ދައުލަތުގެ ވިޔަފާރި ތަނެއްގައި ހިމެނޭ ހިއްސާ ވިއްކޭނެގޮތް ބަޔާންކޮށް ސަރުކާރު ހިއްސާވާ ކުންފުނިތަކުން ހިއްސާ ވިއްކާނެފަރާތްތައް ކަނޑައެޅުމަށްޓަކައި ގެންގުޅެންޖެހޭ އުސޫލުތައް ބަޔާންކުރާ ގަވައިދު އާންމުކޮށްފި އެވެ.
ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ގާނޫނުގެ ދަށުން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އެކުލަވައިލައިފައިވާ މިގަވާއިދަށް މިހާރު ވަނީ އަމަލުކުރަން ފަށައިފަ އެވެ.
މި ގަވައިދުގައި ވަނީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓާކޮށް އިވެލުއޭޓްކުރުމުގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތީން، ސަރުކާރު ހިއްސާވާ ކުންފުނިތަކުން ހިއްސާ ވިއްކާނެ ފަރާތްތައް ކަނޑައެޅުމުގައި ގެންގުޅެންޖެހޭ އުސޫލުތައް ބަޔާންކޮށްފަ އެވެ.
އެގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިއްސާ އާންމުކޮށް ވިއްކޭނެ އެވެ. ވާދަވެރި ބީލަމެއްގެ ތެރެއިން ހިއްސާ ވިއްކުމުގެ ފުރުސަތު މި ގަވައިދުން ދީފައިވާއިރު، ވަކި ފަރާތަކާއެކު ވެވޭ ވިޔަފާރީގެ އެއްބަސްވުމެއް ދަށުން، ސަރުކާރުގެ ހިއްސާ އެއްކޮށް ނުވަތަ އެއިން ބައެއް އެ ފަރާތަކަށް ވިއްކޭނެ ކަމަށް ގަވައިދުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން ދައުލަތުގެ ކުންފުންޏެއްގައި ސަރުކާރުގެ ހިއްސާ ހުރި މިންވަރަށްވުރެ އިތުރަށް ހިއްސާ އުފައްދައި، އެ ހިއްސާ އެއްކޮށް، ނުވަތަ އެއިން ބައެއް ވިއްކޭނެ ކަމަށްވެސް ގަވައިދުގައި ވަނީ ބުނެފަ އެވެ. އަދި ކުންފުންޏެއް ހިންގަންތިބި މީހުންނަށް ނުވަތަ ކުންފުނީގެ މުވައްޒަފުންގެ މެދުގައި އުފެއްދޭ އެމްޕްލޯއީ ބެނެފިޓްސް ސްކީމެއް ފަދަ އިންތިޒާމުތަކުގެ ތެރެއިން މުވައްޒަފުންނަށް ހިއްސާ ވިއްކުމުގެ ފުރަސަތުވެސް ވަނީ މި ގަވާއިދުން ފަހިކޮށްދެ އެވެ.
އާންމުކޮށްފައިވާ ގަވައިދުގައި ބުނެފައިވާ ގޮތުން، އެ ގަވާއިދުގައި ކަނޑައަޅާފައި ގޮތް ނޫން ގޮތަކަށް ހިއްސާ ވިއްކޭނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ނިންމައި، ރައީސުލްޖުމްހޫރިއްޔާ ހުއްދަކުރާ، އުސޫލެއްގެ ދަށުންނެވެ.
އެހެން އެއްވެސް ގާނޫނަކުން ނުވަތަ ގަވައިދަކުން މަނާ ނުކުރާނަމަ ގާނޫނާ އެއްގަތަށް ހިއްސާ ގަންނަން އެދޭ ކޮންމެ ފަރާތަކަށް ހިއްސާ ވިއްކެ އެވެ. ވާދަވެރި ބީލަމެއްގެ ތެރެއިން ހިއްސާ ވިއްކޭނަމަ ބީލަމުގެ ކަންތައް ކުރިއަށްގެންދަން ޖެހެނީ ބީލަމަށް ހުޅުވާލުމާއި، ދިރާސާކުރުމާއި، ޕްރީ-ކޮލިފައި ކުރުމާއި، ރަޖިސްޓަރީ ކުރުމާއި، ނެގޯޝިއޭޓް ކުރުމާއި ބީލަން ހޮވާނެ ގޮތުގެ އުސޫލުތައް ބަޔާންކުރާ ގަވާއިދާ އެއްގޮތަށެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުން ހިއްސާ ވިއްކާނެފަރާތްތައް ކަނޑައެޅުމަށްޓަކައި ގެންގުޅެންޖެހޭ އުސޫލުތައް ބަޔާންކުރާ ގަވައިދެއް އާންމުކޮށް އަމަލުކުރަން ފަށާފައި މިވަނީ ދައުލަތުގެ ވިޔަފާރި ތަނެއްގައި ހިމެނޭ ސަރުކާރުގެ ހިއްސާ ވިއްކައިލުމުގައި، އާންމު މަސްލަހަތަށް ބަލައި، ދައުލަތަށް އެންމެ ފައިދާހުރި ގޮތަކަށް ހިއްސާ ވިއްކުމަށެވެ.
ހިއްސާ ގަންނަން އެދޭ ފަރާތްތަކުގެ މެދުގައި ހަމަހަމަކަމާއެކު ހާމަކަން ބޮޑު ގޮތެއްގައި ހިއްކާ ވިއްކައި އެންމެ އެކަށީގެންވާ ފަރާތަށް އެ ފުރުސަތު ދިނުމަކީވެސް މި ގަވައިދުގެ މަގުސަދެކެވެ.











