ޖަލަށް ހުކުމެއްކޮށްފައި ހުރި ގައިދީއަކު ބަލިވެގެން އާއިލާއާ ހަވާލުކުރިފަހުން މަރުވެއްޖެ އެވެ.
އެއީ ގދ. ގައްދޫއަށް ނިސްބަތްވާ އުމުރުން 47 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން ބުނީ ހުކުމް ތަންފީޒު ކުރުމަށް ކަރެކްޝަނަލް ސާވިސް އާއި ހަވާލު ކުރުމަށް މި މަހުގެ 14 ވަނަ ދުވަހު ތިނަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް ގެނައި ކަމަށެވެ.
އަދި 18 ވަނަ ދުވަހު އޭނާ ބަލިވުމުން ތިނަދޫ އަބްދުލްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދޭން ފެށުނު ކަމަށާއި އޭނާގެ ބަލިހާލަތު ހުރިގޮތުން މި މަހުގެ 21 ވަނަ ދުވަހު އާއިލާ އާއި އެމީހާ ހަވާލު ކުރި ކަމަށެވެ.
އެކަމާ ގުޅިގެން ތިނަދޫ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަން "އަދަދު"އަށް ވިދާޅުވީ އެ މީހާ މަރުވީ ރޭގެ ވަގުތެއްގައި ކަމަށެވެ. އަދި އޭނާ މަރުވީ ކާޑިއެކް އެރެސްޓެއްގެ ސަބަބުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވަ އެވެ.













