މާފު ކުރުމަކީ ޝައްކެއް ނެތި، އަމިއްލަ މުސްތަގުބަލު އިސްކުރުމެވެ. އެއީ، ޝަކުވާ އެއް ޝިކާޔަތެއް، އަދި ނުތަނަވަސްކަމެއް ނެތި ދިރިއުޅުމާއިގެން ކުރިއަށް ދިއުމަށް ޖާގަ ދިނުމެވެ. އެކަމަކު، ހިތްޗާއި ހިތާމަ އާއި ކަރުނަ އާއި އަނިޔާ ދިން މީހަކަށް މާފުކުރަން ފަސޭހަ ވާނެ ހެއްޔެވެ؟
ބައެއް މީހުންނަށް މިއީ އިންތިހާ އުނދަގޫ ކަމެކެވެ. ހިތަށް ދަތިކުރި ތަޖުރިބާއެއްގެ ހަނދާނުން މުޅިން އަރައިގަތުމާއި އަމުދުން ގާތް، ލޯބިވާ މީހަކު ދޭ ކެއްސާއި ޝަޒާ އަށް މާފުކުރުމާއި ހިތުގައި ޖެއްސި ދުވަސްތައް މާޒީ އަށް މުޅިން ދޫކޮށްލުން ދުލުން ބުނެލާހާ ފަސޭހައެއް ނުވާނެ އެވެ. އެކަމަކު، އެއީ ނުކުރެވޭނެ ކަމެއް ވެސް ނޫނެވެ.
ދެރަ ދީފައި ދާ މީހުންނާ މެދު ހިތުގައި ރުޅި އާއި ހިތްހަމަނުޖެހުން ބާއްވާނީތޯ، ނުވަތަ، ރަނގަޅު ގޮތަކީ، އެމީހަކު ކުރި ކަމެއް އެމީހަކަށް ދޫކޮށްލާފައި ތިމާ ހަމައެކަނި ތިމާގެ ދިރިއުޅުމާއި ވިސްނުމާއިގެން ކުރިއަށް ދިއުންތޯ، އެއީ އުފެދޭ ސުވާލެކެވެ. ސަބަބަކީ، ލޯބިވާ މީހަކު ކެހި ދިނުމަކީ ހިތާއި ދިރިއުޅުމުން ބައެއް ވީދި އުނިވެގެން ދާ ފަދަ އިހުސާސެއް މީހަކު ކޮށްފާނެ ކަމެކެވެ.
އެކަމަކު މާޒީ އިން ވީއްލިގެން ނޫނީ މުސްތަގުބަލާ ހަމައަށް ނުދެވޭނެ އެވެ. އެ ހުރި ހިސާބުން ކުރިއަށް ހިނގައިގަންނަން ބޭނުންވާނަމަ މާފުކުރުމަކީ މުހިއްމު ކަމެކެވެ. އެއީ ސާފު ހިތަކާއިގެން ނަފްސުގެ ހަމަޖެހުމާ އެކު ކުރިއަށް ހިނގައިގަންނަން ލިބޭނެ ބޮޑު ހިތްވަރެކެވެ.
މާފު ކުރުމަކީ ތިމާ އާއި އަނެކާ އަށް ވެސް އޭގެ ފައިދާ ކުރާނެ ކަމެކެވެ. އެއިން ދައްކައިދެނީ ނަފްސާނީ ގޮތުން އަމިއްލަ މީހާ ފުރާ ފުރިހަމަވެފައިވާ މިންވަރެވެ. އަދި އޭގެ ސަބަބުން ދެރަވުމެއް ނުވަތަ ރިގްރެޓް ކުރުމުމެއް ނެތި ދިރިއުޅުން ކުރިއަށް ގެންދިއުމަށް ހިތްވަރު ލިބެ އެވެ. އަދި މާފު ކުރުމުގެ ސަބަބުން ބައެއް ފަހަރު، ދެން ހުންނަ މީހާ އަށް އޭނާ ކުރީ ކިހާވަރެއްގެ ކަމެއް ކަން އިހުސާސްކުރެވި، އެ ފަދަ ކުށެއް ނުވަތަ އަމަލެއް ދެވަނަ ފަހަރަށް ނުކުރުމަށް ހިތްވަރު ލިބެ އެވެ.

އެހެންވީމަ މީހަކަށް މާފު ކުރާނީ ކިހިނަކުން ހެއްޔެވެ؟
އަމިއްލަ ނަފްސު ދެނެގަނެ، އިހުތިރާމް ކުރުން
މިއީ ފުރަތަމަ ފިޔަވަޅެވެ. ތިމާ އަށް، ތިމާ އަކީ ކާކު ކަން; އުފާ ލިބޭ ކަންތައްތަކާއި ހިތަށް ނުތަނަވަސްކަން ގެންނަ ކަންތައްތަކަކީ ކޮބައިކަން އެނގިގަތުމާއި، މީހަކަށް ތިމާ އާ މެދު ވަކި ގޮތަކަށް އަމަލުކުރުމަށް ޖާގަ ދެވޭނެ ހައްދާއި ހިސާބު ކަނޑައެޅުމެވެ. މިސާލަކަށް، ތިމާ އަށް ހައްގުވާ އިހުތިރާމާއި މިންވަރަކީ ކޮބައިކަން ދެނެ ހުރުމެވެ. އެހެން މީހުންގެ ފަރާތުން ދިރިއުޅުމަށް ގެންނަން ބޭނުންވަނީ ޕޮޒިޓިވް ނުވަތަ ނެގެޓިވް ނުފޫޒު ތޯ ކަނޑައެޅުމެވެ.
ތިމާ އަކީ އަގެއް ހުރި މީހެއް ކަން ގަބޫލުކުރެވޭ ހިސާބުން ދިރިއުޅުމަށް މުޅިން ވެސް އެދެވޭނީ "ޕޮޒިޓިވް އެނާޖީ" ލިބޭ ނުވަތަ ހިތްހަމަޖެހޭ ކަންކަމާއި މީހުންނެވެ. މި މިންވަރަށް ނަފްސު އެނގުމުން ހިތުގައި ޖައްސާ މީހުންނާއި، ދެރަކޮށް ކަންތައްތައް ކޮށްފައި ދާ މީހުންނަށް މާފު ކުރާނެ ހިތްވަރު ލިބޭނެ އެވެ. ނުވަތަ އެމީހުންނާ އެކު ދިރިއުޅުން ކުރިއަށް ގެންދާނެ ހިތްވަރު ލިބޭނެ އެވެ. އަދި އެފަދަ މީހަކު ދިރިއުޅުމުން ހިނގައްޖެ ނަމަ، އެކަން ވެސް ބަލައިގަނެ، ހަމަ އެކަނި އުފާވެރި ހަނދާންތަކާއި ތަޖުރިބާތަކަށް ފޯކަސް ކުރަން އެނގޭނެ އެވެ.
އެހެން މީހުންގެ އުނދަގޫތަކާއި އިހުސާސްތައް ބަލައިގަތުން
ބައެއް ފަހަރަށް، ލަނޑު ދޭ މީހުންނާއި، ހިތުގައި ޖައްސައި ނުވަތަ ދެރަ ދީފައިދާ މީހުން، އެ މީހުންގެ އަމިއްލަ ދިރިއުޅުމުގައި ހުންނަ އުނދަގޫ ކަމެއްގެ ސަބަބުން ވެސް އެފަދަ ގޮތްގޮތަށް ކަންތައްތައް ކުރެ އެވެ. އެކަހަލަ ފުރުސަަތެއް އޮތް މީހެއް ހުރި ނަމަ، އެމީހަކު އެކަން ކުރީ ކީއްވެ ކަން ދެނެގަންނަން މަސައްކަތް ކުރެވިދާނެ އެވެ. އެގޮތަށް އެޕްރޯޗް ކުރާ އިރު، ލޯތްބާއި އަޅާލުމާ އެކު ވާހަކަ ދައްކައި ޖަވާބު ހޯދަން މަސައްކަތް ކުރެވިދާނެ އެވެ.
މީހަކަށް މާފުކުރެވުމުން، ދެފަރާތުގައި އޮތް ހަމަނުޖެހުމުގެ ބޭރުން ތިމާ އަށް އެހީތެރިވާން ކުރެވޭނީ ކޮން ކަމެއްތޯ ވިސްނައި ސަޕޯޓް ދިނުމަށް ހިތް ހުޅުވާލެވެ އެވެ. މިފަދަ އަންޑަސްޓޭންޑިން އަކާ ހަމައަށް އާދެވިއްޖެ ނަމަ މިއީ ދެފަރާތަށް ވެސް ދުޅަހެޔޮ އާ ފެށުމަކަށް ވާނެ އެވެ.
ޕްރޮފެޝަނަލް އެހީ ހޯދުން
ދިރިއުޅުމުގައި ހިނގާ ކަންތައްތަކުގެ އަސަރުތަކުން ސިކުނޑި ބަރުވެ ހިތަށް އުނދަގޫ ވާން ފަށައިފި ނަމަ ވަށައިގެން ވާ ކަންކަން ވަކި ހަމައަކުން ކުރިއަށް ގެންދަން އުނދަގޫވާން ފަށާފާނެ އެވެ. މީހަކު ދޭ ދެރަ ބަރުދާސްތުކުރަން އުނދަގޫވެ، އޭގެ ސަބަބުން ދިރިއުޅުމަށް އަސަރުކުރަން ފަށައިފިނަމަ އެހީ ހޯދުން މުހިއްމުވެ އެވެ. ނަފްސާނީ ދުޅަހެޔޮ ކަމަށް ވާސިލްވުމަށް އަދިވެސް ދަތި އެބަހުއްޓެވެ. އެކަމަކު އެ ހުރިހާ ދައްޗަކާއި ތުރާލުގެ ތެރެއިން އަމިއްލަ ނަފްސު ސަލާމަތްކުރަން އިސްކަން ދިނުން މުހިއްމެވެ. އެކަމަށްޓަކައި ފެއަށް ޖައްސާލަން ޖެހޭ މީހަކު ހުރިނަމަ، އެމީހަކާ ވެސް ދުރުވެލާށެވެ. ލޯބި، ފެށޭނީ ތިމާ އާ ހަމައިންނެވެ. އެހެން މީހުންނަށް ތިމާގެ ފުށުން ލޯބި ދެވޭނީ އޭރުންނެވެ.










