ޔޫރަޕް ފުޓްބޯޅައިގެ ބޮޑު ރެޔެއް، ބޮޑު ހަތަރު ލީގުގެ ވަރުގަދަ ހަތަރު މެޗު!

Oct 24, 2021, 4:07 AM
ޔޫރަޕް ފުޓްބޯޅައިގެ ބޮޑު ރެޔެއް، ބޮޑު ހަތަރު ލީގުގެ ވަރުގަދަ ހަތަރު މެޗު!

ޔޫރަޕްގެ ފުޓްބޯޅައިގެ ބޮޑު ފަސް ލީގުގެ ތެރޭގައި ޔަގީނުން ވެސް އިނގިރޭސި ޕްރިމިއާ ލީގާއި ސްޕެނިޝް ލަލީގާ އާއި އިޓާލިއަން ލީގު އަދި ފްރެންޗް ލީގު ހިމެނެ އެވެ. މިރޭ މި ހަތަރު ލީގުގައި ވެސް ބޮޑު ހަތަރު މެޗެއް ކުޅޭނެ އެވެ. މިއީ ޔޫރަޕްގެ ކުޅިވަރު މީޑިއާތަކުންނާއި މުޅި ދުނިޔޭގެ ފުޓްބޯޅަ ސަޕޯޓަރުން ވެސް ހާއްސަ ސަމާލުކަމެއް ދޭނެ މެޗުތަކެކެވެ.

އިނގިރޭސި ޕްރިމިއާ ލީގު: މެންޗެސްޓާ ޔުނައިޓެޑް - ލިވަޕޫލް (ރާއްޖެ ގަޑިން: 20:30)

އިނގިރޭސި ފުޓްބޯޅައިގެ އެންމެ ކާމިޔާބު ދެ ޓީމަކީ މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލް އެވެ. ޔުނައިޓެޑުން 20 ފަހަރު ލީގު ޗެމްޕިއަންކަން ހޯދާފައިވާއިރު، ލިވަޕޫލުން ވަނީ 19 ފަހަރު ތަށި އުފުލާލައިފަ އެވެ. މި ދެ ޓީމުގެ ކުރިމަތިލުންތަކުގެ ތާރީހަށް ބަލާއިރު، އެންމެ ގިނަ މެޗުން މޮޅުވެފައިވަނީ ޔުނައިޓެޑެވެ. ޔުނައިޓެޑުން ވަނީ 81 މެޗުން މޮޅުވެފަ އެވެ. ލިވަޕޫލުން 68 މެޗު ކާމިޔާބު ކުރިއިރު، 58 މެޗު ނިމުނީ އެއްވަރުވެގެންނެވެ.

މި ވަގުތު ހާލަތަށް ބަލާއިރު، އެންމެ ފަހުން ލީގުގައި މި ދެ ޓީމު ކުޅުނު 10 މެޗުގެ ތެރެއިން ޔުނައިޓެޑް އެންމެ މެޗަކުން މޮޅުވިއިރު، ހަ މެޗެއް ނިމުނީ އެއްވަރުވެގެންނެވެ. ލީގުގައި އެންމެ ފަހުން ލިވަޕޫލުން ލީގުގައި ކުޅުނު 18 މެޗުން ބަލިވެފައިނުވެ އެވެ.

މިރޭގެ މެޗުގައި އެންމެ ބޮޑު ސަމާލުކަމެއް ހުއްޓޭނެ ދެ ކުޅުންތެރިންނަކީ ރަނގަޅު ފޯމެއްގައި ހުރި ލިވަޕޫލްގެ މުހައްމަދު ސަލާހާއި ޔުނައިޓެޑްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ޔުނައިޓެޑުން އެންމެ ފަހުން ކުޅުނު މެޗުތަކުގެ ނަތީޖާ ނުކުތް ގޮތުން ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ އަށް ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ. އަދި ސޯލްޝެއާގެ ކުރިމަގާ މެދު އުފެދިފައިވާ ސުވާލަށް ޖަވާބެއް ހޯދަން ބަލާއިރު، މި މެޗުގެ ނަތީޖާ މުހިއްމު ރޯލެއް ކުޅޭނެ ކަމަށް އިނގިރޭސި މީޑިއާތަކުން ރިޕޯޓްކުރެ އެވެ.

އެލް ކްލަސިކޯ: ބާސެލޯނާ - ރެއާލް މެޑްރިޑް (ރާއްޖެ ގަޑިން: 19:15)

މި ފަހަރުގެ އެލް ކްލަސިކޯ އަކީ މިދިޔަ 17 ވަރަކަށް އަހަރު ތެރޭ ފުރަތަމަ ފަހަރަށް ބާސެލޯނާގެ ލިއޮނަލް މެސީ އާއި ރެއާލްގެ ރޮނާލްޑޯ އާއި ސާޖިއޯ ރާމޯސް ނެތި ފެންނާނެ ފުރަތަމަ ކުރިމަތިލުމެވެ. މި ވަގުތަށް ބަލާއިރު، ރެއާލާއި ބާސެލޯނާ ވެސް އޮތީ އެންމެ ރަނގަޅު ފޯމުގައެއް ނޫނެވެ. މި ސީޒަނުގައި މި ދެ ޓީމަށް ވެސް ދިމާވަމުން އަންނަ މައްސަލަ އަކީ އެއް ފެންވަރެއްގައި ކުޅުން ދެމެހެއްޓުމަށް ދިމާވާ ގޮންޖެހުމެވެ.

ފުޓްބޯޅަ ތާރީހަށް ބަލާއިރު، އެންމެ ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓޭ މެޗަކީ އެލް ކްލަސިކޯ އެވެ. މި ފަހަރުގެ އެލް ކްލަސިކޯ މެޗަށް ނުކުންނައިރު، ތާރީހަށް ބަލާނަމަ ބުރަަވަނީ ހަނި ފަރަގަކުން ރެއާލް ކޮޅަށެވެ. އެއީ މި ދެ ޓީމުގެ ކުރިމަތިލުންތަކުގެ ތެރެއިން ރެއާލް 75 މެޗުން މޮޅުވެފައި ވާތީ އެވެ. ބާސެލޯނާ ވަނީ 72 މެޗު ކާމިޔާބުކޮށްފަ އެވެ. އަދި 32 މެޗު ނިމިފައިވަނީ އެއްވަރުވެގެންނެވެ.

ނެދަލެންޑްސްގެ ކޯޗު ރޮނާލްޑް ކޫމަންގެ ކޯޗުކަމުގައި ކުޅެމުން އަންނަ ބާސެލޯނާ އަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ ބޮޑެތި މެޗުތަކުގައި ނަތީޖާ ނުނެރެވުމެވެ. އެހެންވެ، މިރޭގެ ކްލަސިކޯ އަށް ނުކުންނައިރު ޕްރެޝަރު ބޮޑީ ކޫމަން އަށެވެ. ރެއާލްގެ ކެޕްޓަން ކަރިމް ބެންޒެމާ އާއި ބާސެލޯނާގެ ޒުވާން ތަރި އަންސޫ ފާޓީގެ މޮޅު ކުޅުން މިރޭ ފެންނާނެ ކަމަށް ދެ ޓީމުގެ ސަޕޯޓަރުން އުއްމީދުކުރާނެ އެވެ.

އިޓާލިއަން ލީގު: ޔުވެންޓަސް - އިންޓަ މިލާން (ރާއްޖެ ގަޑިން: 23:45)

އިޓާލިއަން ލީގުގެ މިދިޔަ 10 އަހަރަށް ބަލާއިރު ތަށި އުފުލާލުމުގެ ނަސީބު ލިބިފައިވަނީ ޔުވެންޓަސް އާއި އިންޓަ މިލާނަށެވެ. ޔުވެންޓަސް އިން ޖެހިޖެހިގެން ނުވަ އަހަރު ތަށި ހޯދާފައިވަނިކޮށް އެ ސިލްސިލާ އަށް ނިމުމެއް ގެނެސް އިންޓަ އިން ވަނީ މިދިޔަ ސީޒަނުގައި ލީގު ޗެމްޕިއަންކަން ހޯދައިފަ އެވެ.

މެސިމޯ އަލެގްރީ މި ސީޒަނުގައި އަލުން ޔުވެންޓަސްއާ ހަވާލުވެ، ލީގުގެ ފުރަތަމަ މެޗުތަކުގައި ކުރިމަތިލާން ޖެހުނީ އާދަޔާހިލާފަށް ދަށް ރެކޯޑަކާ އެވެ. ފުރަތަމަ މެޗުތަކަށް ފަހު ރެލިގޭޝަން ޒޯނުގައި އޮތް ޔުވެންޓަސް ވަނީ އެންމެ ފަހުން ލީގުގައި ކުޅުނު ހަތަރު މެޗުން މޮޅުވެ، އަލުން ރަނގަޅު ޓްރެކަށް އައިސްފަ އެވެ. ފަހަަކަށް އައިސް ނަތީޖާ ނެރުމުގައި ޔުވެންޓަސް އިން އަންނަނީ ކުރިއެރުން ހޯދަމުންނެވެ.

އިންޓަ އަށް މިދިޔަ ސީޒަނުގައި އިޓާލިއަން ލީގު ހޯދައިދިން ކޯޗު އެންޓޯނިއޯ ކޮންޓޭ، ސީޒަން ނިމުމުން އެ ޓީމު ދޫކޮށްލީ އެވެ. އިންޓަ އިން އެ ޓީމުގެ ކޯޗަކަށް ގެނައީ ލާޒިއޯގައި ހުރި ސިމޯން އިންޒާގީ އެވެ. އިންޓަގެ އެއް ވަނަ ފޯވާޑް ރޮމެލޫ ލުކާކޫ އެ ޓީމު ދޫކޮށްދިޔައިރު، ބަދަލުގައި އެ ޓީމުން ގެނައި ރޯމާގެ ބޮސްނިއާ ފޯވާޑް އެޑިން ޒެކޯ އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ.

ފްރެންޗް ލީގު: މާސޭ - ޕީއެސްޖީ (ރާއްޖެ ގަޑިން 23:45)

ޕީއެސްޖީ އާއި މާސޭ އަކީ ފްރާންސް ފުޓްބޯޅައިގެ އެންމެ ދުވަސްވީ ވާދަވެރިންނެވެ. މި ދެ ޓީމުން ވަނީ ޖުމްލަ އެއްކޮށް 40 ޑޮމެސްޓިކް ޓްރޮފީ ހޯދައިފަ އެވެ. ގަތަރުގެ މަހުޖަނު ނާސިރު އަލް ހެއްލާފީ ޕީއެސްޖީ ގަތުމަށް ފަހު މާސޭ އަށް ޕީއެސްޖީ ބަލިކުރުން އޮތީ އުނދަގޫވެފަ އެވެ. އެކަމަކު، މި ދެ ޓީމުގެ ކުރިމަތިލުންތައް ނިމެނީ ވަރަށް ފޯރިގަދަކޮށެވެ.

މި ފަހަރު ޕީއެސްޖީ އާއި މާސޭގެ ކުރިމަތިލުން އިތުރަށް ހާއްސަވާނެ އެވެ. އެއީ ޕީއެސްޖީން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހަ ފަހަރެއްގެ މަތިން ހޯދި ލިއޮނަލް މެސީ ގަނެފައިވާއިރު، އޭގެ އިތުރުން ވެސް މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ވަނީ ޕީއެސްޖީއާ ގުޅިފަ އެވެ. އޭގެ ތެރޭގައި ޔޫރޯގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އިޓަލީގެ ކީޕަރު ޖިއަންލުއީޖީ ޑޮންނަރުންމާ އާއި މޮރޮކޯގެ ފުލްބެކް އަޝްރަފް ހަކީމީ، ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޯސް އަދި ނެދަލެންޑްސްގެ ވައިސް ކެޕްޓަން ޖިއޮޖީނިއޯ ވައިނަލްޑަމް ހިމެނެ އެވެ.

ދި ކްލާސިކްގެ ނަމުން މަޝްހޫރުވެފައިވާ މި މެޗަށް ނުކުންނައިރު ޕީއެސްޖީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ވަނީ އޭނާގެ ޓީމަށް ޕްރެޝަރެއް ނެތް ކަމަށް ބުނެފަ އެވެ. އެކަމަކު، މާސޭގެ ކޯޗު ޖޯޖް ސަމްޕައޮލީ ބުނީ ހުރިހާ ތަރިން ލައިގެން ކުޅޭ ޓީމަކަށް އަބަދުވެސް ޕްރެޝަރު އޮންނާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox