ލީޑްސް (އޮކްޓޫބަރު 27) - ލީޑްސް ޔުނައިޓެޑްގެ ސްޓާފުން ފިޓްކޮށް ބެހެއްޓުމުގެ ބޭނުމުގައި އެ ޓީމުގެ ކޯޗު މާސެލޯ ބިއެލްސާ އެ ކްލަބްގެ ސްޓާފުންނަށް ޖިމެއް ހަދިޔާކޮށްފި އެވެ.
އާޖެންޓީނާ އަށް އުފަން އުމުރުން 66 އަހަރުގެ ބިއެލްސާ ވަނީ ލީޑްސްގެ ސްޓޭޑިއަމް އެލަންޑް ރޯޑުގައި ކްލަބްގެ ސްޓާފުންނަށް ހާއްސަ ޖިމެއް ހެދުމަށް 200،000 ޑޮލަރު ހަދިޔާކޮށްފަ އެވެ. މި ޖިމް ޑިޒައިން ކޮށްފައިވަނީ ބިއެލްސާގެ އަންހެނުންނެވެ. ބިއެލްސާގެ އަންހެނުންނަކީ އޭކިޓެކްޓެކެވެ.
ކްލަބްގެ ސްޓާފުންނަށް ޖިމެއް ދޭން ބިއެލްސާ ނިންމާފައިވާތީ ލީޑްސްގެ ވެރިޔާ އިޓަލީގެ އަންދްރެއާ ރަޑްރިޒާނީ ވަނީ ކްލަބްގެ ބޯޑުން ފާސް ކޮށްގެން ކްލަބްގެ ހަރަދުގައި އެކަން ކުރަން ހުށަހަޅައިފަ އެވެ.
އެކަމަކު، ބިއެލްސާ އެ ގޮތަށް ބޭނުމެއް ނުވި އެވެ. ބިއެލްސާ ބޭނުންވީ އެންމެ ފުރަތަމަ އޭނާ ނިންމި ގޮތަށް އަމިއްލަ ޖީބުން ހަރަދު ކޮށްގެން އެ ޖިމް ހެދުމަށެވެ. އެއީ އޭނާ ކްލަބަށް ކޮށްދޭ ކަމެއްގެ ގޮތުގައި އެކަން ކުރަން ބޭނުންވާތީ އެވެ.
އާޖެންޓީނާ އާއި ޗިލީ ގައުމީ ޓީމުގެ އިތުރުން ސްޕެއިނުގެ އެތުލެޓިކް ބިލްބާއޯ އާއި ފްރާންސްގެ މާސޭ އަށް ކޯޗުކޮށްދިން ބިއެލްސާ ލީޑްސްގެ ކޯޗުކަމަށް ގެނައީ 2018 ވަނަ އަހަރުގެ ޖޫން މަހު އެވެ. ބިއެލްސާ ގެނައި އެންމެ ބޮޑު ބޭނުމަކީ އިނގިރޭސި އެއް ވަނަ ޑިވިޝަނަށް އަލުން ޕްރޮމޯޓްވާން ލީޑްސް އިން ޒަމާނުއްސުރެ ކުރަމުން އައި މަސައްކަތަށް ކުރިއެރުން ހޯދުމަށެވެ.
ލީޑްސް ޔުނައިޓެޑް، 16 އަހަރަށް ފަހު މިދިޔަ އަހަރުގެ އިނގިރޭސި ޕްރިމިއާ ލީގަށް ކޮލިފައި ކޮށްދިނުމުގެ އެންމެ ބޮޑު ކްރެޑިޓެއް ހައްގުވަނީ ބިއެލްސާ އަށް ކަމަށް އެ ކްލަބުގެ ގިނަ ސަޕޯޓަރުން ގަބޫލުކުރެ އެވެ.
ބިއެލްސާ ކޮންމެ އަހަރަކު ވެސް ލީޑްސްގެ ކޮންޓްރެކްޓް އާ ކުރަނީ އެއް އަހަރަށެވެ. އެއީ ވީހާވެސް ބޮޑަށް ކްލަބްގެ ކަންތައްތައް އެއް އަހަރުން އަނެއް އަހަރަށް ރަނގަޅު ކުރެވުމުގެ ޔަގީންކަމާ އެކު އެ ކްލަބް ގޮވައިގެން ކުރިއަށް ދިއުމަށެވެ. މިދިޔަ ސީޒަނުގައި ލީޑްސްގެ ފަރާތުން ފެނުނު ރަނގަޅު ކުޅުން އަދި މި ސީޒަނުގެ މެޗުތަކުގައި ނުފެނެ އެވެ.












