ހދ. ކުޅުދުއްފުށީ އެއާޕޯޓްގެ ރަންވޭ ލައިޓިން ސިސްޓަމް މި އަހަރު ނިމުމުގެ ކުރިން ނިންމައި އަންނަ ޖެނުއަރީ މަހު ތެރޭ އެ އެއާޕޯޓަށް ރޭގަނޑު ދަތުރުތައް ފެށޭނެ ކަމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ބުނެފި އެވެ.
އެ ކުންފުނިން ހިންގަމުން އަންނަ އެއާޕޯޓުގެ ރަންވޭ ލައިޓިންގެ މަސައްކަތް ހަވާލުކޮށްފައިވަނީ ބެއިޖިން ޒެޑްއާރްޖީޑަބްލިއު ކޯޕަރޭޝަން ލިމިޓެޑާ އެވެ.
ރީޖަނަލް އެއާޕޯޓްސްގެ ސީއޯއޯ އަހުމަދު އިބްރާހީމް ވިދާޅުވީ އެހެން އެއާޕޯޓްތަކާ ހިލާފަށް ކުޅުދުއްފުށީ އެއާޕޯޓްގައި ގާއިމުކުރާ ލައިޓިން ސިސްޓަމަކީ ލެޑް ސިސްޓަމެއް ކަމަށާއި އޭގެ ސަބަބުން ދިމާވާ މައްސަލަތަށް މަދުވެ ލައިޓުތަކުގެ އުމުރު ދިގުވުމުގެ އިރުތުން ލައިޓިންއަށް ހޭދަވާ ކަރަންޓު ހަރަދު ވަރަށް ބޮޑަށް ކުޑަވާނެ ކަމަށެވެ.
ކުރިޔަށް އޮތްތަނުގައި ކުންފުނިން ހިންގަމުން އަންނަ ހުރިހާ އެއާޕޯޓެއްގައިވެސް ލައިޓް ހަރުކޮށް ރޭގަނޑު ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖައްސުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެގޮތުން ހުރިހާ ލައިޓިން ސިސްޓަމްތަކަކީ ވެސް ލެޑް ލައިޓިން ސިސްޓަމް ތަކަކަށް ހެދުމުގެ އިތުރުން އިއާދަކުރުނިވި ހަކަތަ ބޭނުންކުރާ ސިސްޓަމަކަށް ހެދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އުތުރުގެ އިގްތިސާދީ މައި ހަބު ކަމަށްވާ ކުޅުދުއްފުށީގައި އެއާޕޯޓެއް ހުޅުވީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.












