ލަންޑަން (އޮކްޓޫބަރު 19) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފަހު ވަގުތު އަލެކްސަންޑަ ލަަކަޒޭޓް ޖެހި ލަނޑުން ކްރިސްޓަލް ޕެލަސް އަތުން އާސެނަލް ބަލިނުވެ ސަލާމަތްވެއްޖެ އެވެ.
އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި އެ ޓީމު ޕެލަސްއާ އެއްވަރުވީ 2-2 އިންނެވެ.
ރޭގެ ނަތީޖާއާ އެކު އާސެނަލް އޮތީ އަށް މެޗުން 11 ޕޮއިންޓާ އެކު ލީގުގެ 12 ވަނައިގަ އެވެ. އާސެނަލްގެ ކުރީގެ ކެޕްޓަން ޕެޓްރިކް ވިއޭރާ ކޯޗުކޮށްދޭ ކްރިސްޓަލް ޕެލަސް އަށް އަށް މެޗުން ލިބުނީ އަށް ޕޮއިންޓެވެ. އެ ޓީމު އޮތީ ލީގުގެ 14 ވަނައިގަ އެވެ.
އާސެނަލަށް ރޭގެ މެޗު ފަށައިގެން އަށް ވަނަ މިނިޓްގައި ލީޑުނަަގައިދިނީ އެ ޓީމުގެ ކެޕްޓަން ޕިއޭ އެމެރިކް އޮބާމަޔަން އެވެ. ނިކޮލަސް ޕެޕޭ ޖެހި ޝޮޓެއް ކްރިސްޓަލް ޕެލަސްގެ ކީޕަރު ވިސެންޓޭ ގައީޓާ އަތުގައި ޖެހިފައި ލިބުމުން އޮބާމަޔަން ވަނީ ހަަމަޖެހިލާފައި ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.
ދެ ވަނަ ހާފްގައި ކުޅުން ރަނގަޅުކޮށް މެޗުގެ 50 ވަނަ މިނިޓްގައި ކްރިސްޓިއަން ބެންޓެކޭ ވަނީ ކްރިސްޓަލް ޕެލަސް އަށް އެއްވަރުކޮށްދީފަ އެވެ. އާސެނަލްގެ ތޯމަސް ޕާޓޭ އަށް ގެއްލުނު ބޯޅައެއްގައި ކްރިސްޓަލް ޕެލަސް އިން ކުރި މި އެޓޭކުން ބެންޓެކޭ އޭރިއާތެރެއަށް ވަދެ ވަނީ ގޯލުގެ ތިރީ ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ. މެޗުގެ 73 ވަނަ މިނިޓްގައި ކްރިސްޓަލް ޕެލަސް އިން ލީޑުނެގި އެވެ. ހާފުގެ މެދެއްހާ ހިސާބުން އާސެނަލްގެ ސަމްބީ ލޮކޮންގާ އަށް ގެއްލުނު ބޯޅައަކުން ކްރިސްޓަލް ޕެލަސް އިން ކުރި ކައުންޓަ އެޓޭކެއްގައި އާސެނަލް އޭރިއާތެރެއިން ކްރިސްޓަލް ޕެލަސްގެ އޮޑްސަން އެޑޮއާޑް ޖެހި ބޯޅަ ގޯލަށް ވަނީ ހުރަސްދަނޑީގައި ޖެހިފަ އެވެ.
އަލުން އެއްވަރުކުރަން އާސެނަލުން ފުލުފުލުގައި އެޓޭކްތައް ކުރަމުން ދިޔައިރު، އެ ޓީމުގެ ކިއެރަން ޓިއާނީ ޖެހި ބާރު ބޯޅައެއްވަނީ ހުރަސްދަނޑިއަށް އަމާޒުވެފަ އެވެ. އާސެނަލުން އެއްވަރުކުރި ގޯލު ޖެހީ އިތުރު ވަގުތުގެ ފަަސް ވަނަ މިނިޓްގަ އެވެ.
އާސެނަލްގެ ބެން ވައިޓް ޖެހި ބޯޅައެއް ކީޕަރު ގައީޓާ ފައިގައި ޖެހިފައި ލިބުމުން އޭރިއާތެރޭގައި ހުރެފައި ލަކަަޒޭޓް ވަނީ ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ. މިއީ މި ފަހަރު ލީގުގައި ލަކަޒޭޓްގެ ފުރަތަަމަ ގޯލެވެ.
މި ޕޮއިންޓާ އެކު ކްރިސްޓަލް ޕެލަސް އިން ވަނީ އާސެނަލް ދަނޑުގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗު އެއްވަރުކޮށްފަ އެވެ. ޕެލަސްގެ ކޯޗު ވިއޭރާ ބުނީ މިއީ ހަގީގަތުގައި މޮޅުވެވެން ޖެހޭ މެޗެއް ކަމަށެވެ. އެކަމަކު، އާސެނަލް ދަމަހައްޓަމުން އައި ފޯމަށް ބަލާއިރު މި ނަތީޖާ ވެސް ޕެލަސް އަށް ގޯހެއް ނޫން ކަމަށް ވިއޭރާ ބުނެފައިވެ އެވެ.
އާސެނަލްގެ ކޯޗު މިކޭލް އާޓެޓާގެ ޝަކުވާ އަކީ ކްރިސްޓަލް ޕެލަސްގެ ޖޭމްސް މެކާތާ ފުރަތަމަ ހާފުގައި އާސެނަލްގެ ބުކާޔޯ ސަކާ އަށް ކުރި ނުރައްކާތެރި ފައުލަށް ރަތް ކާޑެއް ނުދެއްކުމެވެ. މެކާތާ ބޯޅައިގައި ޖެހުމުގެ އެއްވެސް ވިސްނުމެއް ނެތި ސަކާ ގައިގައި ފައިން ޖެހުމުން ވެސް ރަތެއް ނުދެއްކުމުން ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ ބޭނުމަކީ ކޮބައިތޯ އާޓެޓާ ވަނީ ސުވާލު އުފައްދައިފަ އެވެ.












