ބާސެލޯނާ (އޮކްޓޫބަރު 24) - ސްޕެނިޝް ލީގުގައި މިރޭ ބާސެލޯނާ ދަނޑުގައި 2-1 އިން މޮޅުވެ، ރެއާލް މެޑްރިޑުން ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.
ލީގުގެ އެއް ވަނައިގައި އޮތް ރެއާލާއި ދެ ވަނައިގައި އޮތް ސެވިއްޔާ އަދި ތިން ވަނައިގައި އޮތް ރެއާލް ސޮސިއެޑާޑަށް ވަނީ ނުވަ މެޗުން 20 ޕޮއިންޓް ލިބިފަ އެވެ. ސެވިއްޔާ ވަނީ މިރޭ ކުޅުނު މެޗުން އަމިއްލަ ދަނޑުގައި ލެވަންޓޭ އަތުން 5-3 އިން މޮޅުވެފަ އެވެ. އެންމެ ފަހުގެ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑް އަތުން ސޮސިއެޑާޑް ބަލިނުވެ ފަރުޖައްސާލައިގެން އަލުން އެއް ވަނަ އަށް އެރޭނެ އެވެ.
މިރޭގެ މެޗަކީ ފާއިތުވި 17 ވަރަކަށް އަހަރު ތެރޭ ބާސެލޯނާގެ ލިއޮނަލް މެސީ އާއި ރެއާލްގެ ސާޖިއޯ ރާމޯސް އާއި ކްރިސްޓިއާނޯ ރޮނާލްޑޯ ފަދަ ތަރިން ނެތި ކުޅުނު ފުރަތަމަ އެލް ކްލަސިކޯ މެޗެވެ. އެންމެ ފަހުން މި ކުޅުންތެރިން ނެތި ކްލަސިކޯ މެޗެއް ކުޅުނީ 2004 ވަނަ އަހަރު އެވެ.
ބާސެލޯނާ ދަނޑުގައި 80،000 އަށް ވުރެ ގިނަ މީހުން ކުރިމަތީގައި ކުޅުނު މިރޭގެ މެޗު ފަށައިގެން ފުރަތަމަ މިނިޓުން ފެށިގެން ބާސެލޯނާ އިން ދިޔައީ ރެއާލް ހާފުގެ ތެރޭގައި ބޯޅަ ހިފަހައްޓައިގެން ކުޅެވޭތޯ މަސައްކަތް ކުރަމުންނެވެ. މެޗުގެ 24 ވަނަ މިނިޓްގައި ބާސެލޯނާ އަށް ވަނީ ލީޑުނަގަން ރަނުގެ ފުރުސަތެއް ލިބިފަ އެވެ. ބާސެލޯނާގެ މެމްފިސް ޑިޕާއި އުފެއްދި ކައުންޓަ އެޓޭކެއްގައި އޭރިއާ ތެރެއިން އެ ޓީމުގެ ފުލްބެކް ސާޖީނިއޯ ޑެސްޓަށް މުޅިން ހުސްކޮށް ލިބުނު ފުރުސަތަކުން އޭނާ ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑި މަތިންނެވެ.
ރެއާލުން ލީޑުނެގީ މެޗުގެ 32 ވަނަ މިނިޓްގަ އެވެ. ބާސެލޯނާ އަށް ލިބުނު ކޯނަރެއްގައި ރެއާލުން އުފެއްދި ކައުންޓަ އެޓޭކެއްގައި މި ގޯލު ޖެހީ ޑިފެންޑަރަކަށް ކުޅެމުންދިޔަ ޑޭވިޑް އަލަބާ އެވެ. މިއީ މި ސީޒަން ފެށުމުގެ ކުރިން ބަޔާން މިއުނިކުން ހިލޭ ޓްރާންސްފާއެއްގައި ރެއާލަށް ބަދަލުވި އަލަބާގެ ފުރަތަމަ އެލް ކްލަސިކޯ މެޗެވެ. ރޮޑްރީގޯ ދިން ބޯޅައެއް ކޮންޓްރޯލް ކޮށްލުމަށް ފަހު އަލަބާ ވަނީ ގޯލުގެ ދުރު ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.

ރެއާލްގެ ވިނީޝިއުސް (ކ) ކައިރިން ބޯޅަ ހޯދަން ބާސެލޯނާގެ ފާޓީ މަސައްކަތް ކުރަނީ.-- ފޮޓޯ: އޭއެފްޕީ
އަލަބާ އަކީ މިދިޔަ ވިއްސަކަށް އަހަރު ތެރޭ ކްލަސިކޯގައި އަލަށް ކުޅެ ރެއާލަށް ގޯލު ޖަހައިދިން ފަސް ވަނަ ކުޅުންތެރިޔާ އެވެ. މީގެ ކުރިން ރެއާލަށް ކްލަސިކޯގެ ފުރަތަމަ ފެނިލުމުގައި ގޯލު ޖެހީ ލުއިޒް ރޮނާލްޑޯ، ރޫޑް ވެން ނިސްޓެލްރޫއި، ރަފައެލް ވަރާން އަދި ޖެސޭ ރޮޑްރިގޭޒް އެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ބާސެލޯނާ އަށް ނަތީޖާ ހަމަހަމަކޮށްދޭން އަންސޫ ފާޓީ އާއި ޖެރާޑް ޕީކޭ އަށް ރަނުގެ ދެ ފުރުސަތެއް ލިބިގެންދިޔަ އެވެ. ޖޯޑީ އަލްބާ ދިން ބޯޅައަކުން އޭރިއާތެރެއިން ފާޓީ ޖެހި ޝޮޓް ވަނީ ބްލޮކްވެފަ އެވެ. ކޯނަރެއްގައި ޑިޕާއި ނެގި ހުރަހަކުން ޕީކޭ ބޮލުން ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ.
ބާސެލޯނާ އިން ދެ ވަނަ ހާފަށް ނުކުތީ ޒުވާން ޑިފެންޑަރު އޮސްކާ މިންގޭޒާގެ ބަދަލުގައި ފިލިއްޕޭ ކުޓީނިއޯ އަރުވައިގެންނެވެ. މި ހާފް ފެށިގެން ފުރަތަމަ ފަސް މިނިޓް ތެރޭ ކުޓީނިއޯ ޖެހި ބޯޅައެއް ބްލޮކްވިއިރު، ފާޓީ ޖެހި ޝޮޓެއް ވަނީ ރެއާލްގެ ކީޕަރު ތިބައު ކޯޓުއާ މަތަކޮށްފަ އެވެ.
ރެއާލުން ދެ ވަނަ ގޯލު ޖެހީ މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަތް މިނިޓްގެ ތެރެއިން ތިން ވަނަ މިނިޓްގަ އެވެ. މާކޯ އަސެންސިއޯ ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ ޖެހި ޝޮޓެއް ބާސެލޯނާގެ ކީީޕަރު ޓާ ސްޓެގެން އަތުގައި ޖެހިފައި ނުކުތް ވަގުތު ލޫކަސް ވަޒްކޭޒް ވަނީ ވެއްޓިގެންފައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.
އިތުރު ވަގުތުގެ ފަހު މިނިޓްގައި ބާސެލޯނާގެ ގޯލު ޖެހީ ސާޖިއޯ އަގުއޭރޯ އެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އަގުއޭރޯ މި ގޯލު ޖެހީ ޑެސްޓް ނެގި ހުރަހަކުންނެވެ. މިއީ ހިލޭ ޓްރާންސްފާއެއްގައި މެންޗެސްޓާ ސިޓީ ދޫކޮށް ބާސެލޯނާ އަށް ބަދަލުވި އަގުއޭރޯ އެ ޓީމަށް ޖަހައިދިން ފުރަތަމަ ގޯލެވެ.
މި މެޗުގައި ބާސެލޯނާ އިން ގޯލާ އަމާޒުކޮށް ތިން ޝޮޓެއް ފޮނުވާލިއިރު، މިއީ ކްލަސިކޯއެއްގައި މިދިޔަ 10 އަހަރު ތެރޭ އަމިއްލަ ދަނޑުގައި ބާސެލޯނާގެ އެންމެ ދަށް ރެކޯޑެވެ. އަދި ރޮނާލްޑް ކޫމަންގެ ކޯޗުކަމުގައި ބާސެލޯނާ ކުޅުނު ތިން ކްލަސިކޯ އިން ވެސް ބަލިވިއިރު، މިއީ 1940 ވަނަ އަހަރަށް ފަހު ބާސެލޯނާ ޖެހިޖެހިގެން ތިން ކްލަސިކޯގައި ބަލިވި ފުރަތަމަ ފަހަރެވެ.












