މިއަހަރުގެ ޑިސެމްބަރު މަހު އައްޑޫ ސިޓީގެ ހެރެތެރޭގައި ހިންގަމުންދާ ކެނަރީފް ރިސޯޓް މޯލްޑިވްސް ހުޅުވައި އޮޕަރޭޓްކުރަން ފަށާނެ ކަަމަށް ރިސޯޓުގެ މެނޭޖްމަންޓުން ބުނެފި އެވެ.
އައްޑޫ ސިޓީގެ ތިން ރިސޯޓުގެ ތެރެއިން ސައުތު ޕާމް ރިސޯޓް މޯލްޑިވްސް ވަނީ މިމަހު އޮޕަރޭޓްކުރަން ފަށާފަ އެވެ. ޑިސެމްބަރު މަހު ކެނަރީފް ރިސޯޓް އޮޕަރޭޓްކުރަން ފަށައިފި ނަމަ އަހަރު ނިމުމުގެ ކުރިން އައްޑޫގެ ތިން ރިސޯޓުގެ ތެރެއިން ދެ ރިސޯޓު ދާނީ އޮޕަރޭޓް ކުރަމުންނެވެ.
އައްޑޫ ސިޓީގައި ތަރައްގީކޮށްފައިވާ ތިން ވަނަ ރިސޯޓަކީ ޝަންގްރިއްލާސް ވިލިނގިލި ރިސޯޓް އެންޑް ސްޕާ އެވެ. މި ރިސޯޓް އަލުން ހުޅުވައި ހިންގަން ފެށޭނޭ ކަމަށް ލަފާކުރެވެނީ އަންނަ އަހަރުގެ ކުރީ ކޮޅުކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވަނީ ވިދާޅުވެފަ އެވެ.
އައްޑޫ ސިޓީ ކައުންސިލުން ވަނީ ކެނަރީފް ރިސޯޓަށް ގޮސް ރިސޯޓް ހުޅުވަން ކުރަމުންދާ މަސައްކަތްތައް ބަލައި ރިސޯޓުގެ މެނޭޖްމަންޓާ މަޝްވަރާކޮށްފަ އެވެ. މެނޭޖްމަންޓުން ވަނީ ޑިސެމްބަރު މަހު ރިސޯޓް ހުޅުވާނެ ކަމުގެ ޔަގީންކަން އައްޑޫ ސިޓީ ކައުންސިލަށް ދީފަ އެވެ.
އެއާއެކު ރިސޯޓް ހުޅުވަން ބޭނުންވާ މުވައްޒަފުން ހޯދުމަށާއި އަވަހަށް އޮޕަރޭޝަނަށް ގެނައުމަށް ބޭނުންވާ އެހީތެެރިކަން ކައުންސިލުން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން މޭޔަރު އަލީ ނިޒާރު ދެއްވި އެވެ.
ކޮވިޑް-19ގެ ސަބަބުން އައްޑޫ ސިޓީގެ ރިސޯޓުތައް ބަންދުކުރުމާ އެކު ވަރަށް ގިނަ އަދަދެއްގެ މީހުންގެ ވަޒީފާތައް ގެއްލުނެވެ. ޓޫރިޒަމް އަލުން ހިނގައިގަންނަން ފެށުމާއެކު ރިސޯޓުތައް އަލުން ހުޅުވުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ރިސޯޓުތަކުގެ މެނޭޖްމަންޓްތަކާއެކު މަސައްކަތްކުރަން ފަށާފަ އެވެ.










