"ހަތަރު ގަޑިއިރު،" ހަމީދު އެ ބަސް ބުނީ ވަރަށް ބާރު ލައިފަ އެވެ.
އެއީ އޭނާގެ އެންމެ ތިން މަހުގެ ތުއްތު ދަރިފުޅަށް ފަރުވާ ނުލިބި ދިޔަ ފުރާނަ ގެއްލެންދެން ބަލަން ތިބެން ޖެހުނުއިރެވެ. އެ ހަތަރު ގަޑިއިރުގެ ތެރެއިން ދެ ގަޑިއެއްހާއިރު، ހަމީދާއި އޭނާގެ މުޅި އާއިލާ ކެއްކޮށްލައިގެން ތިބީ އެ ދަރިފުޅަށް ފަރުވާދޭން އެމްބިއުލާންސް އަންނަން ދެނެވެ.
"އަހަރުން ފުރަތަމަ ގުޅާފަ ބުނިން، މިއީ ހޮސްޕިޓަލް ކައިރިއެއްނޫންހޭ، ދަރިފުޅު އަތްމައްޗަށް ލައިގެން ވެސް އަހަރުން ދުވެފަ ވެސް ގޮސްދާނަމޭ، އެހާވެސް ކައިރި މިގެއާ ހޮސްޕިޓަލާ، ފަރުވާ ދޭށޭ،" ހަމީދު އަސަރާއެކު ކިޔައިދިނެވެ.
އެންމެ ފުރަތަމަ ކުއްޖާގެ ހާލު ދެރަވެގެން ހަމީދު ގދ. ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގުޅީ ހޯމަ ދުވަހުގެ ފަތިހު 4:00 ޖަހާކަންހާއިރު އެވެ.
އޭރު ވެސް ހަމީދާއި އޭނާގެ އާއިލާ ތިބީ ކޮވިޑުގެ ކަރަންޓީނަކުން ސަލާމަތް ނުވެފަ އެވެ. ހަމީދު އެތައް ފަހަރެއްގެ މަތިން ހޮސްޕިޓަލަށް ގުޅައިގެން ކެނޑިނޭޅި އާދޭސް ކުރަމުން ދިޔައީ ދަރިފުޅަށް ފަރުވާ ހޯދަން ހޮސްޕިޓަލަށް ދެވޭނެ ގޮތެއް ހަދައިދިނުމަށެވެ.

"އެކަމަށް އެމީހުން ހުއްދައެއް ނުދިން. ބުނި މިކޮޅަކަށް ނޫނޭ އަންނަން ޖެހޭނީ ވެސް. ކޮވިޑް ފެސިލިޓީއަށޭ، އެއީ ޕޮޒިޓިވް ޕޭޝަންޓެއް ވީމަ. ދެން ހޮސްޕިޓަލަސް އަޔަސް އެޓެންޑްއެއް ނުކުރެވޭނެއޭ ޑޮކްޓަރު ބުންޏޭ ބުނީ ރިސެޕްޝަނުން،" ހަމީދު ބުންޏެވެ.
މިއީ އިމަޖެންސީ ހާލަތެއް ކަމަށާއި، ދަރިފުޅުގެ ހާލު ދެރަވަމުންދާ ކަމަށް ހަމީދު ކިތަންމެ ވަރަކަށް ކިޔައިދިނަސް، ހޮސްޕިޓަލުގަ އޮން ކޯލްގަ ހުރި ޑޮކްޓަރާ ހަވާލާދީ ހޮސްޕިޓަލްގެ ރިސެޕްޝަނުން ލިބެމުންދިޔައީ ހަމަ އެއް ޖަވާބެކެވެ. އެއީ ކޮވިޑު ޕޭޝަންޓެއްކަމަށާއި ޑޮކްޓަރު އެޓެންޑް ނުވާނެ ކަމަށެވެ. އަދި ބަންދު ދުވަހެއްކަމުން، ހަމީދު ކުޑަކުދިންގެ ޑޮކްޓަރަކަށް ދައްކަން އެދުނުނަމަވެސް، އެކަން ވެސް ވާނީ ކުޑަކުދިންގެ ޑޮކްޓަރު ހެނދުނު 8 ޖަހާއިރު ޑިއުޓީއަށް ނުކުތުމުން ކަމަށް ބުންޏެވެ.
އެންމެ ފަހުން ހަމަ އެ ކޯލުގައި ހުރެގެން، ކޮވިޑް ފެސިލިޓީއަށް ދާން އެއްބަސްވެ، އެތަނަށް ދެވޭނެ ގޮތެއް ހަދައިދިނުމަށް ވެސް ހަމީދު އެހާ ހިސާބުން އެދުނެވެ. އެކަމަކު އޭނާ ކުރިން މަސައްކަތްކުރި އެ ހޮސްޕިޓަލުން ދެން އައި ޖަވާބަކީ އޭނާއަށް ވެސް ހައިރާކަން ގެނުވި ޖަވާބެކެވެ. 24 ގަޑިއިރު އޮޕަރޭޓްކުރަން ހަމަޖެހިފައިވާ ތިނަދޫގެ ކޮވިޑް ފެސިލިޓީ އެވަގުތު ހުރީ ބަންދުކޮށްފައިކަމަށާއި، އެތަނަށް ދަރިފުޅު ގެންދެވޭނީ އެތަން ސާފުކުރުމަށްފަހު ކަމަށް ހޮސްޕިޓަލުން އޭނާއަށް މައުލޫމާތު ދިނެވެ.
"ފެސިލިޓީއަށް ގެންދެވުނުއިރު ވެސް 6:15 ވަރު ވެދާނެ ހަމަ. އޭރު ބޭބީގެ ހާލު މަޑުމަޑުން ދަށްވަމުން ގޮސް އޮތީ ހަމަ ކިރިޔާ، އެ ހުރިހާ އިރަކު އަހަރުން އިރުއިރުކޮޅާ އެމްބިއުލާންސް ފޮނުވަން އެދިގެން ގުޅީމަ އެބަ ބުނޭ، އެބަ ދެޔޭ އެބަ ދެޔޭ،" ހަމީދު ކިޔައިދިނެވެ.
ކޮވިޑު ފެސިލިޓީއަށް 6:15 ހާއިރު ދެވުނު ގޮތަށް، އަނެއްކާ ވެސް ހަމީދާއި އޭނާގެ އާއިލާއަށް ބަލަންތިބެން ޖެހުނީ ހިތްދަތި މަންޒަރެކެވެ. އެތަނުގައި ހޮސްޕިޓަލުގެ މުވައްޒަފުންގެ ގޮތުގައި ތިބީ ހަމައެކަނި ބޭރުގެ ދެ ނަރުހުންނެވެ. އެތަނުން އެއްވެސް ބޭފުޅަކީ ކުޑަކުދިންނަށް ދޭނެ ފަރުވާއެއް "ނޭނގޭ" ބައެއް ކަމަށް އެމީހުންގެ އަމަލުތަކުން ހަމީދަށް ސިފަ ވެގެން ދިޔަ އެވެ.
"އެއީ އެތަނަށް ވައިން ގޮތަށް އެމީހުން ގުޅި ހޮސްޕިޓަލަށް، މިކޮޅަށް މީހުން ފޮނުވަދޭން، އެކަމަކު އޭރު ވެސް ޑޮކްޓަރު ބުނަމުން އައީ ކޮވިޑު ޕޭޝަންޓެއް ވީމަ ނާދެވޭނެއޭ. ދެން އައިވީ ގުޅަން ވެސް އެ ނަރުސް އުޅުނު ދޮޅު ގަޑިއެއްހާއިރު، އުޅެގެން ވެސް އެ ކުއްޖާއަށް އެކަން ނުވި، އައިވީ ނުގުޅާ އޮއްވާ ދަރިފުޅު ގެއްލުނީ،" ހަމީދު ބުންޏެވެ.
އެހާލުގައި ދަރިފުޅު އޮއްވާ 7:40 ހާއިރު ދަރިފުޅު އެއްކޮށްހެން ގެއްލެން ފެށިކަމަށް ހަމީދު ކިޔައިދިނެވެ. އަދި އެންމެ ފަހުން ހާލު ދެރަވެގެން އޭގެ މާ ގިނަ އިރެއް ނުވަނީސް ލޯބިވާ ދަރިފުޅުގެ ފުރާނަ ހަމީދުގެ ލޯ މައްޗަށް ގެއްލިގެން ދިޔަ އެވެ.
އެ މައްސަލައިގަ ހައިރާންވާ އަނެއްކަމަކީ، ތިނަދޫގައި ވެސް މާލެއެކޭ އެއްގޮތަށް ކޮވިޑު ބަލިމީހުންނަށް އަމަލުކުރާ އުސޫލުގެ ދަށުން 14 ދުވަހުގެ ކަރަންޓީނަށް ފަހު ދޫކުރަން ޖެހޭ ކަމެވެ. އެހެން ނަމަވެސް މިދިޔަ މަހުގެ ފަހުކޮޅު ކަރަންޓީނަށް ލި ހަމީދުގެ އާއިލާއިން ވަނީ ކަރަންޓީން ފުރިހަމަކޮށްފަ އެވެ.
ކަރަންޓީން މުއްދަތަށް ފަހު މަޑުކޮށްލައިގެން ތިބީ ކަމާބެހޭ ފަރާތްތަކުން ރިލީޒް ކުރަންދެންނެވެ. އެ ހިތްދަތި ހާދިސާއާ ކުރިމަތިލީއިރު ވެސް އާއިލާގެ އެއްވެސް މީހެއްގެ ކިބައިން، އަދި ދަރިފުޅުގެ ކިބައިން ވެސް ކޮވިޑުގެ އެއްވެސް އަލާމާތެއް ފެންނަން ނެތް ކަމެވެ.
"މިމަހުގެ ފަސް ވަނަ ދުވަހުން ފަށައިގެން އެއްވެސް ސިމްޓަމްއެއް ނެތް ބޭބީ ގައިގަ ވެސް. 14 ދުވަސް މާ ބޮޑަށް ވެސް ވެ ނިމިފަ އޮންނާނީ، އެ ދުވަހަކީ އަޅުގަނޑުމެން ރިލީޒް ކުރަން ޖެހޭ ދުވަސް އަސްލު. އެކަމަކު ކޮވިޑު ވިޔަސް ނުވިޔަސް، ބޭބީއަށް ލިބެން ޖެހޭ ފަރުވާ ލިބެން ޖެހޭނެ. ޑޮކްޓަރަކު ބިރުން އެކަން ނުކޮށް ހުރެގެން ނުވާނެ،" ހަމީދު ބުންޏެވެ.
ކުއްޖާގެ ފުރާނަ ގެއްލުނު ފަހުން، ހޮސްޕިޓަލުގެ ބޮޑު ޓީމެއް އެތަނަށް އައިކަމަށް ހަމީދު ބުންޏެވެ. އަދި ކުއްޖާގެ ސްކޭންއެއް ކުރަން އެދުމުން ވެސް އެހާ ހިސާބުން ދެން އިތުރަށް އެއްވެސް ކަމެއް ކުރަން އާއިލާއިން ހުއްދައެއް ނުދޭނެކަމަށް ހަމީދު ބުންޏެވެ.
"އެއީ އެޓެންޑްވީ ބޭބީ ނިޔާވި ފަހުން. ދެން އިތުރަށް ކޮން ކަމެއް ކުރެވޭނީ،" ހަމީދު ބުންޏެވެ.
މިކަމާ ގުޅިގެން ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ މެނޭޖަރު އަހުމަދު ސައީދު ވިދާޅުވީ ތުއްތު ކުއްޖެއްގެ ފުރާނަ ގެއްލިގެން ދިޔުމަކީ ހިތާމަވެރި ކަމެއް ކަމަށާއި ހޮސްޕިޓަލުން މިހާރު އެ މައްސަލައިގަ ހިމެނޭ ޑޮކްޓަރު ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.

ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް.-- ފޮޓޯ: ސްޓޫޑިއޯ 33
"އަޅުގަނޑުމެން މިދަނީ ބަލަމުން އެ މައްސަލައިގަ ފާހަގަކުރެވުނު ކަންކަން. އެބަ އުޅޭ ކަންކަން ފާހަގަވާ. އެ މައްސަލަ ބަލާނަން، ހިތާމަވެރި ކަމެއް އެއީ ވެގެން ނުވާނެ، ހާއްސަކޮށް އިމަޖެންސީ ހާލަތެއްގައި. ދެން މިކޮޅުން އެބަ އެދެން ހެލްތު މިނިސްޓްރީގަ ވެސް އެކަން ބަލައިދޭން،" ސައީދު ވިދާޅުވި އެވެ.
ހޮސްޕިޓަލުން އިތުރަށް އެއްޗެކޭ ބުނެވޭނީ މައްސަލަ ރަނގަޅަށް ބެލުމަށް ފަހުކަމަށް ސައީދު ވިދާޅުވި އެވެ.
މަރުވި ތުއްތު ކުއްޖާއަކީ ކޮވިޑް ބަލިމީހެއްކަމަށް ކަނޑަނޭޅި، އެއީ އެ ކުއްޖާއާއި އާއިލާގެ ވެސް ކަރަންޓީނު މުއްދަތު ހަމަވެފައި އޮތުމުންނެވެ. ކޮވިޑް މަރެއްގެ ގޮތުގައި ކަނޑައަޅަނީ، 14 ދުވަހުގެ ތެރޭގައި މަރުވުމުން، ނުވަތަ އެޑްމިޓްކޮށްފައިވާ ބަލިމީހުން 21 ދުވަސް ތެރޭ މަރުވެއްޖެ ނަމަ އެވެ.
އެ ހާލަތަށް އެ ތުއްތު ކުއްޖާ ނުދެ އެވެ. އަދި ކުއްޖާގެ ބައްޕަ ވެސް ބުނަނީ ކުއްޖާގެ ކިބައިގައި ކޮވިޑުގެ އަލާމާތެއް ނެތްކަމަށެވެ.
ކޮވިޑާ ހެދި ފަރުވާ ނުދިނުން "ހައިލީ ލައިކްލީ"
އެ މައްސަލައާ ގުޅޭ އިތުރު މައުލޫމާތުތަކެއް ވެސް މި ނޫހަށް ވަނީ ލިބިފަ އެވެ. އެ މައްސަލައިގަ ހިމެނޭ މިސްރަށް ނިސްބަތްވާ ޑޮކްޓަރުގެ ކިބައިން އެފަދަ އެހެން ކަމެއް މީގެ ކުރިން ފާހަގަވެފައެއް ނުވާކަން، މައްސަލަ ރަނގަޅަށް ދަންނަ ފަރާތަކުން ވަނީ މި ނޫހާ ހިއްސާކޮށްފަ އެވެ.
އެހެން ނަމަވެސް އެ މައްސަލައިގަ ކުއްޖާގެ އާއިލާގެ ފަރާތުން ވެސް އަދި ހޮސްޕިޓަލުގެ ފަރާތުން ވެސް އިހުމާލުގެ އަމަލުތަކެއް ވެފައި ހުރިކަން އެ ފަރާތުން ބުނެ އެވެ.
"ހުކުރު ދުވަހު، އެ ކުއްޖާ އޮންލައިންކޮށް ކޮންސަލްޓް ކުރި. ދެން ޑޮކްޓަރުން އެދުނު އޮބްޒަވޭޝަނަށް ގެންނަން ވެސް. އާއިލާއިން އޭރު ބުނިކަމަށް ވަނީ ކަރަންޓީނު ނިންމާފަ ގެންދާނަމޭ. އެހެން ހުއްޓާ ކުއްޖާގެ ހާލު ދެރަވީ މައުލޫމާތު ލިބޭ ގޮތުގައި،" އެ ފަރާތުން ކިޔައިދިނެވެ.
ހޮސްޕިޓަލުން އެހެން ނުބުނި ނަމަވެސް، ކުއްޖާއަށް ފަރުވާ ދިނުމުގައި ލަސްތަކެއް ހޮސްޕިޓަލުގެ ފަރާތުން އުޅޭކަން ވަރަށް ސާފުކޮށް ހޮސްޕިޓަލަށް ވެސް އެނގޭނެކަމަށް އެ ފަރާތުން ކިޔައިދިނެވެ. އަދި ހަމަ އެއާއެކު އާއިލާއިން ވެސް އެންމެ އެދެވޭ ގޮތެއްގައި ފަރުވާއަށް އަވަހަށް ނުގެނައުން ވެސް އެއީ މައްސަލައެއް ކަމަށް އެ ފަރާތުން ދެކެ އެވެ.
ޑޮކްޓަރު ފަރުވާދޭން ދެކޮޅު ހެދިކަމަށް އާއިލާއިން އެބަ ބުނެ އެވެ. އެ ފަރާތުން ބުނީ، އެއީ ކޮވިޑުގެ ބިރުވެރިކަމާހެދި ޑޮކްޓަރު އަމަލުކުރި ގޮތަކަށްވުން ވަރަށް ގާތް ކަމެއް ކަމަށެވެ.
"އެބޭފުޅާ ފަރުވާ ނުދިނީ ކޮވިޑާ ހެދި! ހައިލީ ލައިކްލީ ހަމަ،" އެ ފަރާތުން ބުންޏެވެ.













