މޭ ހަވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން އެ ހަމަލާގެ އެންމެ އިސްކޮށް އުޅުނުކަމަށް ތުހުމަތުކުރާ ދެ މީހެއްގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ދައުވާކޮށްފި އެވެ.
ޕީޖީ އޮފީހުގެ ސްޕޯކްސްޕާސަން އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ވިދާޅުވީ އެ މައްސަލައިގަ ދައުވާކޮށްފައިވަނީ ހއ. މޮޅަދޫ، ބަހާރުގެ، އަބްދުﷲ އަލިމަނިކާއި، ހއ. ހޯރަފުށި، އަލަނާސިގެ، މުހައްމަދު ތަސްލީމްގެ މައްޗަށް ކަމަށެވެ. އެ ދެ މީހުންނަށް ދައުވާކޮށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ އިއްޔެ އެވެ.
ތަސްލީމާއި އަލިމަނިކުގެ މައްޗަށް ދައުވާކުރަނީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުން، ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާ އެވެ. އެހެން ނަމަވެސް އެ ދެމީހުންނަކީ ވެސް ފުލުހުން ތުހުމަތުކުރާ ގޮތުގައި ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން އެ ހަމަލާ ރޭވުމުގައި އިސްކޮށް އުޅުނު ދެ މީހުންނެވެ.
ހަމަލާގެ ތުހުމަތާ ގުޅިގެން އަލި މަނިކު ހައްޔަރުކޮށްފައިވަނީ މޭ 18 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގަ އެވެ. އަލި މަނިކަކީ 2007 ވަނަ އަހަރު އއ. ހިމަންދޫގައި ފުލުހުންނާ ސިފައިންނާ ހަރުކަށި ފިކުރަށް ނިސްބަތްވާ ބަޔަކާ ހިނގައިދިޔަ ކުރިމަތިލުންތަކެއްގައި އިސްކޮށް އުޅުނު މީހެކެވެ. އަލިމަނިކު އެ މައްސަލައިގަ ޖަލު ހުކުމް ތަންފިޒުކުރަމުންދަނިކޮށް ވަނީ ޖަލުން ވެސް ފިލައިފަ އެވެ.
ތަސްލީމަކީ ވެސް ހަރުކަށި ފިކުރު ފެތުރުމުގެ ތުހުމަތު ކުރެވިފައި އޮތް މީހެކެވެ. އަދި، މއ. އެނބޫގޭގެ އެޕާޓްމަންޓެެއްގައި އެޓިކް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުން ހިންގަމުން ގެންދިޔަ އޮފީސް ތެރޭގައި އައިއީޑީއެއް ހެދުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވަނިކޮށް އޭނާ ހައްޔަރުކުރި އެވެ.

އޭނާއާއެކު އިތުރު ހަތަރު މީހަކު ވެސް އޭރު ވަނީ ހައްޔަރުކޮށްފަ އެވެ. ތަސްލީމް ދޫކޮށްލާފައިހުރީ މުޖުތަމައުއަށް ނުރައްކަލެއް ނެތް ކަމަށް ކަނޑައެޅުމަށްފަހުކަން މި ނޫހަށް ވަނީ އެނގިފަ އެވެ.












