ދިރިއުޅުމަށްޓަކައި ކުއްޔަށް ދޫކުރާ ގޯތިގެދޮރު ފަދަ ތަންތަން ރަޖިސްޓްރީ ކުރަން ލާޒިމުވާ ގޮތަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ގެދޮރު ކުއްޔަށް ދިނުމުގައި، ކުއްޔަށް ހިފާ ފަރާތާއި ކުއްޔަށްދޭ ފަރާތުގެ އެންމެހައި ހައްގުތައް ބަޔާންކޮށް ގޯތި ގެދޮރު ކުއްޔަށް ދިނުމާ ބެހޭ ބިލު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ މުލަކު ދާއިރާގެ މެންބަރު އިބްރާހިމް ނަސީރެވެ.
އެ ބިލުގައިވާ ގޮތުން ރާއްޖޭގެ އެއްވެސް ތަނެއް ދިރިއުޅުމަށްޓަކައި ހަ މަސް ދުވަހަށްވުރެ ދިގު މުއްދަތަކަށް ދިރިއުޅުމަށްޓަކައި ކުއްޔަށް ދޭން ވާނީ، ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތިން ދެ ފަރާތުގެ ދެމެދުގައިވާ ކުއްޔަށް ދިނުމުގެ އެއްބަސްވުން ރަޖިސްޓްރީ ކުރުމަށް ފަހުގަ އެވެ.
އެ ގޮތުން ކުއްޔަށް ދިނުމުގެ އެއްބަސްވުން ރަޖިސްޓްރީ ކުރުމަށްޓަކައި ސިޓީއެއްގައި ނަމަ ސިޓީ ކައުންސިލަށް ނުވަތަ ރަށެއްގައި ނަމަ ރަށު ކައުންސިލަށް އެއްބަސްވުމުގެ ތިން އަސްލު ހުށަހަޅަން ޖެހޭއިރު، ހަތް ދުވަހުގެ ތެރޭގައި އެ އެއްބަސްވުން ރަޖިސްޓްރީކޮށްދޭންޖެހެ އެވެ.
އެ ބިލުގައި ދިރިއުޅުމަށްޓަކައި އެއްވެސް ތަނެއް ކުއްޔަށް ދޫކުރެވޭނީ ކުއްޔަށް ދިނުމުގެ ހުއްދައަށް އެދި ސިޓީއެއްގައި ނަމަ ސިޓީ ކައުންސިލަށް އަދި ރަށެއްގައި ނަމަ ރަށު ކައުންސިލަށް ހުށަހަޅައި ހުއްދަ ދިނުމުންކަމަށް ވަނީ ބަޔާންކޮށްފަ އެވެ.

އެގޮތުން ހުއްދަ ދޫކުރާ ތަންތަނުގެ ދަފްތަރެއް އެކުލަވާލައި އެ ކައުންސިލަކުން އެ ދަފްތަރެއް ބަލަހައްޓަން ޖެހޭނެ އެވެ.
ތަންތަނުގެ އަސާސީ މިންގަނޑު
އެ ބިލުގައި ދެން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ކުއްޔަށް ދޫކުރާ ތަންތަނުގައި ހުންނަން ޖެހޭ އަސާސީ މިންގަނޑުތައް ބަޔާންކޮށްފައިވުމެވެ.
އެ ގޮތުން ކުއްޔަށްދޭ ތަންތަނުގައި ނިދުމާއި ކެއިން ބުއިމުގެ ވަސީލަތްތަކުގެ އިތުރުން ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ހިދުމަތް ލިބުމުގެ ވަސީލަތްތައް ކަމާ ގުޅޭ އިދާރާތަކުން ކަނޑައަޅާފައިވާ މިންގަނޑަށް ގާއިމު ވެފައި ހުންނަންޖެހޭނެ ކަމަށް ބިލުގައި ބުނެފައި ވެ އެވެ.
ކުއްޔަށްދޭ ތަންތަނަކީ އިމާރާތް ކުރުމުގެ ގާނޫނުގައި ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެތޭ އިމާރާތަކަށް ވާން ޖެހޭނެ ކަމަށް ބިލުގައި ބުނާއިރު، އެފަދަ ތަނަކީ އިމާރާތެއްގެ ބައެއްނަމަ އިމާރާތުގެ އެހެން ބައެއް ބޭނުން ކުރުމެއް ނެތި އަދި އުނދަގޫ ކަމެއް ނެތި އެ ތަނަށް ވަކިން ވަދެ ނުކުމެވޭނެ އިންތިޒާމް ހަމަޖެހިފައި އޮންނަންޖެހެ އެވެ.
މީގެ އިތުރުން، ކުއްޔަށް ދޭ ތަނުގެ އަކަފޫޓުގެ ނިސްބަތުން ގިންތިކުރެވި ބޮޑުކުޑަ މިނަށް ބަލައި އެ ތަނެއްގައި އެންމެ ގިނައިން ދިރިއުޅެވޭނެ މީހުންގެ އަދަދެއް ކަނޑައަޅާފައި އޮންނަން ވާނެ ކަމަށް ވަނީ ބަޔާންކޮށްފަ އެވެ.
އެ ބިލު މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކޮށްފައިވަނީ އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 46 މެމްބަރުންގެ އިއްތިފާގުންނެވެ.













