މިލާން (އޮކްޓޫބަރު 30) - ޑެންމާކްގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަންގެ ސިއްހީ ހާލަތު ހުރިގޮތުން އޭނާ މިހާރު ކުޅެމުން އަންނަ އިންޓަ މިލާނަށް ކުޅުމުގެ ފުރުސަތު ގެއްލި، އެ ކްލަބުން އޭނާ ވިއްކާލަން ނިންމާފައިވާކަން އިއުލާނުކޮށްފި އެވެ.
މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޑެންމާކުން ފިންލެންޑާ ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފުގެ ފަހު ކޮޅުގައި އެރިކްސަން ހިތްހުއްޓިގެން ދަނޑުމައްޗަށް ވެއްޓުނެވެ. ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީ ހެދި ޓެސްޓްތަކުން އެނގުނީ އެރިކްސަން ހިތަށް އިމްޕްލާންޓަބަލް ކާޑިއޮވާޓާ ޑެފިބްރިލޭޓާ (އައިސީޑީ) ލައްވަން ޖެހޭ ކަމެވެ. އެރިކްސަން ހިތަށް އައިސީޑީ ލެއްވިއިރު، އެ ޑިވައިސް އަކީ ހާޓް ރޭޓް ކޮންޓްރޯލް ވަރެއްގައި ދެމެހެއްޓުމަށް ހަރުކުރާ ޑިވައިސް އެކެވެ. ހިތުގެ ވިންދު މާ އަަވަސްވާނަމަ އައިސީޑީން އެ ޑިޓެކްޓްކޮށް ކޮންޓްރޯލް ކުރާނެ އެވެ.
އައިސީޑީ ލައްވައިގެން ހުރެ، އިޓަލީގައި ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުމަކީ މަނާ ކަމެކެވެ. އެކަމަކު، ޔޫރަޕްގެ ބައެއް ލީގުތަކުގައި އައިސީޑީ ލައްވައިގެން ހުރެ ވެސް ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅެވެ އެވެ.
އިންޓަ އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެރިކްސަންގެ މި ވަގުތުގެ ސިއްހީ ހާލަތު ހުރި ގޮތުން އޭނާ އަށް ދެން އެ ކްލަބަށް ނުކުޅެވޭނެ ކަމަށެވެ. އެހެންވެ، ހުރިހާ ފަރާތެއްގެ މަޝްވަރާގެ މަތިން އެރިކްސަން އިހުތިޔާރުކުރާ ގޮތަކަށް އޭނާގެ މުސްތަގުބަލާ ބެހޭ ނިންމުންތައް ވަރަށް އަވަހަށް ނިންމާނެ ކަމަށެވެ. މާނަ އަކީ އެރިކްސަން ދޫކޮށްލަން އެ ކްލަބުން ތައްޔާރަށް އޮތް ކަމެވެ.
އިންޓަ އިން ވަނީ އެރިކްސަން އަށް އެ ކްލަބަށް ކުޅެވޭނެ ގޮތެއް އޮތްތޯ ބަލަން ގިނަ ޓެސްޓްތަކެއް މިދިޔަ މަސްތަކުގެ ތެރޭގައި ހަދައިފަ އެވެ. އެކަމަކު، އެ ޓެސްޓްތަކުން އެނގުނީ އައިސީޑީ ނުލައްވައި އެރިކްސަން އަށް ދެން ނުކުޅެވޭނެ ކަމެވެ. އެހެންވެ، އިޓަލީގެ ފުޓްބޯޅަ ގަވާއިދުގެ ތެރެއިން ކުރިއަށްދާން ޖެހޭތީ އެރިކްސަން ދޫކޮށްލަން މަޖުބޫރުވީ އެވެ.
އައިސީޑީ ލައްވައިގެން ކުޅުމުގެ ފުރުސަތު ދޭ ޔޫރަޕްގައި ވަރުގަދަ އެއް ލީގަކީ ނެދަލެންޑްސްގެ ލީގެވެ. ނެދަލެންޑްސްގެ އަޔަކްސްގެ ތަރި ޑޭލީ ބްލިންޑް ވެސް ކުޅެމުން އަންނަނީ ހިތަށް ޕޭސްމޭކަރެއް ލައްވައިގެންނެވެ. އެރިކްސަން އަކީ ކުރިން އަޔަކްސް އަށް ކުޅުނު ކުޅުންތެރިއެކެވެ.
އަޔަކްސް ޔޫތު ޓީމާ 2008 ވަނަ އަހަރު ގުޅުނު އެރިކްސަން އެ ކްލަބްގެ ސީނިއާ ޓީމަށް ކުޅެން ފެށީ 2010 ވަނަ އަހަރު އެވެ. ތިން އަހަރު ސީނިއާ ޓީމަށް ކުޅުމަށް ފަހު އެރިކްސަން 2013 ވަނަ އަހަރު ޓޮޓެންހަމަށް ބަދަލުވީ 14 މިލިއަން ޑޮލަރަށެވެ.
އުމުރުން 29 އަހަރުގެ އެރިކްސަން އިންޓަ މިލާނަށް ބަދަލުވީ މިިދިޔަ އަހަރުގެ ޖެނުއަރީ މަހުގަ އެވެ. އިންޓަ އިން ވަނީ އެރިކްސަން ގަންނަން 20 މިލިއަން ޑޮލަރު ހޭދަކޮށްފަ އެވެ. އެރިކްސަން އަކީ މިދިޔަ ސީޒަނުގައި އިންޓަ އިން އިޓަލީގެ ޗެމްޕިއަންކަން ހޯދިއިރު، ސީޒަންގެ ފަހު މެޗުތަކުގައި މޮޅު ކުޅުމެއް ދައްކައި މުހިއްމު ގޯލުތަކެއް ޖެހި ކުޅުންތެރިއެކެވެ.












