ރާއްޖޭން މިއަދު ކޮވިޑަށް ޕޮޒިޓިވްވި 225 މީހުންގެ ތެރެގައި ކ. ގުރައިދޫން ގިނަ ކޭސްތަކެއް ރިޕޯޓުކޮށްފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާ އިރު، އިއްޔެ އިރުއޮއްސި ހަޔަކުން ފެށިގެން މިއަދު އިރުއޮއްސި ހަޔަކަށް ގުރައިދޫން 86 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.
މާލެ ސަރަހައްދުން ކޮވިޑަށް ޕޮޒިޓިވް ވެފައި ވަނީ 39 މީހުންނެވެ. މާލެ ފިޔަވައި ރާއްޖޭގެ ރަށްރަށުން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 152 މީހުންނެވެ. ގުރައިދޫގެ އިތުރުން އައްޑޫ ސިޓީން 17 މީހަކު އަދި ގއ. ވިލިނގިލިން 13 މީހަކު ޕޮޒިޓިވްވި އެވެ. މީގެ އިތުރުން ރިސޯޓުތަކުން 33 މީހުން ވަނީ މި ބައްޔަށް ޕޮޒިޓިވްވެފަ އެވެ.
ގުރައިދޫން ގިނަ އަދަދެއްގެ ބަޔަކު ބައްޔަށް ޕޮޒިޓިވް ވުމުން އެ ރަށް ވަނީ މޮނިޓަރިންއަށް ލާފަ އެވެ.

އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިހާރު ރާއްޖޭގައި ޖުމްލަ ޕޮޒިޓިވްވެފައިވަނީ 86،830 މީހުންނެވެ. އޭގެ ތެރެއިން 85،057 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ.
ރާއްޖޭން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 98 ޕަސެންޓު މީހުން ބަލިން ރަނގަޅުވެފައިވާއިރު، އޭގެ ތެރޭގައި ދެވަނަ ފަހަރަށް ކޮވިޑް ޖެހުނު މީހުންވެސް ހިމެނެ އެވެ.












