އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގައި 37،104،000ރ. ގެ އަށް ޕްރޮޖެކްޓެއް ހިންގުމަށްޓަކައި އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
މިއަދު ސޮއި ކުރީ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އެޗްއައިސީޑީޕީ) ގެ ދަށުން އެކި އިދާރާތައް މެދުވެރިކޮށް ހިންގަން ހަމަޖެހިފައިވާ އަށް ޕްރޮޖެކްޓެއްގެ އެމްއޯޔޫގަ އެވެ. އެ އެމްއޯޔޫތަކުގެ ދަށުން ހިންގާ ޕްރޮޖެކްޓްތަކުގެ ޖުމްލަ އަގަކީ 2.4 މިލިޔަން ޑޮލަރު ނުވަތަ 37،104،000ރ. އެވެ.
މި އެމްއޯޔޫތަކުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓާ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް އަހުމަދު ހަލީލެވެ. އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު އެވެ.
އިންޑިއާގެ އެހީގައި ކުރިޔަށް ގެންދާ 8 މަޝްރޫއު:
- އޮލިމްޕަސް ތިއޭޓަރު މަރާމާތުކޮށް ފެންވަރު ރަނގަޅުކުރުން
- އއ. ދަނގެތީ ކަލްޗަރަލް ސެންޓަރުގެ އިމާރާތް އެޅުން
- ނ. މިލަަދޫގައި މަލްޓިޕާޕާސް ކައުންސިލް އިމާރާތް އެޅުން
- ލ. މާބައިދޫ ގައި އައިސް ޕްލާންޓެއް އެޅުން
- ތ. ތިމަރަފުށީގައި މަގުބައްތި ޖެހުން
- ހއ. ދިއްދޫ، ލ.ގަން އަދި ގދ. ތިނަދޫ ސްކޫލްގެ އިންކްލޫސިވް އެޑިއުކޭޝަން ޔުނިޓް ހަރުދަނާކުރުން
- ތ. ވޭމަންޑޫގައި މަގު ބައްތި ޖެހުން
- ދެ ސީއެމްބިއުލާންސް ގަތުން
ފޮރިން މިނިސްޓްރީން ބުނި ގޮތުގައި މި މަސައްކަތްތަކާއި އެހެން ބައެއް މަސައްކަތްތަަކަށް 85 މިލިޔަން ރުފިޔާގެ ހިލޭ އެހީދޭން 2019 ވަނަ އަހަރު އިންޑިއާއިން ފުރަތަމަ އެއްބަސްވި އެވެ. އޭގެ ފަހުން އެ އެހީ 155 މިލިޔަން ރުފިޔާއަށް އިތުރުކުރަން މިދިޔަ ޖުލައި މަހު އެއްބަސްވެ، އެމްއޯޔޫއެއްގައި ސޮއިކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ.
މިއަދު އިފްތިތާހު ކުރެވުނު މަޝްރޫއުތަކުގެ އިތުރުން، މި ގްރޭންޓް ސްކީމްގެ ދަށުން މިހާރުވެސް 12 މަޝްރޫއެއްގެ މަސައްކަތް ދަނީ ހިނގަމުންނެވެ.

އެގޮތުން އައްޑޫ ސިޓީ ހިތަދޫ، މަރަދޫ އަދި ހުޅުދޫ އަދި ނ. ނެދިކުޅުދޫގައި ގޭދޮށު މަސް ޕްލާންޓް ގާއިމުކުރުމާއި، އައްޑޫ ސިޓީ ހިތަދޫ، ފޭދޫ، މަރަދޫ، މީދޫ އަދި ހުޅުދޫގައި ޓޫރިޒަމް ޒޯންތައް ތަރައްގީކުރުމާއި، މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސްގެ ފަރާތުން ހަނިމާދޫގައި ހިންގާ އެގްރިކަލްޗަރަލް ލިންކޭޖްސް ޕްރޮޖެކްޓާއި، އައްޑޫ ސިޓީ ހުޅުދޫގައި ޑްރަގް ޑީޓޮކްސް ސެންޓަރެއް ގާއިމުކުރުމާއި ހއ.ހޯރަފުށީގައި ވޯޓަރ ބޮޓްލިންގ ފެކްޓްރީއެއް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދެ އެވެ.













