މެޑްރިޑް (އޮކްޓޫބަރު 20) - ޗެމްޕިއަންސް ލީގުގައި މިރޭ ލިވަޕޫލުން 3-2 އިން އެއް ކުޅުންތެރިއަކު މަދުކޮށް މެޗު ނިންމާލި އެތުލެޓިކޯ މެޑްރިޑް ބަލިކުރިއިރު، ރެއާލް މެޑްރިޑާއި ޕީއެސްޖީ ކުޅުނު މެޗުތަކުން މޮޅުވެއްޖެ އެވެ.
ޔޫކްރެއިންގެ ޝަހުތަރު ޑޮނެސްކް ދަނޑުގައި ރެއާލް މޮޅުވީ 5-0 އިންނެވެ. އަދި ޕީއެސްޖީ ވަނީ އަމިއްލަ ދަނޑުގައި 3-2 އިން ޖަރުމަނުގެ އާރްބީ ލައިޕްޒިގު ބަލިކޮށްފަ އެވެ.
އެތުލެޓިކޯގެ ވަންޑާ މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރަތަމަ 13 މިނިޓް ތެރޭ ލިވަޕޫލުން ދެ ގޯލުގެ ލީޑެއްނެގި އެވެ.
މެޗުގެ އަށް ވަނަ މިނިޓްގައި މުހައްމަދު ސަލާހު އެތުލެޓިކޯގެ ތިން ކުޅުންތެރިން ކައިރިން ދެމިގަތުމަށް ފަހު ޖެހި ބޯޅަ ލިވަޕޫލްގެ ޖޭމްސް މިލްނާ ފައިގައި ޖެހިފައި ގޯލަށް ވަން ނަމަވެސް އެ ގޯލު ދޭން ނިންމީ ސަލާހަށެވެ. މި ގޯލާ އެކު ސަލާހު ވެފައިވަނީ ލިވަޕޫލް ތާރީހުގައި ޖެހިޖެހިގެން ނުވަ މެޗުގައި އެ ޓީމަށް ގޯލު ޖަހައިދިން ފުރަތަމަ ކުޅުންތެރިޔާ އަށެވެ. އޭގެ ފަހުން މެޗުގެ 13 ވަނަ މިނިޓްގައި އެތުލެޓިކޯގެ ޑިފެންޑަރު ފިލީޕޭ ހެދި ގޯހެއްގެ ފައިދާނަަގައި ނަބީ ކެއިޓާ ވަނީ ލިވަޕޫލްގެ ދެ ވަނަ ގޯލު ޖަހައިފަ އެވެ.
އެތުލެޓިކޯ އަށް މެޗުގެ 20 އާއި 34 ވަނަ މިނިޓްގައި ގޯލުތައް ޖަހައިދީ އެންޓޮއިން ގްރީޒްމަން ވަނީ އެ ޓީމަށް އެއްވަރުކޮށްދީފަ އެވެ. އެތުލެޓިކޯ އަށް ލީޑުނަގައިދޭން ތޯމަސް ލެމާ އާއި ގްރީޒްމަން، ޔާއޯ ފެލިކްސް އަދި ޔަނިކް ކަރާސްކޯ ފޮނުވާލި ހަމަލާތައް ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ ވަނީ މަތަކޮށްފަ އެވެ.

ގްރީޒްމަން ކުރި ފައުލް.
އެތުލެޓިކޯ އަށް މައްސަލަ ދިމާވީ މެޗުގެ 54 ވަނަ މިނިޓްގައި ގްރީޒްމަން އަށް ރަތް ކާޑު ދެއްކުމެވެ. ގްރީޒްމަން އަށް ރަތް ކާޑު ދެއްކީ މަތިން އައި ބޯޅައަކަށް ލި ފައިން ލިވަޕޫލްގެ ރޮބާޓޯ ފިރްމީނޯ ބޮލުގައި ޖެހުމުންނެވެ.
އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު އެތުލެޓިކޯ ކޮޅަށް ލިވަޕޫލް މޮޅުކޮށްދިން ގޯލު ޖެހީ މެޗުގެ 78 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން ސަލާހު އެވެ. މިއީ ޑިއޯގޯ ޖޮޓާ އަށް އެތުލެޓިކޯގެ މާރިއޯ ހާމޯސޯ ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ.
އޭގެ ފަހުން ޖޮޓާ ކުރި ފައުލަކަށް އެތުލެޓިކޯ އަށް ޕެނަލްޓީއެއް ދޭން ނިންމި ނިންމުން ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު ވަނީ ބަދަލުކޮށްފަ އެވެ. މި ނަތީޖާއާ އެކު ލިވަޕޫލް ވަނީ 2009 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ސްޕެއިންގެ ޓީމެއް އަތުން ރަށުންބޭރުގައި ޗެމްޕިއަންސް ލީގުގައި މޮޅެއް ހޯދައިފަ އެވެ.
ގްރޫޕް ބީގެ އެއް ވަނައިގައި ލިވަޕޫލް އޮތީ ތިން މެޗުން މޮޅުވެ ނުވަ ޕޮއިންޓާ އެކު އެވެ. ދެ ވަަނައިގައި އޮތް އެތުލެޓިކޯ އާއި ތިން ވަނައިގައި އޮތް ޕޯޓޯ އަށް ތިން މެޗުން ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. ޕޯޓޯ އަތުން 1-0 އިން މިރޭ ބަލިވި އޭސީ މިލާން އެންމެ ފުލުގައި އޮތީ ތިން މެޗުން ޕޮއިންޓެއް ނުލިބި އެވެ.
އަމިއްލަ ދަނޑުގައި ކުޅުނު ޕީއެސްޖީ ވަނީ މިރޭ ކީލިއަން އެމްބާޕޭގެ ގޯލުން ލީޑުނަގައިފަ އެވެ. އެކަމަކު، އަންޑްރޭ ސިލްވާ ލައިޕްޒިގަށް އެއްވަރުކޮށްދިންއިރު، ދެ ވަނަ ހާފްގައި ނޯޑީ މުކިއޭލޭ ވަނީ ލައިޕްޒިގަށް ލީޑުނަަގައިދީފަ އެވެ.
އެމްބާޕޭ ދިން ބޯޅައަކުން ޕީއެސްޖީ އަށް އެއްވަރުކޮށްދިނީ ލިއޮނަލް މެސީ އެވެ. އަދި އެމްބާޕޭ އަށް ކުރި ފައުލަކަށް ލިބުނު ޕެނަލްޓީ އަކުން ޕީއެސްޖީ މޮޅުކޮށްދިން ގޯލު ޖެހީ މެސީ އެވެ. މި ފަހަރު ޗެމްޕިއަންސް ލީގުގައި މެސީ ވަނީ ޕީއެސްޖީ އަށް ތިން ގޯލު ޖަހައިދީފަ އެވެ. ފުރަތަމަ ގޯލު ޖެހީ މެންޗެސްޓާ ސިޓީ ކޮޅަށެވެ.

ލައިޕްޒިގުގެ ޓައިލާ (ކ) ކައިރިން ޕީއެސްޖީގެ މެސީ ބޯޅަ ހިފައިގެންދަނީ.
އިތުރު ވަގުތުގައި ޕީއެސްޖީ އަށް ދެ ވަނަ ޕެނަލްޓީއެއް ލިބުނެވެ. އެ ޕެނަލްޓީ ކާމިޔާބު ކޮށްގެން މެސީ އަށް ހެޓްރިކެއް ހެދެން އޮތް ނަމަވެސް ދިނީ އެމްބާޕޭ އަށެވެ. އެމްބާޕޭ ޖެހި ޕެނަލްޓީ ދިޔައީ ހުރަސްދަނޑިމަތިންނެވެ.
މި ގްރޫޕްގެ އަނެއް މެޗުން މެންޗެސްޓާ ސިޓީ ވަނީ ބެލްޖިއަމްގެ ކްލަބް ބްރޫޖްގެ މައްޗަށް 5-1 އިން ކުރިހޯދައިފަ އެވެ.
ޕީއެސްޖީ ގްރޫޕް އޭގެ އެއް ވަނައިގައި އޮތީ ތިން މެޗުން ހަތް ޕޮއިންޓާ އެކު އެޗެ. ދެ ވަނައިގައި އޮތް ސިޓީ އަށް ތިން މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ކްލަބް ބްރޫޖަށް ވަނީ ތިން މެޗުން ހަތަރު ޕޮއިންޓް ލިބިފަ އެވެ. އެންމެ ފުލުގައި އޮތް ލައިޕްޒިގަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.
މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ރެއާލުން ވަނީ ޝަހުތަރުގެ މައްޗަށް ބޮޑު މޮޅެއް ހޯދައިފަ އެވެ. ރެއާލުން ލީޑުނެގީ ޝަހުތަރުގެ ސާޖީ ކްރިސްޓޯވް އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. އެ ޓީމުގެ އަނެއް ހަތަރު ގޯލުގެ ތެރެއިން ދެ ގޯލު ވިނީޝިއުސް ޖޫނިއާ ޖެހިއިރު، ދެން ގޯލުތައް ކާމިޔާބުކުރީ ރޮޑްރީގޯ އާއި ކަރިމް ބެންޒެމާ އެވެ.
މި ގްރޫޕްގެ އަނެއް މެޗުން މޮލްޑޯވާގެ ޝެރިފް ޓިރާސްޕޯލް އަތުން އިންޓަ މިލާން ވަނީ އަމިއްލަ ދަނޑުގައި 3-1 އިން މޮޅުވެފަ އެވެ. އެޑިން ޒެކޯގެ ގޯލުން އިންޓަ ލީޑުނަގާފައިވަނިކޮށް ޝެރިފަށް ދެ ވަނަ ހާފްގެ ކުރީކޮޅުގައި އެއްވަރުކޮށްދިނީ ސެބަސްޓިއަން ތިލް އެވެ. އިންޓަ މޮޅުކޮށްދިން ގޯލުތައް ޖެހީ އާޓޫރޯ ވިޑާލް އާއި ސްޓެފަން ޑި ވްރައި އެވެ.
ގްރޫޕް ޑީގެ އެއް ވަނައިގައި އޮތް ޝެރިފާއި ދެ ވަނައިގައި އޮތް ރެއާލަށް ވަނީ ތިން މެޗުން ހަ ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް އިންޓަ އަށް ތިން މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު، އެންމެ ފުލުގައި އޮތް ޝަހުތަރުން ތިން މެޗު ކުޅުނުއިރު އަދި ޕޮއިންޓެއް ނުލިބެ އެވެ.
ގްރޫޕް ސީގެ އެއް ވަނައިގައި އޮތް އަޔަކްސް އިން ވަނީ އަމިއްލަ ދަނޑުގައި ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑް އަތުން 4-0 އިން މޮޅުވެފަ އެވެ. އަޔަކްސް ވަނީ ކުޅުނު ތިން މެޗުން ވެސް މޮޅުވެފަ އެެވެ. އެ ގްރޫޕްގެ އަނެއް މެޗުން ބެސިކްޓާސް ދަނޑުގައި ޕޯޗުގަލްގެ ސްޕޯޓިން ލިޒްބަން މޮޅުވީ 4-1 އިންނެވެ.












