މިލާން (އޮކްޓޫބަރު 25) - އިޓާލިއަން ލީގުގައި ރޭ ފަހު ވަގުތު ޕައޮލޯ ޑިބާލާ ވައްދާލި ޕެނަލްޓީން އިންޓަ މިލާނާ 1-1 އިން އެއްވަރުކޮށް، ޔުވެންޓަސް ބަލިނުވެ ސަލާމަތްވެއްޖެ އެވެ.
ރޭ ނަޕޯލީން ވަނީ ރޯމާއާ ލަނޑެއް ނުޖެހި އެއްވަރުވި ނަމަވެސް ލީގުގެ އެއް ވަނަ އަށް ޖެހިލައިފަ އެވެ. އެއް ވަނައިގައި އޮތް ނަޕޯލީ އާއި ދެ ވަނައިގައި އޮތް އޭސީ މިލާނަށް ވަނި ނުވަ މެޗުން 25 ޕޮއިންޓް ލިބިފަ އެވެ. އެންމެ ފަހުގެ ޗެމްޕިއަން އިންޓަ ތިނެއްގައި އޮތީ ނުވަ މެޗުން 18 ޕޮއިންޓާ އެކު އެވެ. އަދި ޔުވެންޓަސް ރޭގެ ޕޮއިންޓާ އެކު ނުވަ މެޗުން 15 ޕޮއިންޓް ހަމަކޮށް އޮތީ ލީގުގެ ހަ ވަނައިގަ އެވެ.
މިލާންގެ ސަން ސީރޯ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ފަށައިގެން ޔުވެންޓަސްގެ ފޯވާޑް އަލްވާރޯ މޮރާޓާ ޖެހި ބާރު ބޯޅައެއް އިންޓަގެ ކީޕަރު ސާމިރް ހަންޑަނޯވިޗް ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން ހުއާން ކުއަޑްރާޑޯ ޖެހި ބޯޅައެއް ދިޔައީ ދަނޑި ކައިިރިންނެވެ.
އިންޓަ އިން ލީޑުނެގީ މެޗުގެ 17 ވަނަ މިނިޓްގައި އެޑިން ޒެކޯ ޖެހި ގޯލުންނެވެ. އޭރިއާބޭރުން އިންޓަގެ ހަކަން ޗަނޮނޮގްލޫ ޖެހި ޝޮޓް ގޯލުގެ ދަނޑީގައި ޖެހިފައި ލިބުނީ ޒެކޯ އަށެވެ. މި ވަގުތު ރަނގަޅު ފޯމެއްގައި ހުރި ޒެކޯ ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.
ދެ ވަނަ ހާފް ފެށިގެން ޔުވެންޓަސް އިން ނަތީޖާ ހަމަހަމަ ކުރަން އެޓޭކް ކުރަމުން ދިޔަ އެވެ. ޑިބާލާ ފޮނުވާލި ހިލޭޖެހުމެއް ކީޕަރު ހަންޑަނޯވިޗް ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން ވެސް ޔުވެންޓަަސް އިން ދިޔައީ ނަތީޖާ ހަމަހަމަ ކުރަން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ޔުވެންޓަސް އިން އެއްވަރުކުރީ 89 ވަަނަ މިނިޓްގައި ޑިބާލާ ވައްދާލި ޕެނަލްޓީންނެވެ. މިއީ އިންޓަގެ ފުލްބެކް ޑެންޒެލް ޑަމްފްރީސް އޭރިއާތެރެއިން ޔުވެންޓަސްގެ އަލެކްސް ސަންޑްރޯ އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ. ޕެނަލްޓީ ދޭން ނިންމީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ އެހީ ހޯދުމަށް ފަހު އެވެ.
ޕެނަލްޓީ ދޭން ނިންމި ނިންމުމާ މެދު ހިތްހަމަނުޖެހުން ފާޅުކުރި ގޮތުން އިންްޓަގެ ކޯޗު ސިމޯން އިންޒާގީ އަށް ރަތް ކާޑެއް ދެއްކި އެވެ.












