިއްޔެ ކޯޓުގައި ބުނެފައިވެ އެވެ.

ނަމަވެސް, ރ.ރާނބުގަލި ބަލައިފާސްކުރުމުން ތުހުމަތުކުރެވޭ ދެމީހުން މަސްތުވާތަކެތި ހުންނާނެ ކަމަށް ބުނި ކަށިކެޔޮގަހުގެ ތެރެއިން، 11 ގޯނި ފެނިގެން ނަގާ އެގޯނިތައް ބަލައިފާސްކުރި ކުރުމުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ޖުމްލަ 215 ކަރުދާސްކޮތަޅު (ވަގުތީ ބަރުދަނުގައި 21 ކިލޯ) ފެނިފައިވާކަން ވެސް ކޯޓުގައި ފުލުހުން ހާމަކުރި އެވެ.

ފުލުހުން ބުނި ގޮތުގައި ލޯންޗުން ފެނުނު ސެޓްލައިޓު ފޯނުގެ އެކްސްޓްރެކްޝަން ރިޕޯޓަށް ބެލުމުން މިފޯނުގައި ހުރި މެސެޖުތަކުގައި އެމީހުން ރާއްޖެ ސަރަހައްދުން ބޭރަށް ދިޔަކަމުގެ މެސެޖުތަކަކާއި ބޯޓަކާ ބައްދަލުކުރިކަމުގެ މެސެޖްތަކެއް ފެނިފައިވެ އެވެ.

އެހެންވެ, ފުލުހުން ގަބޫލުކުރާ ގޮތުގައި ދެ މީހުންގެ މައްޗަށް ވެސް އެކަށީގެންވާ ހެކި އެބަ ހުއްޓެވެ. ފުލުހުން އެދުނީ ދެ މީހުން ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށް ދިނުމަށެވެ.

ބޮޑެތި އަނިޔާތަކެއްކޮށް ގާނޫނާ ހިލާފުވި ކަމުގެ ތުހުމަތު

ކުރިމިނަލް ކޯޓުގައި ހުކުރު ދުވަހު ކުރިއަށް ގެންދިޔަ ބަންދު މަޖިލީހުގައި ތުހުމަތުވާ ދެ މީހުންގެ ވަކީލް ފާހަގަ ކުރެއްވި ގޮތުގައި ޑްރަގް އޮޕަރޭޝަންގެ ނަމުގައި ބޮޑެތި އަނިޔާތަކެއް ފުލުހުން ވަނީ ކޮށްފަ އެވެ. އަދި ތަހުގީގު ބޭނުމަށް ބަންދު ކުރުމަށް މެޖިސްޓްރޭޓް ކޯޓުން އަމުރެއް ނެރެފައިވަނިކޮށް އެ ދެ މީހުން ފަޅު ރަށަކަށް ގެންގޮސްފައިވަނީ ވެސް ގާނޫނާ ހިލާފަށް ކަމަށް ވިދާޅުވި އެވެ.

ވަކީލް ވިދާޅުވި ގޮތުގައި, ދެ މީހުންނަށް ވެސް އަނިޔާކުރީ ގާނޫނާ ހިލާފަށް އެ ދެ ރަށަށް ގެންދިޔުމަށްފަހު އެވެ. އެމީހުންނަށް ފުލުހުން ކުރި ކަމަށް ބުނާ އަނިޔާތަކުގެ ތަފްސީލު ވެސް އިއްޔެ ކޯޓުގައި ދެ މީހުން ވަނީ ކިޔައިދީފަ އެވެ.

އެގޮތުން, އެމީހުން ބުނި ގޮތުގައި ފަޅު ރަށަށް ފުރަތަމަ ވެސް ގެންދިޔަ ގޮތަށް ކަންފަތްމަތީގައި ޖެހީ އެވެ. ޖެހުމުން ވަގުތުން ވެއްޓުނު ކަމަށާއި، ފުލުހުން ޕެޕާ ސްޕްރޭ ޖަހައި އަތުންނާއި ފައިން ގައިގައި ތަޅައި އަނިޔާކުރި ކަމަށް ބުންޏެވެ.

އަނިޔާކުރުމުގެ ސަބަބުން ހެއަށްގޮތްވެ ވާނުވާ ނޭނގޭ ފަހަރުވެސް ދިޔަ ކަމަށް ވެސް ބުންޏެވެ.

އެމީހުން ބުނި ގޮތުގައި, އަނިޔާކުރުމުގެ ސަބަބުން އަނިޔާއިން ސަލާމަތްވާންވެގެން، ހަންތަކާ ގުޅޭ ގޮތުން ކޮންމެވެސް އެއްޗެއް ބުނެވިފައި ވެދާނެ ކަމަށާއި، ނަމަވެސް, މަސްތުވާތަކެއްޗާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ބުނެފައިނުވާނެ އެވެ.

އަނިޔާތަކުގެ އަސަރު އަދިވެސް އެބަހުރި ކަމާއި އެކި ތަންތަނުގައި ރިއްސައި އުޅެން އުނދަގޫވާ ކަމަށް ވެސް ކޯޓުގައި އެމީހުން ބުންޏެވެ.

އެ ވާހަކަތަކާ ގުޅިގެން ކުރިމިނަލް ކޯޓުގެ ބަންދު މަޖިލީހުގައި އިއްޔެ އިންނެވި ގާޒީ އާދަމް މުހައްމަދު އެންގެވީ އެމީހުން ޑޮކްޓަރަށް ދައްކައި އެކަށީގެންވާ ސިއްހީ ފަރުވާ ފޯރުކޮށްދިނުމަށްފަހު އެކަން ކޯޓާ ހިއްސާކުރުމަށެވެ. އަދި, އަނިޔާކުރި ކަމުގެ ތުހުމަތު ކުރާ މައްސަލަ ބަލައި, އެކަން ވެސް ކޯޓާ ހިއްސާކުރުމަށް އެޗްއާރްސީއެމްގެ މައްޗަށް އަމުރު ނެރުއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox