ރާއްޖޭގެ އިގުތިސާދު ރަނގަޅުވެ ކުރިއަރައިގެންދާ ވަރަކަށް ޖީޑީޕީގެ ނިސްބަތުން ދަރަނި ދަށަށް ދާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
ފިޗް ރޭޓިންސްގައި ރާއްޖޭގެ ރޭޓިން މައްޗަށް ދިއުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި މިނިސްޓަރު ވަނީ ސަރުކާރުގެ ދަރަނީގެ ޝޯޓް-ޓާމް ލިކުއިޑިޓީ ރިސްކު ކުޑަކުރެވިފައިވާކަން ފާހަގަކުރައްވާފަ އެވެ.
ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ އިގުތިސާދު ސިންދަފާތުކޮށް ޓޫރިސްޓު ބެޑް ކެޕޭސިޓީ އިތުރުކުރުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އިގުތިސާދު ކުރިއެރުވޭނެ ފަދަ ބޮޑެތި މަޝްރޫއުތައް ކުރިއަށް ގެންދިއުމަކީ ސަރުކާރުގެ އަމާޒުކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.
މީގެ އިތުރުން ރަނގަޅު ފިސްކަލް ސްޓްރެޓެޖީއަކާ އެކު ފިސްކަލް ޑެފިސިޓްވެސް ކުޑަ ކުރެވޭނެ ކަމަށާއި ސަމާލުކަން ދޭނީ އިގުތިސާދު ރަނގަޅުކޮށް ކުރިއަރުވަން ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.
ފިޗުން ވަނީ ރާއްޖޭގެ އިގުތިސާދީ ހާލަތު މިހާރު "ސްޓޭބަލް" ވަމުން އަންނަ ކަމަށް ބުނެ ރާއްޖޭގެ ލޯންގް-ޓާމް ފޮރިންކަރަންސީ އިޝުއާ ޑިފޯލްޓު ރޭޓިން (އައިޑީއާރް) "ސީސީސީ" އިން "ބީ" އަށް ކުރިއަށް ޖައްސާފަ އެވެ.
ފިޗުން ލަފާކުރާ ގޮތުގައި ރާއްޖޭގެ ޖީޑީޕީގެ ނިސްބަތް މިއަހަރު 29.4 އިންސައްތަ އިތުރުވާނެ އެވެ. އަދި އަން އަހަރު ޖީޑީޕީ 10 އިންސައްތަ ކުރިއަރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.










